ތިންވަނަ ބޮޑުހަނގުރާމައެއް ފެށިއްޖެނަމަ މި ހަނގުރާމަ ވާނީ ޙަޔަވީ ވައިރަހާއި ސައިބަރާނީ ހަނގުރާމައެއް ކަމަށް އެމެރިކާގެ ޠަބީޢިއްޔާތާ ބެހޭ އުސްތާޒެއް ކަމުގައިވާ ރިޗަރޑް މޮލަރ ވިދާޅުވެއްޖެއެވެ.
މޮލަރ ، ވޯލް ސްޓްރީޓް ޖަރނަލްގައި ޝާއިޢުކުރެއްވި މަޒްމޫނެއްގައި ވިދާޅުވާގޮތުގައި ތިންވަނަ ބޮޑުހަނގުރާމައެއް ފެށޭނީ އަޅުގަނޑުމެން ލަފާކުރާގޮތަކަށް ކަމަށް ނުވެ ހިނގައިދާނެއެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިންވަނަ ބޮޑުހަނގުރާމައިގައި މިހާރު ބޭނުންކުރާ ޒަމާންވީ ހަތިޔާރާއި ބޮމާއި މިސައިލް ބޭނުންކުރާ ތަނެއް ނުފެންނާނެއެވެ. މި ހަނގުރާމައިގައި އިސްކަންދެވޭ ހަތިޔާރަކަށް ވާނީ ޙަޔަވީ ވައިރަހާއި ކޮމްޕިޔުޓަރ ވައިރަސްތަކެވެ. އޭނާ މިސާލެއް ދައްކަވަމުން ވިދާޅުވިއެވެ. ކޮވިޑް 19 އަކީ ގަސްތުގައި ދީފައިވާ ޙަމަލާއެއް ނޫނެވެ.އެހެނަސް މި ވައިރަހުގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށް ވަރަށް އަވަހަށް ވަރަށް ކާމިޔާބުކަމާއެކު ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.
އެމެރިކާގެ ކެލިފޯނިޔާގެ ޔުނިވަރސިޓީގެ ޠަބީޢިއްޔާތާ ބެހޭ އުސްތާޒު މި މަޒްމޫނުގައި ލިޔުއްވައިފައިވާ ގޮތުގައި ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާނެ ޤާތިލު ވައިރަހެއް ބޭނުންކުރަން ވިސްނުމުގެ ކުރިން އެ ޤައުމުން އެ ޤައުމުގެ ރައްޔިތުން މި ވައިރަހުން ޙިމާޔަތްކުރުމަށް ޓަކައި ފިޔަވަޅު އަޅަން ޖެހޭނެއެވެ. އިންފުލުއެންޒާއަށް ވެކްސިންދިނުމުގެ ނަމުގައި މި މަސައްކަތްކޮށްފާނެއެވެ. މި ވައިރަސް ފަތުރާލުމުގެ ކުރިން ޤައުމުގެ މުޅި އާބާދީ ދިގު މުއްދަތަކަށް އެ ވައިރަހުން ރައްކައުތެރިކޮށް އެމީހުންގެ ދަފަރާ ވަރުގަދަ ކުރުމަށް މަސައްކަތްކުރަން ޖެހޭނެއެވެ. އެއީ އޭތި އައު ފިޔަވަހިތަކަކަށް ބަދަލުވެ ނުރައްކާތެރި ވާދަނައަކަށް ހިނގައިދާނެތީއެވެ. އޭނާ ވިދާޅުވިގޮތުގައި ކޮވިޑް 19 ވައިރަސް 9 މަސް ދުވަސް ވަންދެން އައު ފިޔަވަހިތަކަކަށް ބަދަލުވެގެން ގޮސްފައެއް ނުވެއެވެ.
ކޮމްޕިޔުޓަރ ވައިރަސް
މޮލަރ ވިދާޅުވާ ގޮތުގައި ހަތިޔާރެއްގެ ގޮތުގައި ވައިރަސް ބޭނުން ކުރެވޭނީ ދަފަރާގެ ބާރު ކުޑަކޮށްލައިގެންނެވެ. ކޮވިޑް 19 ގައި އެ ވައިރަސް އުފުލި މީހުންގެ ކިބައިން ބަލީގެ ޢަލާމާތްތައް ފެންނަ ފެށީ އެ ވައިރަސް އޭނާގެ ގައިގައި ވަކިހިއްޕައިލި ފަހުންނެވެ.
އޭނާ ވިދާޅުވާގޮތުގައި މި ސިއްރު ޙަމަލާ ދޭންޖެހޭނީ އަމާޒުކުރެވޭ ޤައުމަށް މި ވައިރަސް ގެންގޮސް ފަތުރައިގެންނެވެ. އުފެއްދި ޤައުމުގެ ތެރެއަކުންނޫނެވެ. އެންމެ ރަނގަޅުވާނީ ޙަޔަވީ މަރްކަޒެއް ކައިރިންނެވެ. އެއީ މީހުންނަށް އޮޅުވައިލުމަށް ޓަކައެވެ. އެ ވައިރަސް ފޭދުނީ ކުށަކުންކަން ދައްކާށެވެ.
މޮލަރަކީ (JASON) ޖަމާޢަތުގެ ޤައުމީ ސަލާމަތާބެހޭ މުޝީރެކެވެ. އޭނާއާއެކު މި ޖަމާޢަތުގައި ކޮމްޕިޔުޓަރ ވައިރަހާ ބެހޭ ތަޖްރިބާކާރުންވެސް ހިމެނިވަޑައިގަންނަވައެވެ.އެއީ ތިންވަނަ ބޮޑުހަނގުރާމައެއްގައި ބޭނުންކުރެވިދާނެ ހަތިޔާރެއްގެ ގޮތުގައި ކޮމްޕިޔުޓަރ ވައިރަސް ބޭނުންކުރުމާބެހޭ ދިރާސާތައް ކުރައްވަމުން ގެންދަވާ ސައެންސީންތަކެކެވެ. އޭނާ ވިދާޅުވިގޮތުގައި ފިދްޔަ ޕްރޮގްރާމްތަކަކީ ( ރޭންސަމް ޕްރޮގްރާމްތަކަކީ) ހަކަތަ ވިއުގަތަކަށާއި ކަރަންޓް އިސްޓޭޝަންތަކަށާއި ކާރުޚާނާތަކަށާއި ތެޔޮ ސާފުކުރާ ތަންތަނަށާއި ރޭލްތަކަށާއި މަތިންދާބޯޓުތަކަށާއި ބޭންކްގެ ޚިދްމަތްދޭ ތަންތަނަށާއި ދަތުރުފަތުރުކުރުމުގެ ޚިދްމަތްދޭ ތަންތަނަށާއި މުދާ އުފުލާ ޤާފިލާތަކަށާއި ފެނުގެ ބިނާރުތައްފަދަ މުހިއްމު އަދި ޤައުމުގެ ޙަޔަވީ ތަންތަނަށް ޙަމަލާދިނުމަށް ބޭނުންކުރެވިދާނެ " ވަރުގަދަ " ހަތިޔާރެކެވެ.
ހަސްފަތާލުތައް އަމާޒަކަށް ވާނެ
މޮލަރ މި މަޒްމޫނުގައި ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމަ ނުފެށޭކަން ދައްކައި އޮޅުވައިލުމަށް ޓަކައި ޢަސްކަރީ ތަންތަނަށް ކުރީކޮޅުގައި ޙަމަލާއެއް ނުދޭނެއެވެ. އޭގެ ބަދަލުގައި އެ ޙަމަލާތަކުގެ މުހިއްމު އަމާޒަކަށް ހަސްފަތާލުތައް ވާނެއެވެ. މި ޙަމަލާދޭ މީހާ ( މީހުން ) އޮޅުވައިލުމަށް ޓަކައި އެމީހުންވެސް ވަނީ ޙިޞާރު ކުރެވިފައިވާ ކަމަށް ބުނާނެއެވެ.
މިއީ އެއްގޮތަކަށް ވެސް ހޮލީވުޑްގެ ފިލްމެއްގެ ސީނާރިއޯތަކެއް ނޫނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޙަޔަވީ ވައިރަސްތަކާއި އިލެކްޓްރޯނިކް ވައިރަސްތަކުގެ އަޖުމަ ވަނީ ޢަމަލީ މައިދާނުގައި ބެލިފައެވެ.އޭނާ ވިދާޅުވިގޮތުގައި ޙަޔަވީ އަދި އިލްކްޓްރޯނީ ޙަމަލާއަކީ އޭގެ އަގު ވަރަށް ބޮޑު ޙަމަލާއެކެވެ. މުޅި ޢަމަލިއްޔާ ވަންހަނާކޮށްގެން ހުރެ އޭނާގެ މަޤްޞަދުތައްޙާޞިލުކުރެވިދާނެތީއެވެ.
މޮލަރ އޭނާގެ މަޒްމޫނު ނިންމަވައިލައްވަމުން ވިދާޅުވެފައިވަނީ އެމެރިކާގެ އިސްވާރުން މިކަމާމެދު ސަމާސާކަނޑައިލައްވައިފާ ވިސްނަވަންވާނެއެވެ. ހަނގުރާމައަކާ ކުރިމަތިނުލައި އަދި ޙަމަލާއެއް ދެވޭކަން ނޭނގި އެމެރިކާ ބަލިކޮށް ވައްޓައިލައިފާނެއެވެ. އޭނާ ވިދާޅުވިގޮތުގައި މި ކަމަށް އެޅެން އޮތް އެންމެ ވަރުގަދަ ފިޔަވަޅަކީ އެކަމުގައި ކާމިޔާބު ނުލިބޭނެކަން ދުޝްމަނުންނަށް އަންގައިދީ އޭގެ ނަތީޖާ ވަރަށް އަވަހަށް ވަރަށް ހިތިކޮށް ފެންނާނެކަން ޙަމަލާދޭ ފަރާތަށް ވިސްނައިދިނުމެވެ.