ސްކައި ނިވްޒް ގެ ރިޕޯޓެއް ބުނާގޮތުގައި ޔުކްރޭން ހަނގުރާމައިގެ މައިދާނަށް ބަލާއިރު ކިޔީވުން ފަށައިފައިވާ އިދިކޮޅު ޙަމަލާއަކީ ނާކާމިޔާބު ޙަމަލާއެއް ކަމަށް ނޫނީ ނުބުނެވޭނެއެވެ. އަނެއްކޮޅުން ބަލާއިރު ކިޔީވް ސަލާމަތް ކުރުމަށް ޓަލައި ސިފައިން ފޮނުވުމާމެދު ނޭޓޯއިން ދަނީ ވިސްނަމުންނެވެ.
ޔުކްރޭންގެ ރައީސް ޒިލެންސްކީ ބުރާސްފަތިދުވަހު އެއްބަސްވެވަޑައިގެންނެވި ގޮތުގައި ޙަމަލާ " އަވަހެއް " ނޫނެވެ. އެހެނަސް ކިޔީވް ސިފައިން ދަނީ ކުރިއަރަމުންނެވެ. އޭނާ މިދިޔަ އާދީއްތަދުވަހު ވިދާޅުވިގޮތުގައި ޙާލަތު " ވަރަށް ތައުގީދު " އެވެ. ޔުކްރޭން ސިފައިންގެ ކުރިއެރުން ތަތްކަމަށް ބަހަނާ ދައްކަވަމުން ވިދާޅުވި ގޮތުގައި " އަދި ބޮޑު ޙަމަލާއެއް ނުފެށެއެވެ. "
ޔުކްރޭންގެ ޢަސްކަރީ ތަޖްރިބާކާރަކު ސްކައި ނިވްޒްއަށް ވިދާޅުވިގޮތުގައި ޔުކްރޭންގެ ޙަމަލާތަކުން އަމާޒަށް ވާޞިލުވުން ލަސްވަނީ އެއަށްވުރެ " މާ ފުޅައު " ޙަމަލާއަކަށް ތައްޔާރުވަމުންދާތީއެވެ.
ކޮންމެ ގަހަކުން ކޮންމެ މީޓަރަކުން ފިޔަވަޅެއް
ޔުކްރޭންގެ ރައީސް ޒިލެންސްކީ ވިދާޅުވާ ގޮތުގައި އިދިކޮޅު ޙަމަލާއާއާ ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ. އޭގެތެރޭގައި އެންމެ މުހިއްމު ކަމަކީ އެފް 16 ގެ މަތިންދާބޯޓުފަދަ ހަތިޔާރުތައް ލިބުން ލަސްވުމެވެ. މި ކަމުގެ ސަބަބުން ރަޝިޔާއަށް ވަނީ މައިދާންތަކުގެ ވަށައިގެން މައިން ދަނޑުތައް ހެއްދުމުގެ ފުރްޞަތު ލިބިފައެވެ. އެމީހުންނަށް ދިފާޢީ ރޮނގުތައް ތައްޔާރުކުރުމަށް ވަގުތު ލިބުނެވެ.
ސީއެންއެން ބުނިގޮތުގައި ވަރަށް ދިގު އިންތިޒާރަކަށްފަހު ޔުކްރޭނުން ދޭން ފެށި އިދިކޮޅު ޙަމަލާ ކުރިއަށްދާ ގޮތާމެދު ޔުކްރޭންގެ އެކުވެރިންނާއި ބައިވެރިން ވަރަށް ކަންބޮޑުވެއެވެ. މި ޙަމަލާތައް " ކީލޯމީޓަރުން ކުރިއަށް ދިޔުމުގެ ބަދަލުގައި ކުރިއަށް ދަނީ މީޓަރަކުން މީޓަރަކުންނެވެ. "
ޔުކްރޭން ސިފައިންގެ މީހަކު ބުރާސްފަތިދުވަހު ބުންޏެވެ. " މައިން ދަނޑުތައް ވަރަށް ބޮލެވެ. ބިންތައް މިނިވަންކުރުމަށް ޓަކައި ބާރުތަކަށް " ކުރިއަށް ދެވެނީ ގަހަކުންގަހަކުންނެވެ. "
ސީއެންއެން ބުނާގޮތުގައި ޔުކްރޭނަށް އެހީވާ ހުޅަނގާ އެމެރިކާއަށް ވެސް ވަނީ މަސްއަލަތަކަކާ ކުރިމަތިވެފައެވެ. އޭގެތެރޭގައި އެ ޤައުމުތަކުގެ ލާދަ ހިސާބަށްވުރެ މައްޗަށް ދިޔުމާއި ބޭންކުތަކުން ދޭ ފައިދާގެ ރޭޓު މައްޗަށް ދިޔުން ވެއެވެ. މީގެއިތުރަށް އެ ޤައުމުތަކާ ވަނީ ޢާންމު އިންތިޚާބުތަކާވެސް ކުރިމަތިލާން ޖެހިފައެވެ. އަހަރެއް ދޮޅުއަހަރެއްހާ ދުވަހުގެތެރޭގައި މި ޤައުމުތަކުގައި އިންތިޚާބުތައް ބެއްވޭނެއެވެ. އެހެންކަމުން ޔުކްރޭނަށް މި ދޭ ބޮޑު އެހީއަށް ބަހަނާތައް ވަނީ ދައްކަން ޖެހިފައެވެ. ޔުކްރޭން ހަނގުރާމައިގެ ސަބަބުން އެ ޤައުމުތަކުގައި ހަކަތައިގެ އަގާއި މުހިއްމު މުދާތަކުގެ އަގު ވަނީ މައްޗަށް ގޮސްފައެވެ.
ބޮޑު ޙަމަލާގެ ކުރިން ކުދި ޙަމަލާތަކެއް
ޔުކްރޭން ބުނާގޮތުގައި އިދިކޮޅު ޙަމަލާގެ ބޭނުމަކީ ރަޝިޔާއިން " ހިފައިފައިވާ " ބިންތައް ( ކްރެމިޔާ ، ޑޮނެޓްސްކް ، ލޮގަންސްކް، ޒަބަރޯޖިޔާ ، ޚަރސަން) މިނިވަންކުރުމެވެ. އެހެނަސް މިހާތަނަށް ދިން ޙަމަލާތަކުގައި ހިފިފައިވަނީ އިރުދެކުނު ސަރަޙައްދުން ހައެއްކަ ރަށެވެ.
ޔުކްރޭންގެ ދިފާޢީ ވަޒީރުގެ ނައިބާ ގަނާ މަލިޔާރު އޭނާގެ ޓެލެގްރާމުގައި ވިދާޅުވާ ގޮތުގައި " ހަނގުރާމަ ހުރިހާ ދިމާއެއްގައި އެބަ ހިނގަމުން ދެއެވެ. އެހެނަސް ޙާލަތު ވަރަށް ތައުގީދެވެ."
އެމެރިކާގެ ދިފާޢީ ވަޒީރުގެ ކުރީގެ މުޝީރު ޑަގްލަސް މެކްގްރިގޯރ ވިދާޅުވާ ގޮތުގައި ޔުކްރޭނަށް ސިފައިން ފޮނުވުމާމެދު ނޭޓޯއިން ދަނީ ދިރާސާ ކުރަމުންނެވެ.
Judging Freedom ޗެނެލްގައި އޭނާ ވިދާޅުވި ގޮތުގައި ޕޮލެންޑާއި ލިޓްވޭނިޔާއިން ދަނީ ޔުކްރޭނަށް ސިފައިން ފޮނުވުމުގެ މަސްއަލައާ ބެހޭގޮތުން ދިރާސާތައް ކުރަމުންނެވެ.
މީގެއިތުރަށް އެމެރިކާގެ ބައެއް މަސްއޫލުވެރިން ރޮއެޓާރޒަށް ވިދާޅުވިގޮތުގައި ވޮޝިންގްޓަނުން ދަނީ " ކޯޅި ބޮން" ޔުކްރޭނަށް ދިނުމާމެދު ވިސްނަމުންނެވެ. މިފަދަ މަނާ ހަތިޔާރެއް ދިނުމުން ޔުކްރޭންގެ ޙަމަލާއަށް ހިންދަމައިލެވޭނެއެވެ.
ހުޅަނގުން ބުނާގޮތުގައި ޔުކްރޭންގެ އިދިކޮޅު ޙަމަލާ ފުރަތަމަ ފިޔަވަހީގައި ފޭލްވިޔަސް އެއީ މުޅި ޙަމަލާ ފޭލްވުމެއް ނޫނެވެ. ޔުކްރޭން މިހާރު ތައްޔާރުވަމުން ދަނީ މާ ބާރުގަދަ މާ ފުޅާއި ޙަމަލާއެއް ދިނުމަށެވެ.