Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަރަންސޭސިވިލާތް

ފަރަންސޭސީން ޖަޒާއިރުގައި ކުރި ނިޔުކްލިޔަރ ތަޖްރިބާތަކުން ލިބުނު ގެއްލުންތައް

ފަރަންސޭސިވިލާތުން ޖަޒާއިރުގެ ސަހަރާގައި 1958 ން ފެށިގެން 1966އާ ހަމައަށް ކޮށްފައިވާ ނިޔުކްލިއަރ ތަޖްރިބާތައް ކޮށްފައިވާ ސަރަޙައްދުތަކުގެ ޗާޓުތައް ދިނުމަށް ޖަޒާއިރުން އެދުމުން ފަރަންސޭސިވިލާތުން އެކަމަށް ނޫނެކޭ ބުނެފިއެވެ. ޖަޒާއިރުން މި ޗާޓު ބޭނުންވީ އެތަންތާނގައި ކޮށްފައިވާ ނިޔުކްލިއަރ ތަޖްރިބާތަކުގެ ސަބަބުން ވިސަޑުވެ ތަޣައްޔުރުވެފައިވާތީ އެ ތަންތަން ސާފުކުރުމަށެވެ.
ޖަޒާއިރުގެ ޗީފް އޮފް ސްޓާފް ސަޢީދު ޝަންޤަރީޙާ މި ދިޔަ ޖަނަވަރީމަހު ފަރަންސޭސިވިލާތަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގައި ގެންދެވި ފައިލްތަކުގެތެރޭގައި ހިމެނޭ އެންމެ މުހިއްމު ފައިލަކީ މި ފައިލްކަމަށް ޚަބަރުތައް ބުނެއެވެ. 2021 ގެ އެޕްރިލްގައި ފަރަންސޭސި ޗީފް އޮފް ސްޓާފް ޖެނެރަލް ފްރާންސްވާ ލޮކާންޓަރ ޖަޒާއިރަށް ކުރެއްވި ދަތުރުފުޅުގައި ވެސް މި ފައިލާމެދު ބަޙުސްކުރެވުނެވެ.
ޖަޒާއިރުގެ ސަހަރާތެރޭގައި ނިޔުކްލިއަރ 17 ތަޖްރިބާކޮށްފައި ވެއެވެ. އޭގެތެރެއިން 4 ތަޖްރިބާކޮށްފައިވަނީ ބިންމަތީގައި އަދްރާރު ސްޓޭޓްގެ ރައްޤާން ސަރަޙައްދުގައެވެ. އަނެއް 13 ތަޖްރިބާކޮށްފައިވަނީ ބިމުއަޑީގައި އިން އޭކަރ ސަރަޙައްދުގައްޔާއި ތަމަންރާސްތު ސްޓޭޓްގެ ވާދީ އައްނާމޫސް ގައެވެ. މި ތަޖްރިބާތަކުގެ ސަބަބުން ޖަޒާއިރުގެ މި ސްޓޭޓްތަކުގެ ބޮޑު ސަރަޙައްދެއް ރޭޑިއޭޝަން ސަބަބުން ވަނީ ވިސަޑުވެފައެވެ. މި ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށާއި ގަސްގަހާގެއްސަށް މި ނިޔުކްލިޔަރ ވިހަތަކުގެ އަސަރު މިހާރުވެސް ދަނީ ކުރަމުންނެވެ.
ޖަޒާއިރުގެ ރައީސް ޢަބްދުލްމަޖީދު ތައްބޫން ވިދާޅުވާ ގޮތުގައި ފަރަންސޭސީން ޖަޒާއިރުގެ ބިމުގައި ހިންގައިފައިވާ ލާއިންސާނީ ޢަމަލުތަކުގެ ޒިންމާ ފަރަންސޭސިވިލާތުން އުފުއްލަންޖެހޭނެއެވެ. މި ކަމަށް ޕެރިހުން ބަދަލުދޭން ޖެހޭނެކަމަށް ވެސް ރައީސް ތައްބޫން ވިދާޅުވިއެވެ.

މި ތަޖްރިބާތަކުގެ ސަބަބުން ޖަޒާއިރުގެ 42 ހާސް މީހަކަށް ކެންސަރު ބައްޔާއި ލޮލުގެ ބަލިތަކާއި ވާވުމާއި ޖިސްމާނީ އުނިކަން ލިބިފައި ވެއެވެ. މީގެއިތުރަށް ތިމާވެށި ވިސަޑުވުމާއި ގަސްގަހާގެއްސާއި ޖަނަވާރުތައް މަރުވެ ނެތިގެން ދިޔުމާއި އޭއްޗެއްސަށް އާދަޔާޚިލާފު ބަލިތައް ޖެހުން ވެއެވެ.

މިއީ ނޫނެކޭ ބުނި ފުރަތަމަފަހަރެއް ނޫން

ފަރަންސޭސީން ޖަޒާއިރުގައި ކުރި ނިޔުކްލިއަރ ތަޖްރިބާތައް ކުރި ސަރަޙައްދުތަކުގެ ޗާޓު ދިނުމަށް ޕެރިހުން ވަނީ ކުރިންވެސް ދެކޮޅު ހަދައިފައެވެ. އެހެނަސް މިއީ ޖަޒާއިރުގެ ޗީފް އޮފް ސްޓާފް މިކަމަށް އެދިވަޑައިގަތް ފުރަތަމަފަހަރެވެ. ޖަޒާއިރުން ހީކުރީ އޭނާގެ މި އެދިވަޑައިގަތުމަށް ޕެރިހުން އީޖާބީ ޖަވާބެއް ދޭނެކަމަށެވެ. އެއީ ރައީސް މެކަރޯން ޖަޒާއިރަށް ކުރެއްވި އެންމެ ފަހު ޒިޔާރަތުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް ހެޔޮ އަސަރުތަކެއް ކޮށްފައިވާތީއެވެ.
ޖަޒާއިރުގެ މުޖާހިދުންނާ ބެހޭ ކުރީގެ ވަޒީރު އައްޠައްޔިބު ޒައިތޫނީ ފަރަންސޭސިވިލާތުގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތުގައި ޖަޒާއިރުގެ ނޫސްއޭޖެންސީއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ފަރަންސޭސިވިލާތުން ވަނީ ނިޔުކްލިއަރ ކުނިބުނިތައް ވަޅުލައިފައިވާ ތަންތަން ބުނެދޭ ޗާޓުތައް ދިނުމާ ދެކޮޅު ހަދައިފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަރަންސޭސިވިލާތުން މި ތަންތަން ސާފުކޮށްދިނުމާބެހޭގޮތުން އެއްވެސް އިސްނެގުމެއް ނަގައިފައެއް ނުވެއެވެ. އޭނާ ވިދާޅުވިގޮތުގައު އިސްތިޢުމާރީ މި އަނިޔާވެރިކަން ޖަޒާއިރުގެ ބިމަށާއި ޖައްވަށާއި ވެށްޓަށާއި ގަސްގަހާގެއްސަށާއި ޖަނަވާރުތަކަށް އަދިވެސް ދަނީ ކުރަމުންނެވެ.

ޖަޒާއިރު ފަރަންސޭސި ގުޅުން ވަރަށް ތާފަނާ

ފަރަންސޭސި – ޖަޒާއިރު ގުޅުންތައް ވަރަށް ގިނަ މަސްއަލަތަކަކާ ހެދި ވަނީ ވަރަށް ނުތަނަވަސް ވެފައެވެ. އޭގެތެރޭގައި ހިޖްރަކުރުމުގެ މަސްއަލަ ހިމެނެއެވެ. ޖަޒާއިރުން ދެކޭގޮތުގައި އެއީ އެ ޤައުމުގެ ދާޚީލީ މަސްއަލައަކާ ޕެރިހުން ބެހުމެވެ.
ޖަޒާއިރުގެ ސިޔާސީ ޙަރަކާތްތެރިއެއް ކަމުގައިވާ އަމީރާ ބޫ ރާވީއަށް ފަރަންސޭސިވިލާތުން ސިޔާސީ ޙިމާޔަތް ދިން މަސްއަލައަކީ ވެސް ދެ ޤައުމުގެ ގުޅުން ނާޒުކު ފައްތަރަކަށް ގެންދިޔަކަމެކެވެ. އެ މަސްއަލައިގައި ޖަޒާއިރުގެ ސަފީރުވެސް ވަނީ ޤައުމަށް ގެނެސްފައެވެ. މި ކަމާ ވިދިގެން ރައީސް ތައްބޫން އޭނާގެ ޕެރިސް ދަތުރުފުޅު ކެންސަލްކުރައްވައި މޮސްކޯއަށް ދަތުރުފުޅު ކުރެއްވިއެވެ.

ރަޝިޔާއާ ދިމާއަށް މިސްރާބު ބަދަލުކުރުން

މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން ރައީސް ތައްބޫން ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި ފަރަންސޭސި ނިޔުކްލިއަރ ތަޖްރިބާތަކުގެ ސަބަބުން ވިސަޑުވެފައިވާ ޖަޒާއިރުގެ މާޙައުލު ޠާހިރުކުރުމަށް ޓަކައި ރަޝިޔާގެ އެހީ ހޯއްދެވުމުގެ މަސައްކަތް ތައްބޫން ވަނީ ފަށްޓަވައިފައެވެ. ރަޝިޔާއާއެކު އެއްބާރުލުން ހަރުދަނާ ކުރުމަށް ޓަކައި އެ ދެ ޤައުމުގެ ދެމެދުގައި ވަނީ " އިސްތިރާތީޖީ ޙިއްޞާވުމެއްގައި " ސޮއިކުރެވިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ފަރަންސޭސީން ވިސަޑުކޮށް ޚަރާބުކުރި ޖަޒާއިރުގެ މާޙައުލު ސާފުކޮށް ތާހިރުކުރުމުގެ މަސައްކަތް ރަޝިޔާގެ ރަޙްމަތްތެރީންނާއެކު ވަރަށް އަވަހަށް ފެށޭނެއެވެ.

މި ލިއުމާއި ގުޅޭ