Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތަޠައްވުރުގެ ނަޒަރިއްޔާ

ޠަބީޢިއްޔާތު : ތަޠައްވުރު ނަޒަރިއްޔާ ބާޠިލުކޮށް އުވާލައި

މުސްލިމު ޢިލްމުވެރީންގެ ތެރެއިން ގިނަ ބޭފުޅުން މިހާރު ޤަބޫލުކުރައްވާ ގޮތުގައި ތަޠައްވުރު ނަޒަރިއްޔާ ( evolution theory )މިހާރު ވަނީ އޭގެ ނުރަނގަޅުކަން ސާބިތުވެ ބާޠިލުވެ މުއްދަތު ހަމަވެގެން އަރްޝީފުކުރެވިފައެވެ. މިއަދު އެއީ ފިކްރީ މަސްއަލައެއް ނޫނެވެ.
މި ގޮތަށް އެބޭފުޅުން ޤަބޫލުކުރެއްވިޔަސް މި " ޤަބޫލުކުރުން " އޮތީ އެބޭފުޅުންގެ " ވެށީގެ" ތެރޭގައެވެ. ދުނިޔެއާއި އިސްލާމީ ދުނިޔޭގެ ސާނަވީ މަދުރަސާތަކުގެ ޙަޔަވިއްޔާތު ( ބަޔޮލޮޖީ ) ގެ މާއްދާގެ މުޤައްރަރުގައި އަދި މަތީ ތަޢުލީމުގެ ޙަޔަވިއްޔާތާއި ދަރުނިއްޔާތުގެ ( ޖިޔޮލޮޖީ ) މުޤައްރަރުތަކުގައި މި ނަޒަރިއްޔާގެ މައްޗަށް ބަރޯސާވެފައިވާލެއް ވަރަށް ބޮޑެވެ. ހުޅަނގުގެ ގިނަ މަޖައްލާތަކާއި ޢިލްމީ ފޮތްތައް އަދިވެސް އޮތީ މި ނަޒަރިއްޔާތަކާއެކުގައެވެ.
މި ނަޒަރިއްޔާ އަދި ވެސް އޮތީ މަރުގެ ދާން މައްޗަކު ނޫނެވެ. ފަހަކަށް އައިސް ހޯދައިފައިވާ ސައެންސީ ވަރަށް ގިނަ ޙަޤީޤަތްތަކުން މި ނަޒަރިއްޔާ ވަނީ ބާޠިލު އެއްޗަކަށް ހަދައިފައެވެ. އިސްލާމީ ދުނިޔޭގައި މި ނަޒަރިއްޔާއާ ބެހޭގޮތުން ފާޑުކިޔައި ލިޔެފައިވާ ގިނަ ފޮތްތަކަކީ ދިރާސާތައް ބުނާގޮތުގައި ޢިލްމީ ފޮތްތަކެއް ނޫނެވެ. އެއީ މަޒްމޫނީ ފޮތްތަކެކެވެ. އަޅުގަނޑުމެންގެ ޢިލްމުވެރީން މި ކަމާ އިދިކޮޅު ސައެންސީ ފޮތްތައް ނުލިޔުއްވާނަމަ އަޅުގަނޑުމެންގެ ދަރިވަރުންގެ ބޮލަށް ވަންނަމުންދާ މި ނަޒަރިއްޔާގެ " ޚިޔާލުތައް " ދުވަހެއް ދުވަހަކަށް ދާނީ އެ ކުދީންގެ ބޮލުގައި އަށަގަންނަމުންނެވެ. އަޅުގަނޑުމެންގެ މުޤައްރަރުތަކުން މި ނަޒަރިއްޔާ ފުހެނުލެވޭނަމަ އޭގެ ސަބަބުން އަޅުގަނޑުމެންގެ ދަރިވަރުންގެ ޢަޤީދާއަށް ލޮޅުން އަރަމުންދާނެކަން ކަށަވަރެވެ.
މި ނަޒަރިއްޔާއާ ބެހޭގޮތުން މުފައްކިރުންނާއި ސައެންސީން ދެ ބަޔަކަށް ބެހިފައި ވެއެވެ. ބައެއް ބޭފުޅުން ޤަބޫލުކުރައްވާއިރު އަނެއްބައިބޭފުޅުން އެ ބަލައެއްނުގަންނަވައެވެ.
މި ނަޒަރިއްޔާ ބަލައިގަންނަ މީހުން ދެ ބަޔަކަށް ބެހިގެން ވެއެވެ. އެއްބަޔަކު މި ނަޒަރިއްޔާ ޤަބޫލުކުރަނީ އަނާދިރު އިއްތިފާޤެއްގެ ސަބަބުން ދިރޭ ހަތައެއް އުފެދުނު ކަމަށް ބުނާ ބިންގަލުގެ މަތީގައެވެ. އެއަށްފަހު ތަރައްޤީވުމުގެ އާލިއްޔަތުގެ މަސައްކަތް ފެށުނީއެވެ.ތަރައްޤީއާ ބެހޭ ގިނަ ސައެންސީންނާއި ފިލޯސަފަރުންނާއި މުލްޙިދު މުފައްކިރުން ބުރަވަނީ މިގޮތަށެވެ. މި ކަމުގައި ޚާލިޤަށް ތަނެއް ނެތެވެ.
ދެވަނަ ބަޔަކު – މިއީ ތަޠައްވުރާ ބެހޭ ސައެންސީންނާއި މުފައްކިރުންނާއި ފިލޯސަފަރުންގެ ތެރެއިން ވަރަށް މަދު ބަޔެކެވެ- މި ނަޒަރިއްޔާ ޤަބޫލު ކުރާއިރު ބުނަނީ ތަޠައްވުރަކީ އެއީ ޚާލިޤުގެ ޒާތުފުޅުގައިވާ ޚަލްޤުކުރެއްވުމުގެ އުސްލޫބެވެ. އޭގެ މާނައަކީ ތަޠައްވުރާ ބެހޭ ޤާނޫނުތަކާއި އޭގެ އާލިއްޔަތުތައް ލެއްވެވީ ﷲ ތަޢާލާއެވެ. ހުރިހާ މަޚްލޫޤާތުތަކެއްގައި ވެސް މި ތަޠައްވުރު މިސްރާބު ކުރައްވަނީ އެކަލާނގެއެވެ. އެކަލާނގެ ލައްވަވައިފައިވާ ވަރަށް ބަރާބަރު ޤާނޫނުތަކަކާ އެއްގޮތްވާ ގޮތުގެ މަތިން މައިމީހާގެ ރަޙިމުގައި އުފެއްދެމުންދާއިރު (ތަޠައްވުރުވަމުންދާއިރު ) ކުއްޖާ މިސްރާބު ކުރައްވާ ގޮތަށް ހުރިހާ މަޚްލޫޤާތުތަކެއް ވެސް މިސްރާބު ކުރައްވަތެވެ. މި ބައިމީހުން ބުނާގޮތުގައި މި ގިއުގަނޑުގެ ތެރޭގައި ތަޠައްވުރަށް އީމާންވުމަކީ ﷲއަށް އީމާންވުމާ ތަޢާރުޟުވާ ކަމެއް ނޫނެވެ. އަދި އެއީ އެކަން ނަފީކުރާ ކަމެއް ވެސް ނޫނެވެ.
އެހެނަސް މި ބައިމީހުންގެ ހަނދާނުން ކައްސައިލައިފައިވާ ކަމަކީ މި ނަޒަރިއްޔާ ސައެންސީގޮތުން ޞައްޙަނޫންކަމެވެ. ވޭތުވެދިޔަ ދަހަރުގެތެރޭގައި ތަޠައްވުރު ( Evolution ) ނަޒަރިއްޔާއަށް ތާއީދުކުރާ މީހުންނާއި ޚަލްޤު ކުރުމުގެ ( Creation ) ނަޒަރިއްޔާއަށް ތާއީދުކުރާ މީހުންނާ ދެމެދުގައި އެމެރިކާގެ ޔުނިވަރސިޓީތަކާއި ޓީވީ ޗެނެލްތަކުގައި ދުއިސައްތައެއްހާ ބަހުސް ބޭއްވިފައި ވެއެވެ . މި ބަހުސްތައް ވަނީ ޗާޕުކޮށްގެން ޝާއިޢުކޮށްފައެވެ. މި ހުރިހާ ބަހުސްތަކެއްގައި ވެސް މޮޅުވެފައި ވަނީ ޚަލްޤުކުރުމަށް ތާއީދުކުރައްވައި ވާހަކަފުޅު ދެއްކެވި އެދުރުންގެ ކޮޅެވެ. ތަޠައްވުރުގެ ފުރޫޒުތަކާ( އެސަމްޕްޝަންތަކާ) ދެކޮޅަށް މި އެދުރުން ސައެންސީ ވަރަށް ގިނަ ހެކިތައް ހުށައެޅުއްވިއެވެ. މި އެދުރުން ތަޠައްވުރަށް ތާއީދުކުރައްވާ އެދުރުންނަށް ގޮންޖައްސަވައިފައި ވަނީ ޠަބީޢިއްޔާތު ( ފިޒިކްސް)ގެ މުހިއްމު ޤާނޫނުތަކުގެ ތެރެއިން ޙަރަކާތާ ބެހޭ ދެވަނަ ޤާނޫނުންނެވެ. މި ދެ ޖަމާޢަތުގެ ދެމެދުގައި ނިޔާ ކަނޑައަޅައިދިނީ ޠަބީޢިއްޔާތެވެ. ޚަލްޤުކުރުމަށް ތާއީދު ކުރެއްވި އެދުރުން ވިދާޅުވި ގޮތުގައި މި ކައުނުގެ އަދި ޙަޔާތުން ޖަރީވެފައިވާ މި ދުނިޔޭގެ އެންމެ ޚާއްޞަ ސިފައަކީ ޙަރަކާތާއި ބަދަލުވުމެވެ. ޒައްރާގެ ކުދިކުދި ބައިތަކުން ފެށިގެން ގޮސް ބޮޑެތި ގުރަހާނާތަކާ ހަމައަށް ބަލާއިރުގައި ވެސް ފެންނަނީ އެ ހުރިހާ އެއްޗެއް ދާއިމީ ޙަރަކާތްކުރުމެއްގައިވާ ތަނެވެ. އަދި އަބަދުވެސް ބަދަލުވަމުންދާ ކަމެވެ. ތަޠައްވުރުގެ ފުރޫޒުތަކާ ޠަބީޢިއްޔާތުގެ ޙަރަކާތާ ބެހޭ ޤާނޫނު ދެކޭގޮތް ވަރަށް ތަފާތެވެ.ދިމާ އދިކޮޅުކަމަށް ބުނެވިދާނެއެވެ.
ތަޠައްވުރުގެ ފުރޫޒު ބުނަނީ : ކައުނު އޮތީ ވަރަށް ބިދާއީ ޙާލަތެއްގައެވެ. ބައު ނަޒަރިއްޔާ ބުނާގޮތުގައި ނަމަ ވިލާކޮޅުތަކަކާއި ގޭސްތަކެކެވެ. ފަހުގެ ނަޒަރިއްޔާ ބުނާގޮތުގައި ނަމަ އޮތީ ކައުނީ ސުރުވާއެކެވެ. އެއީ ބޮޑު ގޮވުން ( BIG BANG ) އެވެ. އެއީ މާއްދާއާއި ހަކަތައިގެ މަސްހުނިގަނޑެކެވެ. ކުޑަކުޑަ ބޯޅައެއްގެ ގޮތުގައި ވަރަށް ބޯކޮށް އޮތް އެއްޗެކެވެ.އެއިން ޒައްރާތައް އުފެދުނެވެ.އެއަށްފަހު ޖުޒައިތައް ( މޮލިކިޔޫލް) އުފެދުނެވެ.ވަގުތުތައް ފާއިތުވަމުން ފާއިތުވަމުންދިޔައިރު އޭއްޗެހިތައް މުރައްކަބު އެއްޗެހިތަކަކަށް ބަދަލުވިއެވެ. އެއަށްފަހު ވަރަށް ހިމުންކަން ބޮޑު ނިޒާމަކަށް ބަދަލުވިއެވެ. އެބަހީ ކައުނު ގަޑުބަޑުކަމުގެ ތެރެއިން ނިޒާމަށް ބަދަލުވިއެވެ. ސާދާކަމުން ތައުގީދުކަމަށް ބަދަލުވިއެވެ. މި ހުރިހާ ކަމެއް ހިނގައިފައި ވަނީ އަނާދިރުކޮށް އިއްތިފާޤީ ގޮތަކަށެވެ. ކައުނުގެ ޢުމުރުގެ އެތައް ބިލިއަން އަހަރެއްގެ ތެރޭގައެވެ. އެމީހުންގެ ނަޒަރުގައި ތަޠައްވުރުވީ ހަމަ އެކަނި އިންސާނުންނެއް ޖަނަވާރުންނެއް ނޫނެވެ. އެއް ހަތާގެ ދިރޭ އެއްޗެއްސެވެ. މުޅި ކައުނު ވެސް ތަޠައްވުރުވީއެވެ.ކައުނު އުފެދުނީއްސުރެ މިހާރުގެ މުރައްކަބު ތައުގީދީ ޙާލަތަށް ބަދަލުވަންދެން ތަޠައްވުރުވީއެވެ. ޙަޔާތް އުފެދި ފާޅުވުމާ ހަމައަށް އަޅުގަނޑުމެންގެ ގުރަހަ ވަނީ ވަރަށް ދިގު ރާސްތާއެއް ކަޑައްތުކޮށްފައެވެ. މި ޙަޔާތުގެ ކުށިބޯށްޓަކީ އިންސާނާ ފާޅުވުމެވެ. ތަޠައްވުރުގެ އެންމެ އުސް ކުންނުއަކީ އިންސާނާގެ ސިކުނޑިއެވެ.
އެހެނަސް ޠަބީޢިއްޔާތު ދެކޭގޮތް މުޅިން ތަފާތެވެ. ތަރމޯޑައިނަމިކްސްގެ ފުރަތަމަ ދެ ޤާނޫނު ބުނާގޮތުގައި " މާއްދާއެއް ނުވަތަ ހަކަތައެއް ނޫފެއްދޭނެއެވެ. އަދި ފަނާކޮށެއް ވެސް ނުލެވޭނެއެވެ. އަދި އެއިން އެއްޗެއް އެހެން އެއްޗަކަށް ބަދަލެއް ވެސް ނުމެކުރެވޭނެއެވެ. " މި ޤާނޫނުތައް ބުނާގޮތުގައި ހަކަތައަކުން ފައިދާ ލިބިގަންނައިރު އެއިން ބައެއް ގެއްލިގެން ދާނެއެވެ. އެމެރިކާގެ ސައެންސީއެއް ކަމުގައިވާ އެފް ބުޝް އޭނާ ލިޔުއްވި ފޮތް " ޠަބީޢިއްޔާތުގެ އަސާސިއްޔާތުތައް " ގައި ވިދާޅުވެފައިވާ ގޮތުގައި ޙާލަތު ބަދަލުވަމުން ދާނީ ރަނގަޅުން ނުބަޔަށެވެ. ދެން އެއަށްވުރެ ނުބަޔަށެވެ. ގިތި ގޮތަކަށް ބުނާނަމަ އެއީ ތަރމޯޑައިނަމިކްސްގެ ދެވަނަ ޤާނޫނެވެ. ފުރަތަމަ ޤާނޫނަކީ ހަކަތަ ދެމިއޮތުމުގެ ޤާނޫނެވެ. ދެވަނަ ޤާނޫނު ބުނާގޮތުގައި އަނާދިރު ހާދިސާތައް ހިނގަމުންދާނީ އެއް ދިމާއަކަށެވެ. މި ދިމާ ބަދަލެއް ނުކުރެވޭނެއެވެ. މިސާލަކަށް ސެންޓު ފުޅިއެއް ހުޅުވައިލީމާ އަތަރުގެ ވަސް ކޮޓަރިތެރެއަށް ފެތުރިގަންނާނެއެވެ. މި ޖުޒައިތައް އަމިއްލައަށް ފުޅިއަށް އަނބުރާ ނުދާނެތެވެ. އިރާއި ތަރިތައް އަނދަމުންދާއިރު އޭއްޗެހިން ހޫނާއި އައްޔާއި ރޭޑިއޭޝަން ވަރަށް ބޮޑަށް ކައުނުގެ ތެރެއަށް ފެތުރިގެންދާނެއެވެ. މި ހަކަތަތައް އަމިއްލައަށް އިރަށް އަލުން ރުޖޫޢައެއް ނުކުރެވޭނެއެވެ. އެހެންކަމުން ކޮންމެ އެއްޗެއްވެސް ދަތުރު ކުރާނީ ރޫޅުމާއި ފަނާވުމާ ދިމާއަށެވެ.
ކައުނުގެ ނިޒާމުގެ މަފްހޫމު ބަޔާންކޮށް ދެއްވުމަށް ޓަކައި ސައެންސީން Entropy ބޭނުންކުރައްވައެވެ. އެންޓްރޮޕީއަކީ ގަޑުބަޑުކަމުގެ މިންވަރެވެ. ނުވަތަ އެއީ އެއިން ފައިދާ ޙާޞިލުނުކުރެވޭނެ ހަކަތައިގެ މިންވަރެވެ. މިހެންވެ ތަރމޯޑައިނަމިކްސްގެ ދެވަނަ ޤާނޫނަށް " އެންޓްރޮޕީ އިތުރުވާ މިންވަރާ ބެހޭ ޤާނޫނު" އެވެ، ކިޔުނެވެ. މި ޤާނޫނު ބުނާގޮތުގައި ކައުނުގައި ހިނގަމުންދާ ހުރިހާ ކަންތައްތަކަކާއި ބަދަލުއައުންތަކަކާއި ތަޣައްޔަރުތަކެއް ހިނގަމުންދަނީ އެންޓްރޮޕީ އިތުރުކުރުމާ ދިމާއަށެވެ. ރޫޅުން އިތުރުކުރުމާއި ހަލާކުވުމާ ދިމާއަށެވެ. މާނައަކީ ކައުނު ދަތުރުކުރަމުންދަނީ މަރުވުމާ ދިމާއަށެވެ. ޠަބީޢިއްޔާތުގެ އެދުރުން ވިދާޅުވާގޮތުގައި ކައުނު ދަތުރުކުރަމުންދަނީ މަރާ ދިމާއަށެވެ. ހޫނު ޖިސްމުތަކުން ( ތަރިތަކުން) ނުކުންނަ ހޫނުކަން ދަތުރުކުރާނީ ( ގުރަހަތައް ފަދަ ) ފިނި ޖިސްމުތަކަށެވެ. މި ދެ ޖިސްމުގެ ހޫނުކަން އެއްވަރުވުމުން ދޭދޭ ޖިސްމުތަކުގެ މެދުގައި ހޫނުކަން ބަދަލުކުރުން ހުއްޓިގެން ދާނެއެވެ. އެ ޖިސްމުތަކުގެ ކުރުންތެރިކަން ނެތިގެންދާނެއެވެ. ޙަރަކާތް ހުއްޓިގެންދާނެއެވެ. އެއީ ކައުނު މަރުވުމެވެ.
އެހެންކަމުން މި ދެ ނަޒަރިއްޔާގެ ދެމެދުގައި ވަރުގަދަ އަރާރުމެއް އެބަ އޮތެވެ. އެކަތި އަނެކައްޗާ ފުށުއަރައެވެ. ތައާރުޟުވެއެވެ. ތަޠައްވުރުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި ކައުނުގައި އުފެދޭ ބަދަލުވުންތަކުގެ ސަބަބުން ނިޒާމު ވަރުގަދަވާނެއެވެ. އެހެންކަމުން ދާއިމީ ސިފައެއްގައި ޙާލަތު ދާނީ ރަނގަޅުވަމުން ހަރުދަނާވަމުން ތައުގީދުވަމުންނެވެ.އެހެނަސް ޠަބީޢިއްޔާތުގެ އެދުރުން ވިދާޅުވާގޮތުގައި ކައުނުގައި އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އެންޓްރޮޕީ އިތުރުވާނެއެވެ. އަދި އޭއްޗެހި ރޫޅި ހަލާކުވާނެއެވެ. އެބަހީ އޭއްޗެހި މަރުވާނެއެވެ. އަމިއްލައަށް ނިޒާމު ވަރުގަދަކޮށްދޭނެ އެއްވެސް ބަހާއެއް ނުވެއެވެ.މިއިން އެނގެނީ ވަގުތާއި ޒަމާނަކީ ފަނާކުރަނިވި ބަހާއެއް ކަމެވެ. އެއީ ބިނާކުރަނިވި ބަހާއެއް ނޫނެވެ.
އެހެންކަމުން ތަޠައްވުރުގެ ފުރޫޒުތަކަކީ ސައެންސްގެ ޙަޤީޤަތްތަކާ ތަޢާރުޟުވާ އެއްޗެކެވެ. ރޫޅުމާއި ބަދަލުވުމާ ދިމާއަށް ދަތުރުކުރާ ޢާލަމެއްގައި އަމިއްލައަށް އެއްވެސް އެއްޗެއް އެއަށްވުރެ ރަނގަޅު އެއްޗަކަށް ތަޠައްވުރެއް ނުވާނެއެވެ. ވީމާ ސައެންސީ ނަޒަރުން ބަލާއިރު ތަޠައްވުރަކީ މުސްތަޙީލު ކަމެކެވެ. ވުޖޫދުގައިވާ އެއްޗެއް ވުޖޫދުކުރާނެ ފަރާތަކަށް ބޭނުންވާނެއެވެ. އެ ފަރާތަކީ މާތްﷲ އެވެ. މަސްއަލައަކީ ﷲ ޤަބޫލުކުރާން ބޭނުން ނުވުމެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (( بَلْ نَقْذِفُ بِالْحَقِّ عَلَى الْبَاطِلِ فَيَدْمَغُهُ فَإِذَا هُوَ زَاهِقٌ وَلَكُمُ الْوَيْلُ مِمَّا تَصِفُونَ - الأنبياء: 18 - އަދި ކިއެއްތަ! ބާޠިލުގެ މައްޗަށް ތިމަންރަސްކަލާނގެ ޙައްޤު ފޮނުއްވަމެވެ. ދެން އެ ޙައްޤު، އެ ބާޠިލު ހަލާކުކޮށްލަތެވެ. ފަހެ، އެހާރުން އެ ބާޠިލު ނެތިހިނގައިދެތެވެ. އަދި (اللَّه އާމެދު އެކަށީގެން ނުވާގޮތުން) ތިޔަބައިމީހުން ސިފަކޮށް، ބުނާބުނުންތަކުން ތިޔަބައިމީހުންނަށް ހަލާކު ހުށްޓެވެ. ))
މި ލިއުމާއި ގުޅޭ