ގައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ބައިގެ ތަށި ހުސައިން ޒަޔާން ޒަކީ އާއި އާމިނަތު ނަބީހާ އަބްދުރައްޒާގް ހޯދައިފިއެވެ.
ޒަޔާންވެސް އަދި ނަބީހާވެސް އެ މުބާރާތް ކާމިޔާބުކޮށްފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަނުންނާ ވާދަކޮށް ކުރި ހޯދައިގެންނެވެ. އެދެމީހުންވެސް ޗެމްޕިއަންކަން ހޯދީ އިއްޔެ ކުޅުނު ފައިނަލު މެޗުތައް ސީދާ ދެ ގޭމުން ކާމިޔާބުކޮށްގެންނެވެ.
އެގޮތުން ފިރިހެން ސިންގަލްސް ފައިނަލުގައި ދެކޮޅަށް ނިކުތް މިދިޔަ އަހަރުގެ ޗެމްޕިއަން ނިބާލް އަތުން ޒަޔާން މޮޅުވީ 21-13 އަދި 21-16 އިންނެވެ.
މި އަހަރުގެ ގައުމީ މުބާރާތުގެ ސިންގްސް ބައިން ޒަޔާން ޗެމްޕިއަންކަން ހޯދިއިރު މިއީ އޭނާ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން ޒަޔާން ވަނީ 2017 ވަނަ އަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
އަންހެން ބައިން ނަބީހާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މިދިޔަ ތިން އަހަރުގެ ޗެމްޕިއަންކަން ހޯދި ފާތިމަތު ނަބާހާ އަބްދުއްރަައްޒާގު ބަލިކޮށްގެންނެވެ.
ނަބީހާވެސް ޗެމްޕިއަންކަން ހޯދާފައިވަނީ ސީދާ ދެ ގޭމުންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-15 ފަހު ސެޓު އޭނާ ކާމިޔާބު ކުރީ 22-20 ންނެވެ.
ޒަޔާންއެކޭ އެއްގޮތަށް ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ނަބީހާވެސް ވަނީ މީގެ ކުރިން އެއް ފަހަރު ކާމިޔާބުކޮށްފައެވެ. އޭނާވެސް ޗެމްޕިއަންކަން ހޯދާފައިވަނީ 2017 ވަނަ އަހަރުގައެވެ.
ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ފައިނަލުގައި މުހައްމަދު އަޖުފާން ރަޝީދު އާއި ނިބާލްގެ ޕެއާ ބަލިކޮށް ޒަޔާން އާއި އަހުމަދު ތޯއިފްގެ ޕެއާ ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.
އެ ފައިނަލުގެ ފުރަތަމަ ސެޓު 12-21 އިން ގެންގޮސްފައިވަނީ އަޖުފާން އާއި ނިބާލްއެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު 21-16 އަދި 21-19 އިން ޒަޔާން އާއި ތޯއިފް ކާމިޔާބުކުރިއެވެ.
މުބާރާތުގެ އަންހެން ޑަބަލްސް ފައިނަލުގައި ނަބާހާ އާއި ނަބީހާގެ ޕެއާ ވަނީ ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. އެ ޕެއާއިން ވާދަކުރީ އައިޝަތު އަފްނާން ރަޝީދު އާއި މައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއާ އާއެވެ. މެޗުގެ ސެޓުތައް ނަބާހާ އާއި ނަބީހާ ގެންދިޔައީ 21-16 އަދި 21-15 އިންނެވެ.
މީގެއިތުރުން އެ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ފައިނަލުގައި ނަބާހާ އާއި ޒަޔާންގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ނިބާލް އާއި ނަބީހާގެ ޕެއާ ބަލިކޮށްފައެވެ. އެ މެޗުގެ ސެޓުތައް ނަބާހާ އާއި ޒަޔާން ގެންދިޔައީ 21-15 އަދި 21-16 އިންނެވެ.
ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަން ހޯދި އަލީ މުއާޒު ވަނީ ފައިނަލުގައި އަހުމަދު އީމާން ސީދާ ދެ ސެޓުން ބަލިކޮށްފައެވެ.
ދެވަނަ ޑިވިޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ފިރުޝާނާ ނަސީރެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޝައިބާ މުހައްމަދު ޝަރީފް ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ.
ދެވަނަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ހުސައިން މުހައްމަދު އާއި މުހައްމަދު އިކްރާމްގެ ޕެއާއިންނެވެ. އެ ޕެއާއިން ޗެމްޕިއަންކަން ހޯދީ ޔޫސުފް ނިޔާޒް އާއި ހަމްޒާ އަބްދުއްރަހުމާންގެ ޕެއާ ބަލިކޮށްގެންނެވެ.
އެ ޑިވިޝަން އަންހެން ޑަބަލްސް ފައިނަލުގައި ޗެމްޕިއަންކަން ހޯދާފައިވަނީ މަދީހާ އަބްދުލްގާދިރު އާއި ޒުހުދާ ހުސައިންގެ ޕެއާއެވެ. އެ ޕެއާއިން ޗެމްޕިއަންކަން ހޯދީ އައިޝަތު ޔޫސުފް އާއި އާމިނަތު ނަސީމާގެ ޕެއާ ބަލިކޮށްގެންނެވެ.