Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚާރިޖީ ވުޒާރާ

ރައީސްގެ ފޯމިއުލާ ހޯދަން އެދުނު ގައުމުތައް ސިއްރުކުރަން މިނިސްޓްރީން ހައިކޯޓަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންކުރެއްވި އިގްތިސާދީ "ފޯމިއުލާ" ހޯދަން އެދުނު ގައުމުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުން ފޮރިން މިނިސްޓްރީން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހަން ރައީސް އިބްރާހީމް ބޭނުންކުރެއްވި ފޯމިއުލާ ހޯދަން ދުނިޔޭގެ ގައުމުތަކުގެ ވެރިން އުޅޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އައްޑޫ ސިޓީގައި މިދިޔަ ޖެނުއަރީ މަހު ބޭއްވި ރައީސް އިބްރާހީމްގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިންނެވެ.
އެހެންވެ، އެ ގައުމުތަކަކީ ކޮބައިކަމާ އެ ގައުމުތަކުގެ ވެރިންގެ ނަން ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް" އިން ފޮރިން މިނިސްޓްރީގައި އެދުމުން، މިނިސްޓްރީން އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހެދި އެވެ.
ސަބަބެއް ކަމަށް މިނިސްޓްރީން ބުނީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ލިބޭ ލިޔުންތަކަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1961) އަދި ވިއޭނާ ކޮންވެންޝަން އޮން ކޮންސިއުލާ ރިލޭޝަންސް (1963) ގެ ދަށުން ހިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ލިޔުންތަކެއް ކަމުގައިވާތީ އެވެ.
އެ މައްސަލަ "ދިޔަރެސް" ގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސް ކުރުމުން މިދިޔަ އޭޕްރީލް މަހުގެ 25 ގައި ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ މިނިސްޓްރީން ބުނި ދެ ކޮންވެންޝަންގައި ހިމާޔަތް ކޮށްދީފައިވާ ކަންތައްތަކުގެ ތެރޭގައި އެ މައުލޫމާތު ހިމެނޭ ކަމަށް ނުފެންނަ ކަމަށެވެ. އަދި ފަސް ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހާމަކުރަން މިނިސްޓްރީއަށް އެންގި އެވެ.
އެކަމަކު ފަސް ދުވަހުގެ މުއްދަތު ހަމަވީ އިރު، އަދިވެސް ފޮރިން މިނިސްޓްރީން އެ މައުލޫމާތު ދިޔަރެސްއާ ހިއްސާކޮށްފައި ނުވާއިރު، މިނިސްޓްރީން މިހާރު ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލަ އަދި ބަލައެއް ނުގަނެ އެވެ.
އޭޕްރީލް މަހު ބޭއްވި އަޑުއެހުމުގައި، ކޮމިޝަނާ އާހިދު ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ވެސް ފޮރިން މިނިސްޓްރީން ވަނީ އެ މައުލޫމާތު މިނިސްޓްރީގައި ހުރިކަން ނުވަތަ ނޫންކަން ޔަގީންކޮށްދޭން ވެސް ދެކޮޅު ހަދާފަ އެވެ. އެކަމަކު މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ ރެކޯޑު ބެލެހެއްޓޭ ކަމަށް މިނިސްޓްރީން ބުނެފައިވާތީ ކޮމިޝަނަރު އާހިދު ނިންމެވީ އެ މައުލޫމާތަކީ ހުރި މައުލޫމާތެއްކަން މިނިސްޓްރީގެ ޖަވާބުން ދޭހަވާ ކަމަށެވެ.
އެކަމަކު އެ މައުލޫމާތު ހާމަކުރަން މިނިސްޓްރީން ދެކޮޅު ހަދާތީ، ފޯމިއުލާ ހޯދަން އެދުނު ވާހަކައަކީ ސިޔާސީ ބޭނުމަކަށް މިނިިސްޓަރު ޝާހިދު ހެއްދެވި އިތުރުފުޅެއް ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ވިދާޅުވެފަ އެވެ.
މި ލިއުމާއި ގުޅޭ