ގަލޮޅު ދަނޑު ތަޅާލައި މުޅިން އައު ސްޓޭޑިއަމެއް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ފެށުމަށް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށާއި އެމަސައްކަތް 2022 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ މިއަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު ތަޅާލުމަށްފަހު، އެތަނުގައި އަޅަން ނިންމާފައިވާ އުންމީދުތަކުން ފުރިގެންވާ އައު ގަލޮޅު ދަނޑުގެ ކުރެހުން މިނިސްޓަރު މަހްލޫފް ދައްކާލީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.
ފުޓުބޯޅަ ދަނޑު ތަޅާލައި، ތަރައްގީކުރުމަށް ނިންމިއިރު، އެކަމާއި ގުޅިގެން ރައްޔިތުންނާ މަޝްވަރާކުރައްވަނީ ކޮންއިރަކުތޯ އޮޅުންފިލުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމްގެ އެދިލެއްވުމަކަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މަޖިލީހަށް ހާޒިރު ކުރިއެވެ.
ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ ޕްލޭނާ ގުޅޭ ގޮތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އެދުވަހު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފު ވިދާޅުވެފައިވަނީ، ގަލޮޅު ދަނޑު ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށް މިހާރު ކުރިއަށްދަނީ އެންމެ ފަހު މަރުހަލާގެ މަސައްކަތް ކަމަށެވެ.
ގާތްގަނޑަކަށް 25 މިލިއަން އެމެރިކާ ޑޮލަރުގެ މި ޕްރޮޖެކްޓް ނިމުމުން ރަނގަޅު ފެންވަރުގެ ދަނޑެއް ހެދިގެންދާނެ ކަމަށް މަހްލޫފް އެދުވަހުގެ ޖަލްސާގައި ވިދާޅުވިއެވެ.
އެއްފަހަރާ 15،000 މީހުންނަށް ވަދެވޭ ވަރަށް ގަލޮޅު ދަނޑު ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ދޭ ލޯނަކުން ކަމަށް އޭރު ސަރުކާރުން ވަނީ ބުނެފައެވެ. އެއީ ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށް އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެެރެއިން ކަމަށް ވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ވެރިކަން ނިމެން ބާކީ ދެމަހެއްހާ ދުވަށް ވީއިރު އަދި މިހާތަނަށް ގަލޮޅު ދަނޑުގައި އެއްވެސް އަމަލީ މަސައްކަތެއް ފެށިފައެއް ނުވެއެވެ. އައު ދަނޑެއް އެޅިފައި ނުވާތާނގައި ގަލޮޅު ދަނޑު މަރާމާތެއް ވެސް ނުކުރެވުނެވެ. ދައުރު ނިމިގެންދިޔައިރު ހަމަ އެކަނި ދައްކާލެވުނީ ތްރީޑީ ކުރެހުމެކެވެ.