Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްވިޑެން

ސްވިޑްނުން އަންދަނީ ޚަތިމު ބާ! ނުވަތަ ހުޅަނގުގެ ފުލޯކު އުޞޫލުތައް ބާ!

ހުޅަނގު ދުނިޔޭގެ ޤައުމުތަކުން ޚާއްޞަކޮށް ފިންލެންޑާއި ނޯވޭއާއި އައިސްލެންޑާއި ސްވިޑްނާއި ޑެންމާރކް ފަދަ އުތުރު ޔޫރަޕްގެ ޤައުމުތަކުން އެ ޤައުމުތަކުގެ ފާގަތިކަމާއި އިންސާނީ ޙައްޤުތަކަށް އިޙްތިރާމު ކުރާކަމާއި ޙައިވާނުންނަށް އަޅައިލާ ވާހަކައާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަ ވާހަކަ އަނގަ ފުޅައުކޮށް ދެ މިޔަކަނިން ސޮނި އޮހޭ ވަރަށް ބާރަށް ވާހަކަދައްކާ ފަތުރަމުންދެއެވެ. ނަމަވެސް މި ޤައުމުތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު ފެންނަނީ އެއީ ހުސް ( ލަވަ ) ހޮޅިތަކެއް ގޮތަށެވެ. ޒާތީ ތަޢައްޞުބާއި ނަސްލީ އިމްތިޔާޒުން ފޯވެފައިވާ ސަރުކާރުތަކެއް ވަންހަނާވެގެން އޮވެ ބޭނުންކުރާ ޝިޢާރުތަކެއް ކަމެވެ. އޭގެތެރެއިން ގިނަ ބަޔަކު އެހެން މީހުންގެ ޙައްޤުތަކަށް ، ދީނީ އިޙްސާސްތަކަށް، ނަސްލުތަކަށް އިޙްތިރާމު ނުކުރާ ކަމެވެ. އެމީހުން އެހެންމީހުންނާއެކު މުޢާމަލާތު ކުރަނީ ދެ މިންގަނޑުން ކަމެވެ.

ދާރިސުންނާއި ބާޙިސުން ވިދާޅުވާ ގޮތުގައި ސްވިޑްންގެ ސަލާމަތީ ބާރުތަކުގެ ރަސްމީ ޙިމާޔަތް ލިބިގެން ކީރިތި ޤުރްއާނުގެ ކޮޕީތައް އެންދުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުގައި ހިމެނޭ ކަމެއް ނޫނެވެ. އެއީ ދުނިޔޭގެ ހަތަރު ބައިކުޅަ އެއްބައި އާބާދީ ކަމުގައިވާ މުސްލިމުންނާމެދު އެމީހުންގެ ހިތުގައި އޮތް ހަތުރުވެރިކަމާއި ނަފްރައްތެރިކަމުގެ މިންވަރު ހާމަކޮށްދޭ ހަޑި ހުތުރު ޢަމަލެކެވެ. މީގެ އިތުރަށް މި ޤުރްއާން ބާވައިލެއްވި ﷲގެ މަތިވެރި ޒާތުފުޅަށް އޮތް ޢަދާވަތްތެރިކަން ހާމަކޮށްދޭ ކަމެއް ވެސް މެއެވެ.
މުސްލިމު ރައްޔިތުންނަކީ އެހެންމީހުންގެ ޙަޔާތަށް އިޙްތުރާމު ކުރާ ބައެކެވެ. އެމީހުންގެ ޤައުމުތަކުގައި އުޅޭ އެހެން ދީންތަކުގެ މީހުންނާއެކު ސުލްޙަމަސަލަސްކަމާއި އެކުވެރިކަމުގައި ދިރިއުޅެމުންދާ ބައެކެވެ. އެމީހުން ކުރާ މުޒާހަރާތަކުގައި އެހެން ދީންތަކުގެ ރަމްޒުތަކަށް އިހާނެތިކޮށް ހިތައިފައެއް ނުވެއެވެ.
މިދާކަށް ދުވަހު ސްވިޑްންގައި އަންދައިލި މާތްﷲ ފޮތް ކީރިތި ޤުރްއާން މާތްﷲ ބާވައިލައްވައިފައި ވަނީ ޢާލަމުތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ކައު ރަސޫލާގެ މައްޗަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ - الأنبياء:107 - އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ. )) އެކަލޭގެފާނު ފޮނުއްވުނީ މުޅި އިންސާނިއްޔަތަށެވެ. ވަކި ނަސްލަކަށް ޚާއްޞަކޮށެއް ނޫނެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. )) وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ - سورة سبأ: -28 - އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ. ))
އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ހުޅަނގުގެ ބައެއް ދައުލަތްތަކުން މަސައްކަތް ކުރަނީ ވަންހަނާކޮށެއް ނޫނެވެ. އެއީ ފާޅުގައި ކުރަމުންދާ ކަމެކެވެ. އެމެރިކާގެ ރައީސުންގެތެރެއިން ޖޯރޖް ބުޝް ( ދަރި ) އާއި ޑޮނަލްޑް ޓްރަމްޕްގެ ދަރިއާއި ފަރަންސޭސި ރައީސް މެކަރޯން ވަނީ ސާފު ބަހުން އެކަންކަން ފާޅުކުރައްވައިފައެވެ. ހަރުކަށި ޢަމަލުތަކަށް ދޮރު ހުޅުވެނީ ދައުލަތްތަކުގެ ވެރީންނާއި އިސްވާރުން ދެއްވާ ނަފްރަތްތެރިކަމުގެ ޚިޠާބުތަކުގެ ސަބަބުންނެވެ.
ހުޅަނގުގެ އިދާރީ، ސިޔާސީ އަދި ސައެންސީ ކުރިއެރުންތަކުގެ ސަބަބުން އެ ޤައުމުތައް ވަނީ އިޤްތިޞާދީ މައިދާނުގައި ފާގަތިވެފައެވެ. މި ކަމުގެ ސަބަބުން މި ޤައުމުތަކުގެ އަތަށް ވަނީ ދުނިޔޭގެ ލަގަން އަރައިފައެވެ. ނަމަވެސް މި މާއްދީ ކުރިއެރުމާއެކު އެހެންމީހުންނަށް އިޙްތިރާމުކުރުމާއި އެހެންމީހުންގެ ދީންތަކަށާއި ސަޤާފަތްތަކަށް އިޙްތިރާމުކުރުމާބެހޭ ވިސްނުން ތަރައްޤީވެފައެއް ނުވެއެވެ. އެ ޤައުމުތަކުގެ ޚަބަރުފަތުރާ ވަސީލަތްތަކުން އިސްލާމްދީނަށް ފުރައްސާރަކޮށް ހަނގުރާމަކުރަމުންދާއިރު މުސްލިމުންގެ އިޙްތިރާމު އެ ޤައުމުތަކަށް ލިބޭނެހެއްޔެވެ؟ އެމީހުން ކީރިތި ޤުރްއާނަށް ބޭއިޙްތިރާމުކޮށް އެމީހުން ބޭނުންވާ ގޮތަށް އިސްލާމްދީން ބަދަލުކުރުމަށް ގޮވައިލުމުން މުސްލިމުން އެކަމަށް އިޖާބަ ނުދޭނެކަން ކަށަވަރެވެ. މުސްލިމުންގެ ތެރޭގައި ދީނީ ކަންތައްތަކަށް ފަރުވާކުޑަކުރާ މީހުން ތިއްބަސް އިސްލާމްދީނަށް ޙަމަލާދެވޭނަމަ އެމީހުންގެ ލޭ ކެކޭނެތެވެ.
ހުޅަނގުގެ ސަރުކާރުތަކުން މި ޙަޤީޤަތާމެދު ވިސްނަން ޖެހޭނެއެވެ. ކީރިތި ޤުރްއާނަށާއި ކައު ރަސޫލާއަށް ފުރައްސާރަކުރުން ތަކްރާރުވަމުންދާނަމަ އެ ކަމުގެ ރައްދުއަޑު ބާރަށް ފާޅުވަމުންދާނެތެވެ. އެއީ ކޮންމެ ވަގުތެއްގައި ފަޅައިގެން ހިނގައިދާނެ ބޮމެކެވެ.
މަސައްކަތް ކުރަންވީ ބައިނަލްއަޤްވާމީ ޤާނޫނުތައް މަނާކުރާ ފަދައިން ނަފްރަތްތެރިކަން އުފެއްދުމާ ދުރުހެލިވުމަށެވެ. ސުލްޙަމަސަލަސްކަމާއި އަމާންކަމާއެކު އެންމެން އެކުގައި ދިރިއުޅުމަށް ޓަކައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އެހެން މީހުންގެ ޢިއްޒަތަށާއި ޝަރަފަށް އަރައިނުގަތުން އާދައަކަށް ނެހެދުމެވެ. ﷲގެ ބަސްފުޅުގެ މަތިން ހަނދުމަކުރުމެވެ. (( إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ – الحجر : 9 - ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ.))
މި ލިއުމާއި ގުޅޭ