ޚާރިޖީވުޒާރާގެ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ކުރިއަށްދާ އަޑުއެހުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާޒިރުނުވުމާ ގުޅިގެން އެ އަޑުއެހުން ކެންސަލްވެއްޖެއެވެ.
މި މައްސަލަ އެންމެ ފުރަތަމަ ތާވަލުކުރީ މިއަދު ހެނދުނަށް ނަމަވެސް ރައީސް އޮފީހުން އެދިގެން ފަހުން އަޑުއެހުންވަނީ މިއަދު މެންދުރުފަހު 14:00 އަށް ތާވަލުކޮށްފައެވެ. އެ ގަޑީގައި އަޑުއެހުން ފެށި ނަމަވެސް އެ އަޑުއެހުމަށް ރައީސް އޮފީހުން ހާޒިރުނުވުމުގެ ސަބަބުން އަޑުއެހުން ކުރިއަށްނުގެންދެވި ހުއްޓައިލަންޖެހުނެވެ.
އޭގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ދައުލަތުން ކުރި ޚަރަދުގެ ތަފުސީލު ހާމަނުކުރުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ކުރިއަށްދާ މައްސަލައިގެ އަޑުއެހުމެއްވެސް މިއަދަށް ތާވަލުކުރިއެވެ. ނަމަވެސް އެ އަޑުއެހުމަށްވެސް ރައީސް އޮފީހުން ހާޒިރުވެފައިނުވާތީ އަޑުއެހުންވަނީ ކެންސަލްކޮށްފައެވެ.
ޚާރިޖީވުޒާރާގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް "ދިޔަރެސް"އިން އެ ވުޒާރާގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދުމުން އެ މައްސަލަ އެ ވުޒާރާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ތާވަލުކުރުމުން، ޚާރިޖިއްޔާގައި ސިޔާސީ ބޭފުޅުން ތިއްބެވި މަޤާމުތަކުގެ މުސާރަ އެނގޭނެ ޝީޓެއް ރައީސް އޮފީހުން ހާމަކުރި ނަމަވެސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދާއި އެ ބޭފުޅުންގެ ނަންފުޅުތައް ރައީސް އޮފީހުން ސިއްރުކުރިއެވެ.
އެ މައުލޫމާތު ހާމަނުކުރުމުން އެ މައްސަލަ "ދިޔަރެސް"އިން އައިކޮމްގައި އިސްތިއުނާފުކުރުމުން، ބޭއްވި އަޑުއެހުމުގައި ރައީސް އޮފީހުން ބުނެފައިވަނީ ސިޔާސީ މުވައްޒަފުންގެ ތެރެއިން ވަކި ގިންތިއެއްގެ މުވައްޒަފުންގެ ނަންތަކަކީ ޒާތީ މައުލޫމާތުކަމަށް ދެކޭ ކަމަށެވެ. އަދި އެ މައުލޫމާތު ހާމަކުރެވޭނީ އެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިޒުނައާއެކު ކަމަށް ދެކޭ ކަމުގައިވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ހަމައެހެންމެ ޚާރިޖީވުޒާރާއަށް އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު އެނގޭނީ އެ މައުލޫމާތު އެއްކުރެވުމުން ކަމަށާއި ނަމަވެސް އެ މައުލޫމާތު އެއްކުރެވޭނެ ވަކި ދުވަހެއް ނޭނގޭކަމަށްވެސް ރައީސް އޮފީހުން އެ އަޑުއެހުމުގައި ބުނެފައިވެއެވެ.