ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތުމާބެހޭ ޢަމަލުތައް މަނާކުރުމަށް ޓަކައި " ޖަމާޢީ ފިޔަވަޅެއް " އެޅުމަށް އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ)ން މިއަދު ގޮވައިލައިފިއެވެ. ދީނީ ނަފްރަތްތެރިކަން މަނާކުރާ ބައިނަލްއަޤްވާމީ ޤާނޫނަށް ޢަމަލުކުރުމަށް ވެސް މި ޖަމްޢިއްޔާގެ މިއަދު ކުއްލި ބައްދަލުވުމުގައި ގޮވައިލިއެވެ.
އޯއައިސީގެ ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވުނީ ސްވިޑްން ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ މިނުވަންކަމޭ ކިޔާފައި އެ ޤައުމުގެ މަސީޙީއަކަށް މިދިޔަ ބޮޑު ޢީދު ދުވަހު ވެރިރަށް ސްޓޮކްހޮލްމުގެ ބޮޑު މިސްކިތް ކުރިމަތީގައި ޚަތިމެއް އަންދައިލުމާ ވިދިގެން އެމީހާ އެކަން ކުރުމުން އެކަން ކުށްވެރިކުރުމަށް ޓަކައެވެ. މި ކުއްލި ބައްދަލުވުން ޖިއްދާގައި ބޭއްވުނީ މި ދައުރުގެ ރިޔާސަތުގައި އޮތް ސުޢޫދީ ޢަރަބިއްޔާގެ އެދުމުގެ މަތިންނެވެ.
އޯއައިސީ އަކީ އިސްލާމީ 57 ޤައުމު ތަމްސީލުކުރާ މުސްލިމުންގެ އެންމެ ބޮޑު ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާގެ ޢަމީންޢާންމު ޙުސައިން އިބްރާހީމު ޠާހާ ވާހަކަފުޅު ދައްކަވަމުން ޚަތިމު އެންދުމާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން ފަދަ ޢަމަލުތައް ހިންގުން މަނާކުރުމަށް ޓަކައި ގުޅިގެން ޖަމާޢީ ފިޔަޅެއް އެޅުމަށް ޖަމްޢިއްޔާގެ މެންބަރު ދައުލަތްތަކަށް ގޮވައިލެއްވިއެވެ.
ދީނީ ނަފްރަތްތެރިކަން އުފައްދާ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނު މަނާކުރާ ޢަމަލުތަކެއްކަން ތަކްރާރުކޮށް ހުއްޓައިނުލައި އެބަ ހަނދާންކޮށްދެން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ހަލައްކައެއްހާ މުސްލިމުން އުޅޭ ސްވިޑްންގައި ޚަތިމު އެންދުމުގެ ކުޅިއަކީ އައުކަމެއް ނޫނެވެ. މި ދިޔަ ޖަނަވަރީ މަހުގެ 21ވަނަ ދުވަހު ސްވިޑްންގެ ހަރުކަށި ސިޔާސީ ޕާޓީއެއްގެ ޒަޢީމު ރަސްމޮސް ޕެލޮޑާން ވަނީ ތުރްކީ އެންބެސީ ކުރިމަތީގައި ޚަތިމެއް އަންދައިލައިފައެވެ.