މިދިޔަ ހަފުތާގައި ސްވިޑަންގައި ގުރުއާންގެ މުސްޙަފެއް އަންދާލުމާ ގުޅިގެން އުފެދުނު ނުތަނަވަސްކަމާ ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އަންނަ އާދީއްތަ ދުވަހު ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
ޖިއްދާގައި ހުޅުވާލައިގެން ބާއްވާ މި ބައްދަލުވުން އޮންނާނީ އޯއައިސީގެ މިހާރުގެ ސެޝަން ޗެއާ ސައުދީ އަރަބިއްޔާގެ ދައުވަތަކަށެވެ.
ސައޫދީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކީރިތި ޤުރްއާނަށް ފުރައްސާރަކުރުމާ ދެކޮޅަށް މި ބައްދަލުވުމުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސްވިޑެންގެ ސްޓޮކްހޯމް ސެންޓްރަލް މިސްކިތުގެ ބޭރުގައި އިރާގުގެ ރެފިއުޖީ ސަލްވާން މޮމިކާ މި ހަރުކަށި އަމަލު ހިންގާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
ސްވިޑެންގެ ފުލުހުން މޮމިކާއަށް ހުއްދަ ދީފައިވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހިމާޔަތާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ނަމަވެސް ކަމާބެހޭ ފަރާތްތަކުން ފަހުން ބުނެފައި ވަނީ އިހުތިޖާޖު ކުރި މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
އޭގެ ރައްދުގައި ކުވައިތު، އިރާގު، މޮރޮކޯ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ވަނީ އެޤައުމުތަކަށް ސްވިޑެންއިން ކަނޑައަޅާފައިވާ މަންދޫބުން ހާޒިރުކޮށްފަ އެވެ.
ބަޣުދާދުގައި ހުންނަ ސްވިޑެންގެ އެމްބަސީ ގެ ބޭރުގައި މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގައި އިރާގުން ވެސް ވަނީ އިރާގުގެ ގާނޫނުގެ ދަށުން ދައުވާ އުފުލުމަށް މޮމިކާ އަނބުރާ ގައުމަށް ފޮނުވާލުމަށް ގޮވާލައިފަ އެވެ.
އޯއައިސީން ވަނީ މިފަދަ ދަށުދަރަޖައިގެ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ދައުލަތްތަކަށް ގޮވާލައި، އިސްލާމް ދީނާ ދެކޮޅަށް ކުރާ މިފަދަ މަސައްކަތްތައް ހުއްޓުވުމަށް ގޮވާލާފައެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މުހިންމުކަން ފާހަގަކޮށް، ވާހަކަދެއްކުމާއި ވިސްނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެ ޖަމިއްޔާއިން ވަނީ އަލިއަޅުވާލާފައެވެ.
މިދިޔަ ޖެނުއަރީ މަހުވެސް ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީ ކައިރީގައި ސްވިޑެން-ޑެންމާކްގެ ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ މީހަކު ގުރުއާނުގެ ކޮޕީއެއް އަންދާލުމުން މުސްލިމުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ހޮނިހިރު ދުވަހު މުރުތައްދު މޮމިކާ ވަނީ ސްވިޑަންގައި ހުންނަ އިރާގު އެމްބަސީގެ ބޭރުގައި އިރާގުގެ ދިދައަކާ އެކު ގުރުއާނުގެ އިތުރު ކޮޕީއެއް އަންދާލާނެ ކަމަށް ވައުދުވެފަ އެވެ.