ޔޫރަޕްގެ މަޝްހޫރު ކްލަބްތަކަށް ކުޅުނު ސްޕެއިންގެ ކުރީގެ މިޑްފީލްޑަރު, ސެސް ފެބްރިގާސް އުމުރުން 36 އަހަރުގައި ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާ ކޮށްފި އެވެ.
ފެބްރިގާސް އަކީ ބާސެލޯނާ އާއި އާސެނަލްގެ އިތުރުން ޗެލްސީ އަދި މޮނާކޯ އަށް ކުޅުނު ކުޅުންތެރިއެކެވެ. ކުޅުން ހުއްޓާލިއިރު ފެބްރިގާސް ހުރީ އިޓާލިއަން ދެވަނަ ޑިވިޝަނުގެ ކްލަބް ކޯމޯއާ އެކު އެއްބަސްވުމެއްގަ އެވެ.
ކޯމޯއާ އަށް ފެބްރިގާސް ބަދަލުވީ މިދިޔަ އަހަރު އެވެ. އެ ކްލަބަށް އެއް ސީޒަނުގައި ކުޅުމަށް ފަހު ފެބްރިގާސް ނިންމީ ބާކީ އަހަރު ފުރިހަމަ ނުކުރާށެވެ. ކޯމޯ ޓީމު ދޫކޮށްލުމަށް ފަހު ފެބްރިގާސް ދެން ފެންނާނީ ކޯމޯގެ ޔޫތު ޓީމުތަކުގެ ކޯޗެއްގެ ގޮތުގަ އެވެ.
ކުޅުން ހުއްޓާލުމަށް ފަހު ފެބްރިގާސް ބުނީ 20 އަހަރު ދުވަހު ވީ ގުރުބާނީ އާއި ލިބުނު ހިތްހަމަޖެހުމަށް ފަހު މިއީ ފުޓްބޯޅައިން ރިޓަޔާ ކުރަންވީ ވަގުތު ކަމަށެވެ. ފެބްރިގާސް އިތުރަށް ބުނީ ކޯމޯގެ ކޯޗިން ޓީމުން ލިބުނު ފުރުސަތުގެ ބޭނުން އޭނާ ހިފީ އެއީ ރަނގަޅު ޕްރޮޖެކްޓެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި، ކޯމޯ މިހާރު ހާއްސަ ލޯތްބެއް އެބައޮތް ކަމަށް ފެބްރިގާސް ބުންޏެވެ.
ފެބްރިގާސް ކުޑައިރު ފުޓްބޯޅަ ކުޅެން ފެށީ ބާސެލޯނާގެ ޔޫތު އެކެޑަމީ އިންނެވެ. އެ ކްލަބުގެ އެކެޑަމީ ދޫކޮށް ޒުވާން އުމުރުގައި 2004 ވަނަ އަހަރު އޭނާ އާސެނަލަށް ބަދަލުވި އެވެ. އޭގެފަހުން ޗެލްސީ އަދި ބާސެލޯނާގައި ކާމިޔާބީ ހޯދި އެވެ. މޮނާކޯ އަށް ބަދަލުވީ ޗެލްސީ އަށް ކުޅުމަށް ފަހު އެވެ.
ފެބްރިގާސް ވަނީ ބާސެލޯނާއާ އެކު ސްޕެނިޝް ލީގު އެއް ފަހަރު އަދި ޗެލްސީއާ އެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު ހޯދައިފަ އެވެ. މޮނާކޯގައި ހޭދަކުރި ތިން ސީޒަނުގައި އަނިޔާގެ ގިނަ މައްސަލަތަކާއި ފެބްރިގާސް ކުރިމަތިލާން ޖެހުނެވެ.
ފެބްރިގާސް އަކީ ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމުން ބައިނަލްއަގްވާމީ ތިން ތަށި ހޯދިއިރު މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަނީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިންއާ އެކު ކާމިޔާބުކޮށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އެގައުމާ އެކު ހޯދައިފަ އެވެ.