Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ރަޝިއާގައި ކީރިތި ޤުރުއާނަށް ފުރައްސާރަ ކުރުމަކީ ޤާނޫނީ ކުށެއް: ޕޫޓިން

ކީރިތި ގުރުއާނަށް ފުރައްސާރަ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށާއި ރަޝިއާގައި އެ ކަމަށް އަދަބު ދޭނެ ކަމަށް އެ ގައުމުގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ދާގެސްތާން އޮޓޮނޮމަސް ރިޕަބްލިކްގެ ޑާބެންޓަށް ކުރެއްވި ދަތުރުފުޅުގައި ޕޫޓިން ވިދާޅުވީ އެހެން ގައުމުތަކުން ޤުރުއާނުގެ މާތްކަމަށް އިހުތިރާމް ނުކުރި ނަމަވެސް ރަޝިޔާގައި އަބަދުވެސް އެކަމަށް އިހުތިރާމް ކުރާނެ ކަމަށެވެ.
ދާގެސްތާނަކީ އިރުމަތީ ޔޫރަޕްގެ އުތުރު ކޮކޭސަސްގައި، ކެސްޕިއަން ކަނޑުގައި އޮންނަ ރަޝިޔާއަށް ނިސްބަތްވާ ޖުމްހޫރިއްޔަތެކެވެ. އެއީ ގްރޭޓާ ކޮކޭސަސްގެ އުތުރުން އޮންނަ އަދި ނޯތު ކޮކޭޝިއަން ފެޑެރަލް ޑިސްޓްރިކްޓްގެ ބައެކެވެ. މިނިވަން ނުވާއިރު، އެއީ ރަޝިއާގެ ބައެކެވެ.
"އަޅުގަނޑުމެންގެ ގައުމުގައި މިއީ ގާނޫނު އަސާސީ އާއި ގާނޫނުލް އުގޫބާތުގައިވާ ގޮތުން ވެސް ކުށެއް،" ދާގެސްތާނުގެ ތާރީހީ މިސްކިތް ކަމަށްވާ ޑާބެންޓަށް ކުރެއްވި ޒިޔާރަތުގައި މުސްލިމް މަންދޫބުންނާ ބައްދަލުކުރައްވައި، ކީރިތި ޤުރުއާނުގެ ކޮޕީއެއް ލިބިވަޑައިގަތުމުން އޭނާ ވިދާޅުވި އެވެ.
"ކީރިތި ޤުރުއާނަކީ މުސްލިމުންނަށް މާތް ވެގެންވާ އަދި އެހެން މީހުންނަށް ވެސް މާތް ވެގެންވާ އެއްޗަކަށް ވާންޖެހޭނެ، އަޅުގަނޑުމެން އަބަދުވެސް އަމަލުކުރާނީ މި އުޞޫލުތަކަށް" ޕޫޓިން އަށް މުސްލިމުން އެރުވި ހަދިޔާ (މުސްޙަފް)އަށް އިޝާރާތްކުރައްވައި، މަންދޫބުންނަށް ޝުކުރު އަދާކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ޕޫޓިން މިހެން ވިދާޅުވެފައި މިވަނީ ސްޓޮކްހޯމްގެ މަރުކަޒީ މިސްކިތުގެ ބޭރުގައި ބުދަ ދުވަހު މީހަކު ގުރުއާނުގެ ކޮޕީއެއް ވީދާލައި އަންދާލާފައިވާ ދަނޑިވަޅެއްގައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ނަފްރަތު އުފެދޭ އަދި ތަކުރާރުކޮށް ކުރާ މިފަދަ އަމަލުތަކަކީ އެއްވެސް ހައިސިއްޔަތަކުން ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ.
އެ އަމަލުތަކުގެ ސަބަބުން ނަފްރަތާއި އެކަހެރިކުރުމާއި ނަސްލީ ތަފާތުކުރުން ތައް އުފައްދައި، ހަރުކަށި ފިކުރަށް ދެކޮޅު ހެދުމުގެ އަސާސްތައް ފެތުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް ވަރަށްބޮޑު ގޮންޖެހުމަކަށް ވާނެކަމަށްވެސް ސައޫދީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި އެފަދަ ޢަމަލު ތަކަކީ ރައްޔިތުންނާއި ދޭދޭ ދައުލަތްތަކުގެ މެދުގައި އޮންނަ ގުޅުމަށް ބުރޫއަރައި އިހުތިރާމް ކުރަން ޖެހޭ މިންވަރު ގެއްލޭނެ ކަންކަން ކަމުގައިވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ސްވިޑެންގެ ފުލުހުން ފަހުން ވަނީ އެ މީހާގެ މައްޗަށް ނަސްލެއް ނުވަތަ ގައުމީ ޖަމާއަތަކާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ދައުވާ އުފުލައިފައި ކަމަށް ސްވިޑެންގެ އޮފިޝަލުން ބުނެއެވެ.
މި ލިއުމާއި ގުޅޭ