ސްވިޑަންގެ ސްޓޮކްހޯމްގެ އެންމެ ބޮޑު މިސްކިތުގެ ބޭރުގައި އިރާގުގެ ރައްޔިތަކު ގުރުއާނުގެ ކޮޕީއެއް އަންދާލި މައްސަލަ ކުށްވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމު ލީޑަރުން އެކަމާދެކޮޅަށް އަޑު އުފުލައިފިއެވެ.
މީގެ އެތައް އަހަރެއް ކުރިން ސްވިޑަންއަށް ފިލައިގެން ދިޔަ އުމުރުން 37 އަހަރުގެ ސަލްވާން މޮމިކާ، ފުލުހުންގެ ހުއްދައާއި އެކު ބުދަ ދުވަހު ވަނީ ސްވީޑިޝްގެ ވެރިރަށް ސްކޮޓްހޯމްގެ މިސްކިތް ކުރިމަތީގައި ޤުރުއާންގެ މުސްޙަފެއްގެ އެތައް ސަފުހާތަކެއް ރޯކޮށް ، ގުރުއާނަށް ފުރައްސާރަކޮށްފަ އެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހިމާޔަތާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށްބުނެ މުޒާހަރާކުރުމުގެ ހުއްދަ ފުލުހުން އޭނާއަށް ދިން ނަމަވެސް ފަހުން ބުނީ ގުރުއާން އަންދާލި މައްސަލަ އިގެ ތަހުގީގެއް ފަށާފައިވާ ކަމަށާއި އެކަމުގެ ސަބަބުން މުޅި މުސްލިމް ދުނިޔެ ރުޅި އައިސްފައިވާ ކަމަށެވެ.
މިއީ ސްވީޑެންގައި މިފަދަ އަމަލެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ.
މިދިޔަ ޖެނުއަރީ މަހު ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީ ކައިރީގައި ސްވިޑެން-ޑެންމާކްގެ ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ މީހަކުވެސް ވަނީ ގުރުއާނުގެ ކޮޕީއެއް އަންދާލައި، މުސްލިމް ދުނިޔެ ރުޅިއަރުވާފަ އެވެ.
ސްވިޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓާސަން ވިދާޅުވީ މޮމިކާގެ އިސްނެގުމުގެ މަތިން ކުރިއަށް ދިޔަ އިހުތިޖާޖަކީ ގާނޫނީ ގޮތުން ބާރުލިބިދޭ އިހުތިޖާޖެއް ނަމަވެސް ކުރުން އެކަށީގެންވާ ކަމެއް ނޫން ކަމަށާއި އެކަމަށް ހުއްދަ ދިނުން ނުވަތަ ނުދިނުން އޮތީ ފުލުހުންގެ ކިބައިގައި ކަމަށެވެ.
މިހާދިސާ ހިނގާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން އަޟްޙާ ޢީދު ޗުއްޓީ ފާހަގަކުރަމުން ދަނިކޮށެވެ.
އިރާގު ސަރުކާރުން ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަރުކަށި ފިކުރުގެ މީހުން ތަކުރާރުކޮށް ކީރިތި ޤުރުއާނުގެ ކޮޕީތައް އަންދާލާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި މި އަމަލުތަކުން ދައްކުވައިދެނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އުޞޫލުތަކާ ޚިލާފަށް ނަފުރަތު އުފެދޭ އަދި ހަރުކަށި ރޫހެއް ކަމަށެވެ.
އެމީހުންނަކީ ހަމައެކަނި ޒާތީ ބައެއް ނޫން ކަމަށާއި ހަމަނުޖެހުންތަކާއި ނަފްރަތު އުފައްދަން ވެސް ހިތްވަރުދޭ ބައެއް ކަމަށެވެ.
"ނަސްލީ އަދި ދީނީ ތަފާތުކަށް އިހުތިރާމް ކުރުމުގެ އަސާސްތަކާއި އެހެން މީހުންގެ އަގީދާއާ ސީދާ ޚިލާފަށް ހިންގާ މި ޒިންމާދާރުކަން ކުޑަ އަމަލުތައް ވަރަށް ސާފުކޮށް ކުށްވެރިކުރަމެވެ." އެބަޔާނުގައި ވެއެވެ.
އިރާގުގެ ޚާރިޖީ ވުޒާރާއިން ބަޣުދާދަށް ކަނޑައަޅުއްވާފައި ހުންނަވާ ސްވިޑެންގެ ސަފީރު އެމައްސަލައާއި ގުޅިގެން ހާޒިރުކުރި ކަމަށް އެ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަދި ހަރުކަށި ފިކުރުގެ މީހުންނަށް ކީރިތި ޤުރުއާނުގެ ކޮޕީއެއް އަންދާލުމުގެ ހުއްދަ ސްވިޑަން ސަރުކާރުން ދީފައިވާތީ އެކަން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ބުނީ އިސްލާމިކް ސަމިޓުގެ ރައީސް ސައޫދީ އަރަބިއްޔާގެ ދައުވަތަކަށް އެ ހާދިސާގެ ނަތީޖާއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަންނަ ހަފުތާގައި ޖިއްދާގައި އެގްޒެކެޓިވް ކޮމިޓީގެ ކުއްލި އޯޕަން މީޓިންއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި މި ނުބައި އަމަލާ އިދިކޮޅަށް އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާ މެދު އެންމެން ގުޅިގެން މަސައްކަތް ކުރާނެ ގޮތްތައް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެމެރިކާއިން ބުނީ ކީރިތި ޤުރުއާން އަންދާލުން ކުށްވެރިކުރާ ކަމަށާއި، މި މުޒާހަރާގެ ސަބަބުން މުސްލިމުންގެ ދީނަށް މިނިވަންކަމާއެކު ޢަމަލުކުރުމުގެ ޤާބިލުކަން ހަނިވެގެންދާ ފަދަ ބިރުވެރި މާހައުލެއް އުފެދިފައިވާކަމަށް ޤަބޫލުކުރާކަމަށެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެޓް މިލާ ވިދާޅުވީ މި މުޒާހަރާގެ ސަބަބުން މުސްލިމުންނާއި އެހެނިހެން ދީނީ މައިނޯރިޓީ ޖަމާއަތްތަކުގެ މީހުންނަށް ދީނުގެ މިނިވަންކަމުގެ ހައްގު ނުވަތަ ސްވިޑަންގައި ގަބޫލުކުރުމުގެ ހައްގު މިނިވަންކަމާއެކު ބޭނުންކުރުމުގެ ގާބިލުކަމަށް އަސަރުކުރާނެ ބިރުވެރި މާހައުލެއް އުފެދިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫއޭއީއިން ވެސް ބުރާސްފަތި ދުވަހު ސްވިޑެންގެ ސަފީރު ހާޒިރުކޮށް ޤުރުއާން އެންދުމާ ދެކޮޅަށް އަޑުއުފުލާފައިވާ ކަމަށެވެ.
އުރުދުންއިންވެސް ބުރާސްފަތި ދުވަހު އައްމާނުގައި ހުންނަވާ ސްވިޑެންގެ ސަފީރު ހާޒިރުކޮށް ބުނެފައިވަނީ އެ އަމަލަކީ "ހިތްވަރު ދިނުމާއި ނަސްލީ ތަފާތުކުރުން" ކަމަށް ދެކޭ ކަމަށެވެ.
އުރުދުންގެ ފޮރިން މިނިސްޓްރީން ބުނީ ކީރިތި ޤުރުއާން އަންދާލުމަކީ ނުރައްކާތެރި ނަފްރަތާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށެވެ.
އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ގުރުއާން އަންދާލުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބާވަތެއް ކަމަށް ނުބެލެވޭނެ ކަމަށާއި ޒިންމާދާރުކަން ކުޑަ މިފަދަ އަމަލުތައް ހުއްޓުވަން ޖެހޭ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ނަފްރަތު އުފެދޭ ވާހަކަތަކާއި އަމަލުތައް ހުއްޓުވަން ޖެހޭ ކަމަށާއި ސުލްހަ އާއި ބަލައިގަތުމުގެ ސަގާފަތަކަށް ކުރިއެރުން ލިބެން ޖެހޭ ކަމަށެވެ.
އަދި ކުވައިތުގެ ޚާރިޖީ ވުޒާރާއިން ބުނީ ޤުރުއާން އަންދާލުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ނުރުހުން ފާޅުކުރާ ކަމަށާއި، ރައްޔިތުން ކެތްތެރިކަމާއި އެކުވެރިކަމުގެ އަސާސްތައް ކުރިއަރުވަން ޖެހޭ ކަމަށެވެ.
އަދި މި ސީރިއަސް ހަރުކަށި ފިޔަވަޅަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންގެ ނުރުހުން ބޮޑު ކަމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"ނަފުރަތާއި ދީނީ ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ފިޔަވަޅު އެޅުމާއި، މުސްލިމުންގެ ދީނީ މުޤައްދަސް ކަންކަމަށް އަމާޒުކޮށް ހިންގާ ދެކޮޅުވެރި އަމަލުތައް ހުއްޓުވުމުގެ ޒިންމާ ބައިނަލްއަގްވާމީ މުޖުތަމައުއަށާއި ކަމާ ގުޅުންހުރި ހުރިހާ ގައުމަކަށް ކުވައިތުގެ ދައުލަތުން ހަނދާންކޮށްދެމެވެ." ކުވެއިތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަދި މިފަދަ ދެކޮޅުވެރި އަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، އިސްލާމްދީނާ ދެކޮޅަށް ނުވަތަ އެއްވެސް ދީނަކާ ދެކޮޅުހެދުމަށް ޓަކައި މިނިވަންކަމުގެ ނަމުގައި ހިންގޭ މިފަދަ ޢަމަލުތައް ހުއްޓުވަންޖެހޭ ކަމަށެވެ.
އީރާނުން ބުރާސްފަތި ދުވަހު ވަނީ އެ އަމަލު ކުށްވެރިކޮށް، އެ އަމަލަކީ ހަރުކަށި، ނުބައި ވިސްނުމެއް އަދި ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ބުނެފަ އެވެ.
"އީރާނުގެ ސަރުކާރާއި ރައްޔިތުން... އެފަދަ އިހާނެތި ޢަމަލުތައް ބަލައެއް ނުގަންނަން، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަނާނީ ވިދާޅުވި އެވެ.
އަދި މިކަމުގައި ޒިންމާދާރުކަމާއި ޖަވާބުދާރީވުމުގެ އުޞޫލަށް ސްވިޑެންގެ ސަރުކާރުން ސީރިއަސްކޮށް ވިސްނާނެ ކަމަށް ބެލެވޭ ކަމަށާއި، މާތް ވެގެންވާ ފޮތަށާއި، އިސްލާމް ދީނަށް ފުރައްސާރަކުރުން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޮރޮކޯއިން ވެސް ވަނީ ޤުރުއާން އަންދާލުން ކުށްވެރިކޮށް ސްޓޮކްހޯމްގައި ހުންނަވާ ސަފީރު އަނބުރާ ގެންގޮސްފައެވެ.
" ހައްޖުގެ މަތިވެރި އަޅުކަމާއި އަޟްހާ އީދުގެ ބަރަކާތްތެރި މުނާސަބަތުގެ މި މާތް ދަނޑިވަޅުގައި، މި އާ ހަރުކަށި އަދި ޒިންމާދާރުކަން ކުޑަ އަމަލަކީ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ އިހުސާސްތަކަށް އިހުމާލުވާ އަމަލެއް،" މޮރޮކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މޮރޮކޯއިންވެސް ވަނީ ސްވިޑެންގެ ރަބާތުގައި ސްވިޑަންގެ ޗާޖް ޑި އެފެއާޒް ހާޒިރުކޮށް، އެ ގައުމުގެ ސަފީރު އަނބުރާ ގެންގޮސްފަ އެވެ.
އަދި މުސްލިމް ވޯލްޑް ލީގުގެ ސެކްރެޓަރީ ޖެނެރަލް، މުސްލިމް އިލްމުވެރިންގެ ޖަމިއްޔާގެ ޗެއާމަން ޝެއިޚް މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާ ވަނީ ފުލުހުންގެ ހިމާޔަތުގައި ހިންގި އަމަލެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވައިފަ އެވެ.
އަދި އެއީ "ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރުމުގެ ނަމުގައި" ހިނގި ކަމެއް ނަމަވެސް، ހަގީގަތުގައި ވެސް އެ ކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައި ވަނީ، މިނިވަންކަމުގެ ހަގީގީ ކޮންސެޕްޓް، ގެ ބަހަނާ ދައްކައިގެން އެހެން މީހުންނަށް ފުރައްސާރަކޮށްފައި އެވަނީ" އީސަގެ ބަޔާނުގައިވެއެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން ވެސް ވަނީ މޮމިކާގެ މުޒާހަރާ ކުށްވެރިކުރައްވާފައެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އިސްލާމްދީނާ ޚިލާފު މިފަދަ އަމަލުތަކަށް ފުރުސަތު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން އޭނާ ވިދާޅުވިއެވެ.