އަލް-ހަރަމައިން ހައްޖު އެންޑް އުމްރާ ގުރޫޕުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ހައްޖުވެރިއަކު ގެއްލިގެން ހޯދާތާ ހަތަރު ދުވަސް ވެއްޖެ އެވެ.
ހަރަމައިން ގުރޫޕުން ހާމަކޮށްފައިވާ ގޮތުން ގެއްލިގެން ހޯދަމުންދަނީ ރ. މާކުރަތު މީހެއް ކަމަށްވާ މުހައްމަދު ނަސީމެވެ. އޭނާ ގެއްލިގެން ހޯދަން ފަށައިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް އެގްރޫޕުން މައުލޫމާތު ދެއެވެ.
އެގުރޫޕުން ބުނީ ނަސީމް ގެއްލުނުއިރު ހުރީ އިހްރާމްގައެވެ. އަދި ހައްޖާޖީންނަށް ހާއްސަ ކާޑާއި ޓެގް ވެސް ނަސީމްގެ އަތުގައި އޮންނާނެ ކަމަށް އެގްރޫޕުން ބުންޏެވެ. ނަސީމް ގެއްލުނުއިރު އަތުގައި ފޯނެއް ނެތް ކަމަށް ވެއެވެ.
އެ ގުރޫޕުން ބުނި ގޮތުގައި މި ފަހަރުގެ ދަތުރުގައި މީގެ ކުރީން ވެސް ނަސީމް ގެއްލިގެން ހޯދި އެވެ. އެހެންކަމުން މިއީ އޭނާ ގެއްލިގެން ހޯދާ ދެވަނަ ފަހަރެވެ.
ރާއްޖެއިން ހައްޖަށްދާ މީހުންގެ އަތުގައި އޮންނަ ކާޑުގައި ގުރޫޕާއި ގުޅޭނެ ނަންބަރާއި އެހެނިހެން މައުލޫމާތު ހުރެއެވެ. އެހެންކަމުން ހަރަމްގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންނަށް ކާޑު ދައްކާލުމުން އެ ނަންބަރަށް ގުޅައިދެއެވެ. މީގެ ކުރިން ވެސް ހައްޖައްދާ ބައެއް މީހުން ގެއްލިގެން ހޯދާފައިވެއެވެ.