Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤައުމީ ފުޓުބޯޅަ ޓީމު

ރާއްޖެ ބަލިކޮށް ލެބަނަން ސެމީއަށް، ރާއްޖެއަށް އަދިވެސް ހަނި ފުރުސަތެއް އެބައޮތް

ސާފް ޗެމްޕިއަންޝިޕް 2023 ގައި މިއަދު ރާއްޖެ އާއި ލެބަނަން ބައްދަލު ކުރި މެޗް 1-0 އިން ކާމިޔާބުކޮށް ލެބެނަން އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި މެޗުން ބަލިވުމާއި ގުޅިގެން ރާއްޖެ އަށް މިހާރު ސެމީ އަށް ދިއުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފަ އެވެ. ރާއްޖެ އަށް ސެމީ ފައިނަލުގެ ކުޑަވެސް ފުރުސަތެއް އޮތީ މި ގްރޫޕުގައި މިރޭ ބޫޓާނުން ދެ ގޯލު ނޫނީ ތިން ގޯލުގެ ފަރަގުން ބަންގްލަދޭޝް ބަލިކޮށްފިނަމަ އެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެއްގައި މިހާތަނަށް ރާއްޖެ ގްރޫޕް ސްޓޭޖުން ކަޓާފައެއް ނުވެ އެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން ރާއްޖޭން ކުރިއަށް ޖެހިގެން އެޓޭކްތަކެއް ކުރެވޭތޯ ބެލި އެވެ. އެ ގޮތުން، ރާއްޖޭގެ އިބްރާހިމް އައިސަމް އާއި ޑުންގާ އަދި ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ)، ވަނީ ލުބުނާންގެ އެރިއާތެރެއިން ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ.

ރާއްޖެއިން މޮޅު ކުޅުމެއް ދެއްކި މި މެޗްގައި ލެބަނަން އިން ލީޑުނެގީ މެޗުގެ 23 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން، ހަސަން މާތޫކް އެވެ. އޭރިއާ ރޮނގުމަތިން ލިބުނު ހިލޭ ޖެހުމެއްގައި މާތޫކް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ހީކުރި ގޮތާ ޚިލާފަށް މިއަދުގެ މެޗުގައި ދިވެހި ޓީމުން ވަނީ ލަނޑު ޖަހަން ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. އެގޮތުން ދެ ވަނަ ހާފުގައި ރާއްޖޭން ލެބަނަން ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ ފުރުސަތެއް ލިބޭތޯ މަސައްކަތް ކުރިއެވެ. އެ ގޮތުން މެޗުގެ 76 ވަނަ މިނިޓްގައި ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ޝޮޓެއް ބްލޮކްވެގެން އޭރިއާތެރެއިން ދާދު އަށް ލިބުމުން އޭނާ ޖާގައެއް ހޯދާފައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

މެޗް ނިމިގެންދިޔައީ ފުރަތަމަ ހާފުގައި ލެބެނަން އަށް ޖެހުނު ގޯލާއެކު 1-0ގެ ނަތީޖާ އަކުންނެވެ. މިއަދު މެޗާ ގުޅިގެން ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ހުރީ ހިތްހަމަ ޖެހިފައެވެ. އެންމެ ފަހުން ރާއްޖެއިން ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗް ފަހަތުން އަރައި ބަންލަދޭޝުން ކާމިޔާބު ކުރުމުން ކޯޗް ވަނީ ހިތްހަމަ ނުޖެހުންފާޅުކޮށް އެދުވަހު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ދެކޮޅު ހަދައިފައެވެ.

މިއަދު ލެބަނަން އަތުން ރާއްޖެ ބަލިވި ނަމަވެސް އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނީ ރާއްޖެއިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބޫޓާން އަތުން މޮޅުވިޔަސް، ޓީމުން ދެއްކީ އޭނާ ހިތްހަމަޖެހޭ ކުޅުމެއް ނޫން ކަމަށެވެ. އަދި ބަންގްލަދޭޝް އަތުން ބަލިވި މެޗްގައި ވެސް ރާއްޖޭގެ ޓީމްގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެއް ކަމަށް ކޯޗް ބުންޏެވެ. ނަމަވެސް މިއަދު ލެބަނަން ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ރާއްޖޭގެ ޓީމުން ދެއްކީ އޭނާ ބޭނުންވާ، މެންޓަލިޓީގެ ކުޅުމެއް ކަމަށާއި އެހެން ކަމުން މިއަދު އޭނާ ހުރީ ހިތްހަމަ ޖެހިފައި ކަމަށެވެ.

ސެމީ ފައިނަލުގައި ލެބަނަން ކުޅެން ޖެހޭނީ އިންޑިއާއާ އެވެ. ދާދި ފަހުން އިންޑިއާގައި ކުޅުނު އިންޓަ ކޮންޓިނެންޓަލް ކަޕްގެ ފައިނަލުގައި އިންޑިއާ އިން ވަނީ 2-0 އިން ލެބަނަން ބަލިކޮށްފަ އެވެ.

ލެބަނަން ގްރޫޕް ބީގެ އެއް ވަނަ ހޯދީ ކުޅުނު ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަންގްލަދޭޝާއި ތިން ވަނައިގައި އޮތް ރާއްޖެ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ބޫޓާން އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެއްގައި މިހާތަނަށް ރާއްޖެ ގްރޫޕް ސްޓޭޖުން ކަޓާފައެއް ނުވެ އެވެ.

މި ލިއުމާއި ގުޅޭ