ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.
މި މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު، އެ ބައްދަލުވުމަށްފަހު ވާހަކަދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ އެ މަޝްވަރާތަކަށް ޕީޕީއެމުން ޚާއްޞަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށެވެ. އެގޮތުން އެ ކޮމިޓީގައި ޝިޔާމުގެ އިތުރަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް)އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ލަތީފާއި، ޕީއެންސީގެ ރައީސް ހުޅުމާލެ ދާއިރާގެ މާލެ ސިޓީ ކައުންސިލަރު އިބްރާހީމް ޝުޖާއާއި، ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ހުސައިން ޝަރީފު ހިމެނިވަޑައިގަންނަވައެވެ.
ދަ ޑިމޮކްރެޓްސްގެ ފަރާތުން މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲއާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމް އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ ޙުސައިން އަމްރު ރަޝާދުއެވެ.
އެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ އިންސާފުވެރި އިންތިޚާބެއް ބާއްވާނަމަ، ހުރިހާ ސިޔާސީ ލީޑަރުންނަށްވެސް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އޮންނަންވާނެކަމަށް ދަ ޑިމޮކްރެޓްސްއިން ދެކޭ ކަމަށެވެ. އެފަދައިން އާޒިމް ވިދާޅުވެފައިވަނީ، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީނު ބަންދުގައި ހުންނަވާ ހުންނެވުމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ޝިޔާމު ވިދާޅުވީ މި ބައްދަލުވުންތަކުގެ މައިގަނޑު އަމާޒަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ބަދަލުކުރުން ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތަކާމެދު ދެ ޕާޓީން އެއްބަސްވެވޭ ކަންކަމުގައި އެކީގައި މަސައްކަތްކުރުން ކަމަށެވެ. އަދި ގުޅިގެން މަސައްކަތްކުރި ނަމަވެސް އެއްވެސް ހާލަތެއްގައި ޕީޕީއެމްގެ އަސްލު އުސޫލަކަށް އަދި ޤަބޫލުކުރާ އެއްވެސް ކަމަކަށް އުނިކަމެއް އަންނަ ގޮތަށް މަސައްކަތްނުކުރާނެކަމުގެ ޔަގީންކަންދެއްވާކަމަށް ޝިޔާމު ވިދާޅުވިއެވެ.
އާޒިމުވެސް ވިދާޅުވީ ރައީސް އިބްރާހީމުގެ ވެރިކަން ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް "ދަ ޑިމޮކްރެޓްސް"އިންވެސް ކުރަމުންދާނީ އެ ޕާޓީގެ އުސޫލުތަކާއި ޤަބޫލުކުރާ ކަންކަމުގެ މަތީގައިކަމަށް އާޒިމް ވިދާޅުވިއެވެ.
ޝިޔާމު ވިދާޅުވި ގޮތުގައި މި މަޝްވަރާ ބައްދަލުވުންތަކުން ހާސިލުކުރަން ބޭނުންވާ އެއްކަމަކީ ރައީސް އިބްރާހީމު މުޙައްމަދު ޞާލިޙު ވެރިކަމުން ބޭލުމަށް މަސައްކަތްކުރެވެން އޮތް ހިސާބެއް ދެނެގަތުން ކަމަށެވެ. އަދި މިއަދު ފެށުނު ބައްދަލުވުންތަކަކީ ސިލްސިލާ ބައްދަލުވުންތަކެއްކަމަށާއި، އެހެންކަމުން އިތުރު ބައްދަލުވުންތަކުގެ ތެރެއިން އެކަން އިތުރަށް ސާފުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.