އިިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނުގެ ކެމްޕެއިނަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން އޮތީ ތައްޔާރަށް ކަމުގައި އެމަނިކުފާނުގެ ކެމްޕެއިން މޭނަޖަރު ކެޕްޓަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިއަދު ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަމީނާއި، ޑެޕިއުޓީ ކެމްޕެއިން މެނޭޖަރު ކުރީގެ ހެލްތު މިނިސްޓަރު މުޙައްމަދު ނާޒިމް ވިދާޅުވެފައިވަނީ ކެމްޕެއިންގެ ހަރަކާތްތައް މިހާރު ނުފެނުނު ނަމަވެސް، ކެމްޕެއިނަށް ބޭނުންވާ ހުރިހާ އިދާރީ ކަންތައްތަކެއް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިފަހަރު ޕީޕީއެމް/ޕީއެންސީން ކުރާ ކެމްޕެއިނަކީ ވަރަށް ބޮޑަށް ލާމަރުކަޒީކޮށް ދާއިރާތަކުގައި ކުރަމުން އަންނަ ކެމްޕެއިނެއް ކަމަށެވެ.
ރާއްޖެ މިވަގުތު އޮތީ ވަރަށް ޚުޠޫރަތްތެރި ނުރައްކާތެރި ހާލަތެއްގައިކަން ފާހަގަކުރައްވަމުން ކެޕްޓަން އަމީނުވަނީ ރައީސް ޔާމީނުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އެމަނިކުފާނުގެ ވެރިކަމުގައި ހިންގަވާފައިވާ ބޮޑެތި މަޝްރޫޢުތައް ފާހަގަކުރެއްވިއެވެ. އެއާއެކު އޭނާ ފާހަގަކުރެއްވީ ކުރިއަށް އޮތް ދައުރުގައި ޒުވާނުން ބާރުވެރިކޮށް ހުނަރުވެރި އުފެއްދުންތެރި ބަޔަކަށް ހެދުމާއެކު، އަންހެނުން ބާރުވެރިކުރުވައި އިޖުތިމާއީ އިޤުތިޞާދީ ގޮތުން އަންހެނުންނަށް ޙައްޤުވާ ކަންކަން ކަށަވަރުކޮށްދިނުމާއެކު، ދިވެހި މަސްވެރިން ބާނާ މަސް ތާޒާކަމާއެކު ބައިނަލްއަޤުވާމީ ބާޒާރަށް ނެރެ ހަމަ އަގު ހޯދައިދިނުމަކީ ރައީސް ޔާމީނުގެ ކެމްޕެއިނުގެ މައިގަނޑު ތިން ވައުދުކަމުގައިވެސް އަމީނު ފާހަގަކުރެއްވިއެވެ.
މިކެމްޕެއިން ހިންގަނީ ބޭރުގެ ނުފޫޒު ރާއްޖޭގެ މައްޗަށް އިންތިހާއަށް އޮވެ، ދިވެހިންގެ ޢަޤީދާ ބަލިކަށިކުރުމަށް މަސައްކަތްކުރާ، ގޮތް ނޭނގޭ އެއްބަސްވުމުގެ ނިވަލުގައި ތިބެ ރާއްޖޭގެ މުހިއްމު އިސްތިރާޖީ ތަންތަން ވިއްކަމުންދާ ނުރައްކާތެރި ދުވަސްވަރެއްގައި ކަމަށްވެސް އަމީނު ވިދާޅުވިއެވެ. އަދި ދަރަނި ބޮޑުވުމާއި، ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން ރައްޔިތުން ތިބީ ދެކޮޅުނުޖެހޭ ދިރިއުޅުމެއްގައި ކަމަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އަދި ރައީސް ޔާމީނު ދެކެވަޑައިގަންނަވާ ގޮތުގައި މި އިންތިޚާބަކީ ޤައުމު އަނބުރާ ހޯދުމުގެ އިންތިޚާބެއް ކަމަށެވެ. ރާއްޖޭގެ ސިޔާދަތު އަނބުރާ އިއާދަކޮށް ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ދިވެހިންގެ އަތްމައްޗަށް އިއާދަކުރުމާއެކު، ދިވެހިންނަށް ރާއްޖެ އަނބުރާ ހޯދުމުގެ އިންތިޚާބެއްކަމުގައި ދެކެވަޑައިގަންނަވާތީ ރައީސް ޔާމީނު އެދިވަޑައިގަންނަވަނީ ސިޔާސީ ދެބަސްވުންތަކާއި ޚިޔާލުތަފާތުވުންތައް އެއް ފަރާތްކޮށް ޤައުމު އަނބުރާ ހޯދަން މަސައްކަތްކުރުމަށް ކަމުގައިވެސް އަމީނު ވިދާޅުވިއެވެ.
އަމީނު އިތުރަށް ވިދާޅުވީ އިންތިޚާބުގެ ހަރަކާތްތައް އަންނަ ހަފުތާ ނިމުމާއެކު ރިޔާސީ އިންތިޚާބަށް އިދިކޮޅު އިއްތިހާދުން ކުރާ ކެމްޕެއިން ފެށިގެންދާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ހުރިހާ އިދާރީ ތަރުތީބުތައް ހުރީ ފުރިހަމަކުރެވި ހަމަޖެހިފައިކަމަށްވެސް ވިދާޅުވިއެވެ.
ޑެޕިއުޓީ ކެމްޕެއިން މެނޭޖަރު ނާޒިމުގެ ވާހަކަފުޅުގައި ރައީސް ޔާމީނަށް ތާއީދުކުރައްވާ ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނުގެ ނަންފުޅު އޮންނާނެ ކަމެވެ. އަދި ޤައުމު މިއަދު އޮތް ފައްތަރުން ޤައުމު ސަލާމަތްކުރުމަށް ބޭނުންވާ އިލްމާއި ހިލްމު ހުރި ލީޑަރަކަށް ރިޔާސީ ރޭހަށް ނިކުމެވަޑައިގެން ތިއްބެވި ލީޑަރުންގެ ތެރެއިން ފެންނަން ހުރި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީންކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ހައްސާސް މައްސަލަތަކުގައި ނިންމުންތައް ނިންމައި، މި ކެމްޕެއިނުގެ ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ދާއިރާތަކުގެ ރައީސުންނަށް އިރުޝާދުދީ މަގުދައްކާނެ ގޮތުގެ ޕްރޮޓޮކޯލުތައް ހުރީ ތައްޔާރުކުރެވި އިންތިޒާމުކުރެވިފައި ކަމަށެވެ. އަދި ކެމްޕެއިން ހަރަކާތްތައް ފެށުމާއެކު ހަލުއިކަމާއެކު މަސައްކަތް ކުރިއަށްދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.