ދުވާފަރު ކައުންސިލުގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާނުކުރީ ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުގެ ބައްޕަ ހިމާޔަތްކުރުމަށް، ޤާނޫނުތަކާ ޚިލާފަށްކަމަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ އަލްއުސްތާޛު އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލާގައި ހިމެނޭ މީހުންގެ ތެރޭގައި ކޮމިޝަނާ އޮފް ޕްރިޒަންސްގެ ބައްޕަ މުޙައްމަދު އަލިފުޅު ހިމެނެއެވެ. އެ މައްސަލާގައި ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދިނުމުގެ އެއްބަސްވުން ހެދުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންވަނީ ނިންމާފައެވެ.
އެ ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ހައިލަމްވަނީ އެ މައްސަލައަކީ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދެވިދާނެ ބާވަތުގެ މައްސަލައެއްތޯ ސުވާލެއް ކުރައްވާފައެވެ. އެގޮތުން ނަސޭހަތްދެވޭނީ ކޮން ކުށްތަކެއް ހިމެނޭ މައްސަލަތަކެއްކަން ޤާނޫނުގައި ބަޔާންކޮށްފައިވާކަން ހައިލަމް ފާހަގަކުރެއްވިއެވެ.
އެގޮތުން އެ މައްސަލައެއްގައި ހިމެނޭ ކުށަކީ 1 އަހަރު ދުވަހުގެ ޖަލު އަދަބަށްވުރެ ބޮޑު އަދަބެއް ކަނޑައެޅިފައިވާ އަދަބެއްކަމަށް ނުވުމާއި، މުޖުތަމަޢުގެ ޒިންމާދާރު މަޤާމުތަކުގައި ތިބޭ މީހުންނާއި، ދައުލަތުގެ މުވައްޒަފުން އެމީހުންގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ހިންގާ ޖިނާއީ ކުށްތަކުގައި ނަސޭހަތް ނުދެވޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެކަން ފާހަގަކުރައްވައި ހައިލަމް ވިދާޅުވީ މި މައްސަލާގައި ތުހުމަތުކުރެވޭ މީހުންނަކީ މުޖުތަމަޢުގެ ޒިންމާދާރު މަޤާމުތަކުގައި ތިބި ބައެއް ކަމަށެވެ. އަދި އެ މީހުންގެ މަސައްކަތުގެ ދާއިރާގެ ތެރެއިން 2 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްވިކަން ހާމަވާކަމުގައިވެސް ހައިލަމް ވިދާޅުވިއެވެ.
އަދި އެ ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވެނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށްކަމަށްވެސް ހައިލަމް ވިދާޅުވިއެވެ. އެ ހުރިހާ ކުށްތަކަކީވެސް އެއް އަހަރަށްވުރެ ދިގު ޖަލު ހުކުމު ކަނޑައެޅިފައިވާ ކުށްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި ހަމަހަމަކަމާއި ހާމަކަމާއެކު ނުފޫޒުން އެއްކިބާވެހުރެ ކަމަށް ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބަޔާންކޮށްފައިވޭ،" ޕީޖީގެ ޒިންމާ އަދާކުރުމުގައި ތަބާވާންޖެހޭ އުސޫލަށް އަލިއަޅުއްވާލައްވައި ހައިލަމް ވިދާޅުވިއެވެ.
ހައިލަމް ވިދާޅުވީ ސިޔާސީ ފަރާތްތަކާ ގުޅުންހުރި އެހެން މައްސަލަތައްވެސް ނިންމުމުގައި ޕީޖީގެ ނިންމުންތައް ނިންމަވާފައިވަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް ކަމުގައި ބެލެވޭނެ އެކަށީގެންވާ ސަބަބުތައް އެބަހުރި ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ޕީޖީ މަސްއޫލިއްޔަތު އަދާކުރައްވަނީ ރަނގަޅަށް ޒިންމާދާރު ގޮތުގައި ބަލައި، ރައްޔިތުންނާމެދު ޕީޖީ އަމަލުކުރައްވަނީ ހަމަހަމަކަމާއެކުކަން ކަށަވަރުކުރުމަށް ހައިލަމް އެދިވަޑައިގެންނެވިއެވެ.