Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

އިދިކޮޅު ލީޑރުން ރައީސް އޮފީހުން ނިކުމެވަޑައިގެންނެވި ވަގުތު ފުލުހުން ނޫސްވެރިއެއްގެ މޫނަށް ޕެޕާ ސްޕްރޭ ޖަހައިފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ރައީސް އޮފީހަށް ވަދެވަޑައިގަތުމަށްފަހު ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިންނަށް ބަސްދީގަތުން ދެއްވަން ތިއްބަވަނިކޮށް ފުލުހުން އެތަނަށް އައިސް ހުރަސްއަޅައި އެތަނުގައި ހަރަކާތްތެރިވި ނޫސްވެރިއެއްގެ ލޮލަށް ޕެޕާ ސްޕްރޭ ޖަހައިފިއެވެ.

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާއި އެމަނިކުފާނުގެ ޝަރީޢަތުގެ ކަންކަން ކުރިއަށްދާ ގޮތާމެދު އިދިކޮޅުން ކަންބޮޑުވުން ފާޅުކުރުމަށް ރައީސް އޮފީހަށް ސިލްސިލާ ގޮތެއްގައި ވަޑައިގަންނަވާ ވަޑައިގަތުމުގެ ތެރެއިން މިއަދު މެންދުރު ރައީސް އޮފީހަށް ވަޑައިގަތީ އެ ޕާޓީން މިހާރު އެކުލަވައިލާފައިވާ އިންތިޤާލީ ކޮމިޓީގެ މެންބަރުންނާވެސް އެކީއެވެ.

މިއަދު ހެނދުނުވެސް އިދިކޮޅު މެންބަރުން ރައީސް އޮފީހަށް ވަޑައިގަތެވެ. ނަމަވެސް މެންދުރު 12:30 ގައި ވަޑައިގަތުމަށް އެ ބޭފުޅުން އަރިހުން އެ އޮފީހުން އެދުމާ ގުޅިގެން އިދިކޮޅު މެންބަރުން 12:30 އަށް ރައީސް އޮފީހަށް ވަޑައިގަތީ ޕާޓީގެ އިންތިޤާލީ ކޮމިޓީގެ މެންބަރުންނާއެކުއެވެ.

ރައީސް އޮފީހަށް ވަދެވަޑައިގަތުމަށްފަހު ކޮންމެ ދުވަހަކުވެސް އިދިކޮޅުގެ ލީޑާޝިޕުން އަންނަނީ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ. ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް އިދިކޮޅު ލީޑަރުން ތައްޔާރުވެވަޑައިގެން އެ ބޭފުޅުން ވާހަކަ ފެއްޓެވުމުގެ ކުރިން ފުލުހުން އެތަނަށް އައިސް، ނޫސްވެރިންނާއި އިދިކޮޅުގެ ލީޑަރުންނާ ދެމެދަށް ވަދެގަނެ އެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްގެންދިއުމަށް ހުރަސްއަޅާފައެވެ.

އެއަށްފަހު ފުލުހުންވަނީ އިދިކޮޅުގެ ބައެއް އެކްޓިވިސްޓުން ހައްޔަރުކޮށްފައެވެ. އެގޮތުން ހައްޔަރުކުރި އެކްޓިވިސްޓަކު ތިން ފުލުހުން ވެގެން ދަމާފައި ގެންދިޔަ މަންޒަރު ފެނެއެވެ. އޭނާ ހައްޔަރުކުރާ ސަބަބު ފުލުހުން ބުނެދިނުމަށް އެތަނުގައި އެއްވެ ތިބި މީހުން ތަކުރާރުކޮށް ފުލުހުންގެ ކިބައިން އެދުނު ނަމަވެސް ހައްޔަރުކުރި ސަބަބު ފުލުހުން ބަޔާންކޮށްފައިނުވެއެވެ.

ފުލުހުންނާ އިދިކޮޅު އެކްޓިވިސްޓުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވި މަސްރަހު ހޫނުވިއިރު އެތަނުގައި މަންޒަރު ރެކޯޑުކުރަން ހުރި ނޫސްވެރިއެއްގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ނޫސްވެރިޔާ ހިފައިގެން ހުރި ކެމެރާއާއެކު ބިންމައްޗަށް ވެއްޓިފައިވެއެވެ. އޭނާގެ ލޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބުނުކަމަށް އެ ސަރަހައްދުގައި ހިނގި ކަންކަން ވަގުތުން ދުރަށް ދެއްކި މީޑިއާއިން ރިޕޯޓުކުރެއެވެ.

އިދިކޮޅުން ބާއްވާ އެއްވުންތައް ރޫޅައިލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާތީ އިދިކޮޅު އިއްތިހާދުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިފަދައިން އެއްވުންތައް ރޫޅައިލުމުގައި ފުލުހުން ނޫސްވެރިންނަށްވެސް އަނިޔާވާ ގޮތަށް އަމަލުކުރާތީ އެކަން މޯލްޑިވްސް މީޑިއާ ކައުންސިލުގެ ސަމާލުކަމަށްވެސް ބައެއް މީޑިއާއިންވަނީ ގެނެސްފައެވެ.

މި ލިއުމާއި ގުޅޭ