Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރޭޕް

ރޭޕުގެ މައްސަލައާއެކު ދިވެހި ފަތުރުވެރިކަން ނުރައްކަލުގެ ތުންފަތް މައްޗަށް، ރައީސް "ރިއެކްޓު" ނުކުރެއްވި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު---

ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ޗައިނާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިޔަކު ރޭޕުކުރި ގޮތާއި، އެ މައްސަލާގައި އޭނާ މަޑުކުރި ރިސޯޓުގެ މެނޭޖުމެންޓާއި ފުލުހުން އަމަލުކުރި ގޮތުގެ ތަފުސީލުތައް މީސްމީޑިއާގައި އޭނާ ހިއްސާކޮށް ގިނަ ބައެއްގެ ސަމާލުކަން އެ ހާދިސާއަށް ލިބި މީސްމީޑިއާގައި އޭނާ ކުރި ޓުވީޓުތައް ވައިރަލްވެއްޖެއެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެދާނެ ބޮޑު ގޮންޖެހުމެއްކަމަށް ދާއިރާގެ ބައެއް މާހިރުން ވިދާޅުވާއިރު، އެކަމުގައި އަނިޔާ ލިބުނު ފަތުރުވެރިޔާއަށް، އަދި ރާއްޖެއަށް ޒިޔާރަތްކުރާން ތިބި ފަތުރުވެރިންނަށް ޔަގީންކަމެއް އިތުބާރެއް ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެއްވެސް ކަމެއް ނުކުރައްވާތީ ބައެއް ފަރާތްތަކުން ފާޑުކިޔަން ފަށައިފިއެވެ.

ރާއްޖެއަށް ޒިޔާރާތްކުރި ޗައިނާ އަންހެނަކު އޭނާ މަޑުކުރި ރިސޯޓުގެ ބަޓްލަރަކު ރޭޕުކުރި މައްސަލަ އެންމެ ފުރަތަމަ އެ އަންހެންމީހާ ހިއްސާކުރީ ޗައިނާގެ މީސްމީޑިއާ މަންސަތަކުގައެވެ. އެ މަންސަތަކުން ޚަބަރު ފެނިގެން ދިވެހި ނޫސްވެރިން ފުލުހުންނާ ސުވާލުކުރުމާ ހަމައަށް މިފަދަ މައްސަލައެއް ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައި އޮތްކަންވެސް އެ އިދާރާއިން އޮތީ ވަންހަނާކޮށްފައެވެ. އެ މަންސަތަކުގައި ދައުރުވި ޕޯސްޓު ފެނިގެން ނޫސްވެރިން ސުވާލުކުރުމުން އެ މައްސަލަ ތަހުގީގުކުރާ ކަމަށާއި، ސާމްޕަލްތަކެއް ނަގައި ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކުރަމުންދާކަމަށް ބުނުން ފިޔަވައި ފުލުހުން މައްސަލައިގެ އިތުރު ތަފުސީލެއް ނުދެއެވެ. އެ މައްސަލާގައި ތުހުމަތުވާ މީހަކު ހައްޔަރުވެސް ނުކުރެއެވެ.

ސިނާއަތައް ލޮޅުން އެރުމުގެ ފުރުސަތު ބޮޑު

ޝޫ ޔިޓޮންގް ނަމަކަށް ކިޔާ އުމުރުން 26 އަހަރުގެ އަންހެންމީހާ ޓުވިޓާގައި އޭނާއަށް ކުރިމަތިވި އަނިޔާވެރިކަން ވަރަށް ތަފުސީލުކޮށް ކިޔައިދީފައިވެއެވެ. އެއާއެކު، އެ ހާދިސާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ. އޭނާވަނީ އެ ހާދިސާގައި އޭނާގެ ހަށިގަނޑަށް ލިބުނު ގެއްލުން ފެންނަ ފޮޓޯވެސް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

އެ ހާދިސާ ކިޔައިދީ އޭނާ ކުރި ޓުވީޓު 20،000 އަށްވުރެ ގިނަ މީހުން ރިޓުވީޓުކޮށްފައިވާއިރު، 13،000 އަށްވުރެ ގިނަ މީހުން އެ ޓުވީޓަށް ލައިކުދީފައިވެއެވެ. އަދި 2 މިލިއަނަށްވުރެ ގިނަ މީހުން އެ ޓުވީޓު ބަލާފައިވެއެވެ. އެހެންކަމުން ގިނަ ބައެއްގެ ސަމާލުކަން އެ ޓުވީޓަށް ލިބި ގިނަ ބަޔަކަށް މި ހާދިސާ ހިނގި ގޮތްވަނީ އެނގިފައެވެ.

އޭގެ ތެރޭގައި ރިސޯޓުން އެކަމުގައި އަމަލުކުރި ފަރުވާކުޑަ އަދި އެހައިމެ ލާއިންސާނީ ގޮތުގެ ތަފުސީލުތައް ކިޔައިދީފައިވެއެވެ. އެގޮތުން އޭނާއަށް އަނިޔާ ލިބުނުކަން ސާބިތުވާ މާއްދީ ހެކިތައް ރިސޯޓުގެ މުވައްޒަފުން ގެންދިޔަ ވާހަކަވެސް ތަފުސީލުކޮށް ކިޔައިދީފައިވެއެވެ. އޭނާ ހިއްސާކުރި ފޮޓޯތަކުން އޭނާ ހަށިގަނޑުގައި ހުރި އަނިޔާގެ ލަކުނުތަކާއި ނިޝާންތައް ސާފުކޮށް ފެނެއެވެ.

މިހައި ބޮޑަށް މި ޓުވީޓު އާންމުވުމާ ގުޅިގެން "ދިޔަރެސް"އާ ވާހަކަދެއްކެވި ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރު ޓުއާ އޮޕަރޭޓިން އެޖެންސީއެއްގެ ވެރިއެއް ވިދާޅުވީ ފަތުރުވެރިންނަށް އެންމެ މުހިއްމު އެއްކަމަކީ ރައްކާތެރިކަމުގެ ޔަގީންކަން އޮތުން ކަމަށެވެ. އަދި މިފަދަ ހާދިސާއެއް މެދުވެރިވާ ހާލަތުގައި އެކަމެއް އިންސާފުވެރިކޮށް ބެލި އެކަމުގައި ފިޔަވަޅުއެޅޭނެކަމުގެ ޔަގީންކަން އޮތުން ކަމަށެވެ.

އަދި ޔިޓޮންގް ހިއްސާކޮށްފައިވާ ވާހަކަތަކަށް ބަލާއިރު، ރިސޯޓުން އަމަލުކުރި ޒިންމާދާރުކަން ކުޑަ ގޮތުން އޭނާއަށް އިންސާފު ލިބިދާނެކަމުގެ ޔަގީން ނެތްކަން އިހުސާސްވާކަން އެނގޭކަން ފާހަގަކުރައްވައި ޓުއާ އޮޕަރޭޝަން އެޖެންސީގެ ވެރިޔާ ވިދާޅުވީ މިކަމުގެ ސަބަބުން ރާއްޖޭގެ ތަސައްވުރު ކިލަނބުވުމުގެ ފުރުސަތު ބޮޑު ކަމެވެ.

ރާއްޖޭގެ ބޮޑު ރިސޯޓެއްގެ ޖެނެރަލް މެނޭޖަރެއް "ދިޔަރެސް"އަށް ވިދާޅުވީ މިފަދަ ހާލަތުގައި ރިސޯޓުން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅުނާޅާނަމަ މުޅި އިންޑަސްޓްރީގެ ހައްގުގައި ސަރުކާރުން ސްޓޭންޑެއް ނަގަންޖެހޭ ކަމަށެވެ. "މިއީ ކުޑަ ކަމެއް ނޫން. މިވަރު ކަމެއްގައި ނެގްލެކްޓުނުކުރެވޭނެ ސަރުކާރުން އެބަޖެހޭ މިކަމުގައި ބަހެއް ބުނަން. ނުބުނާނަމަ މިކަން އިތުރަށް ބޮޑުވެގެންދާނެ. ބޮޑެތި ނޫސްތަކާއި ޓީވީތަކުގެ ސަމާލުކަންވެސް ލިބޭނެ، ރިޕޯޓުކުރާނެ. އެއިރުން އޮންނާނީ ހުޅުގަނޑު ފެތުރިފައި، އައުޓް އޮފް ކޮންޓުރޯލުވީމައި ދެން ކުރެވޭނެ ކަމެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.

ކުރިން މިފަދަ ކަންކަމުގައި ރައީސުން ރިއެކްޓުކުރެއްވި

ރިސޯޓެއްގެ މުވައްޒަފަކު ފަތުރުވެރިޔަކު ރޭޕުކުރުމަކީ އާންމު ކަމެއް ނޫނެވެ. ނަމަވެސް ފަތުރުވެރިން ހިތްހަމަނުޖެހޭނެ ކަންކަން ރާއްޖެއިން މެދުވެރިވެ، އެކަންކަން މީސްމީޑިއާއަށް ފެންމަތިވެފައި އެބަހުއްޓެވެ. އެކަންކަމުގައި ސަރުކާރުތަކުން ބަސްބުނެ ފިޔަވަޅުވެސް އަޅާފައިވެއެވެ.

އެއިން އެއް މައްސަލައަކީ ރާއްޖޭގެ ރިސޯޓެއްގައި ދެ ފަތުރުވެރިއެއްގެ ކާވެނި ހަފުލާއެއް ބޭއްވިއިރު އެ ހަފުލާގައި ބައިވެރިވި ރިސޯޓު މުވައްޒަފުން ހަޑިހުތުރު ބަސްތައް ބޭނުންކޮށް، ފަތުރުވެރިންނަށް ޖޯކުޖަހައި މައްލަވަކުރި މައްސަލައެވެ. އެ ވީޑިއޯ މީސްމީޑިއާގައި ފެތުރި އާންމުވުމާ ގުޅިގެން އެ ފަތުރުވެރިންނާ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ބައްދަލުކުރެއްވިއެވެ.

ހިނގި ހާދިސާއާމެދު ހިތާމަފާޅުކުރައްވައި އެ ދެމަފިރިން ކިބައިން މައާފަށް އެދިވަޑައިގެން އެމީހުންނަށް ރާއްޖެއިން ކޮންމެވެސް ކަހަލަ ބަދަލެއް ނުވަތަ ހަދިޔާއެއްވެސް ހަމަޖައްސައިދެއްވިއެވެ. އެއީ އެފަދަ ކަންކަމުން ފަތުރުވެރިކަމުގެ ސިނާއަތުގެ އަގުވެއްޓި ކުރިމަތިވެދާނެ ގެއްލުމުން ސިނާއަތް ސަލާމަތްކުރެއްވުމަށް ކުރެއްވި ކަމެކެވެ.

މިހާރު ހިނގައިގެން މިއުޅޭކަމަކީ އެ ޒާތުގެ ބޮޑު ކަމެކެވެ. މި ހާދިސާގެ ވާހަކަތައް މުޅި ދުނިޔެއަށް ފެތުރި ދިވެހިންގެ އެތައް ޖީލެއްގެ ބުރަ މަސައްކަތުން، ދައުލަތުން އެތައް ހޭދައެއް ކޮށްގެން އުފައްދާފައިވާ ދިވެހި ފަތުރުވެރިކަމުގެ އަލި ސޫރަ ބަނަވެ ބިރުވެރި މަންޒިލެއްގެ ގޮތުގައި އަވައްޓެރި އިންޑިއާ ފަދަ އަންހެނުންނަށް ނުރައްކާތެރި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ބުރޭންޑު ބަދަލުނުވަނީސް ޑެމޭޖު ކޮންޓްރޯލުކުރުން ނުވަތަ ގެއްލުން ކުޑަކުރުމަކީ ސަރުކާރުގެ އަދި ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއްކަމަށް މި ރިޕޯޓަށް މައުލޫމާތު ދެއްވި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ ދެ ބޭފުޅުންވެސް ދެކެވަޑައިގަންނަވައެވެ.

"އިޓްސް އޮބްވިއަސް ރިސޯޓުން ޑެމޭޖު ކޮންޓުރޯލުކުރަން ނުވިސްނާކަން. މުޅި އިންޑަސްޓްރީ ސަލާމަތްކުރުން އެއީ ރައީސްގެ ޒިންމާ. ރިސޯޓުން ރިސޯޓުގެ އިމޭޖު ހިމާޔަތްކުރުމާއި ނުކުރުން އެއީ އެހެން ކަމެއް. މި ސިނާއަތުގެ އަގު ވެއްޓިގެންނުވާނެ،" ޓުއާ އޮޕަރޭޓިން އެޖެންސީއެއްގެ ވެރިޔާ ވިދާޅުވިއެވެ.

ޗައިނާ މާކެޓުގައި ރާއްޖެއަށް އިއާދަނުކުރެވޭ ގެއްލުންވެދާނެ

ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި ތަޖުރިބާކާރު ވިޔަފާރިއެއް ވިދާޅުވި ގޮތުގައި މި މައްސަލާގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ޗައިނާގެ މާކެޓުގައި ލިބިދާނެ ގެއްލުމެވެ. ކޮވިޑުގެ ފަހުން ޗައިނާ ބަންދުކޮށްފައި އޮތުމަށްފަހު ޗައިނާއިން ބޭރަށް ދަތުރުތައް ފަށައި ރާއްޖެއަށް އެ ޤައުމުގެ ފަތުރުވެރިން އަންނަން ފެށީ ދާދި ފަހުންނެވެ.

ކޮވިޑް-19ގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓަކީ ޗައިނާއެވެ. އަދި މިހާރުވެސް ޗައިނާއަކީ ބޮޑު އެއް މާކެޓެވެ. މި އަހަރު ރާއްޖޭގެ އިޤުތިޞާދު ރަނގަޅުވެ ފަތުރުވެރިކަމުގެ ދިރުން އިހުނަށްވުރެ ރަނގަޅުވާނެކަމަށް ސަރުކާރުން އަންދާޒާކުރާ އެއް ސަބަބަކީވެސް ޗައިނާ ފަތުރުވެރިން ރާއްޖެއަށް އަލުން އަންނަން ފެށުމެވެ.

ޔިޓޮންގްގެ ވާހަކައަށް ބަލާއިރު އޭނާއަކީ އޮސްޓްރޭލިއާގައި ކިޔަވަން އުޅޭ ޗައިނާގެ ތަނަވަސް އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާގެ އާއިލާއަކީވެސް މީހުން ދަންނަ އާއިލާއެއްކަމަށް އޭނާ ބުނެފައިވެއެވެ. އެހެންކަމުން އޭނާ ޗައިނާގެ މީސްމީޑިއާ މަންސަތަކުގައި މި ތަޖުރިބާގެ ވާހަކަ ހިއްސާކޮށްފައި އޮތުމުން، މި ވާހަކަ ޗައިނާގެ ގިނަ ބައެއްގެ އަދި ޚާއްޞަކޮށް ޗައިނާގެ މެދުފަންތިއާއި ތަނަވަސް މީހުންގެ މެދުގައި ފެތުރި ރާއްޖެއަށް އައުމަށް ޖެހިލުންވުމުގެ ފުރުސަތު ބޮޑެވެ.

މިކަމުގައި ރާއްޖޭގެ މޫނުމަތި ސަލާމަތްވާނެ އިސްތިރާޖިއްޔާއެއް ބޭނުންކޮށްގެން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ސަބަބެއްކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވަނީ އެހެންވެއެވެ. "ފިޔަވަޅުއަޅައި އަވަހަށް މިއީ އަހަރުމެންނަށް ބޮޑުވާ ރެލެވެންޓް، މުހިއްމުވާ ކަމެއްކަން އެމީހުންނަށް އިހުސާސުކުރެވޭނެ އެނގޭނެ ވަރުގެ ކަމެއް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. މިހެން މިކަމާ އަޅާނުލައި ތިބެ ދާނެ ގޮތަކަށް ދާން މިކަން ދޫކޮށްލައިފިނަމަ ގެއްލުންވާނެ. ޗައިނާ މާކެޓުގައި ވަރަށް ބޮޑަށް ޑިމާންޑު ދަށްވެދާނެ،" މިރިޕޯޓަށް މައުލޫމާތުދެއްވި ފަތުރުވެރިކަމުގެ ވިޔަފާރިވެރިޔާ ވިދާޅުވިއެވެ.

މި ރިޕޯޓަށް ވާހަކަދެއްކެވި ހުރިހާ ބޭފުޅުންގެ ކަންބޮޑުވުމަކީ ރައީސް އިބްރާހީމާއި އެމަނިކުފާނުގެ ސަރުކާރުން މިކަމަށް ރިއެކްޓުނުކުރެއްވުމެވެ. އެހެން ބައެއް ބޮޑެތި ކަންކަމޭ އެއްގޮތަށް އަޅައިނުލައްވައި ތިއްބަވަނިކޮށް އަތުން ދޫވެ، ފޫނުބެއްދޭނެ ގެއްލުމެއް ވެއްޖެނަމަ ދެން ކުރެވޭނެ ކަމެއް ނޯންނާނެތީއެވެ. އެބޭފުޅުން އެދިވަޑައިގަންނަވަނީ ރައީސް އަދި އެމަނިކުފާނުގެ ކެބިނެޓާއި ކަމާ ބެހޭ ވުޒާރާތަކުން އަވަހަށް ރިއެކްޓުކުރެއްވުމަށެވެ.

މި ލިއުމާއި ގުޅޭ