Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރީކޯ މޫސާ

މޫސަގެ ކުންފުނިން މުވައްޒަފަކަށް ނުދީ ހުރި ފައިސާ ދޭން އެންގިތާ ދޮޅުއަހަރުވީއިރުވެސް ނުދޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ ގާތް އެކުވެރިޔާ ރީކޯ މޫސާމަނިކުގެ ހެވީ ލޯޑްސް ކުންފުނީގެ މުވައްޒަފަކަށް 2019 ވަނަ އަހަރުގައި 10 މަހުގެ މުސާރައާއި އިނާޔަތްތައް ނުދީ ހުރުމުން އެ ފައިސާ ދައްކަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމާ އެއްގޮތަށް އެ ކުންފުނިން ފައިސާ ނުދޭކަން ހާމަވެއްޖެއެވެ.

މި މައްސަލައަކީ ހެވީ ލޯޑްސްގެ ޕްރޮޖެކްޓްސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި މުވައްޒަފަކަށް 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް މުސާރަނުދީ މަސައްކަތްކުރުވުމާ ގުޅިގެން އެ މުވައްޒަފު ޓްރައިބިއުނަލަށް ހުށަހަޅައި، އެ ޓްރައިބިއުނަލުން ގޮތެއް ކަނޑައެޅި މައްސަލައެކެވެ.

މުވައްޒަފަށް ދޭންޖެހޭ މުސާރައިގެ އިތުރަށް ރަމަޟާން މަހުގެ ރޯދައިގެ އިނާޔަތްވެސް އެ މުވައްޒަފަށް ދީފައިނުވެއެވެ. އަދި އަހަރީ ޗުއްޓީ ނުދީ އެ މުވައްޒަފު ލައްވާ މަސައްކަތްކުރުވާފައިވާތީ އަހަރީ ޗުއްޓީ ބާކީ އޮތް ދުވަހަށްވާ ފައިސާ ހޯދުމަށްވެސް މުވައްޒަފުގެ ފަރާތުން ޓްރައިބިއުނަލުގައި އެދިފައިވެއެވެ.

ޓްރައިބިއުނަލުން ނިންމާފައިވަނީ އެ މުވައްޒަފަށް 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ އަހަރުގެ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހާ ހަމައަށް މުސާރައާއި އިނާޔަތްތައް ނުދީ މަސައްކަތްކުރުވާފައިވަނީ ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފަށްކަމުގައިވާތީ، އެ މުއްދަތުގައި މުވައްޒަފަށް ލިބެންޖެހޭ 162،860 ރުފިޔާ ހެވީ ލޯޑްސް ކުންފުނިން ދޭންޖެހޭނެ ކަމަށެވެ.

އަދި އެ އަހަރުގެ ރަމަޟާން މަހުގައި މުވައްޒަފަށް ދޭން ޤާނޫނުން ލާޒިމުކުރާ ރޯދަ އިނާޔަތަށްވާ 3،000 ރުފިޔާވެސް ހެވީ ލޯޑްސް ކުންފުނިން މުވައްޒަފަށް ދީފައިނުވާތީ އެ ފައިސާވެސް ދޭންވާނެ ކަމަށެވެ. އޭގެ އިތުރަށް އަހަރީ ޗުއްޓީ ނުދީ މަސައްކަތްކުރުވުމުގެ ސަބަބުން އަހަރީ ޗުއްޓީގެ ބާކީ އޮތް 20 ދުވަހަށްވާ 18،967 ރުފިޔާއަކީވެސް ކުންފުނިން އެ މުވައްޒަފަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅާފައިވެއެވެ.

އެހެންކަމުން ހެވީ ލޯޑްސްއިން އެ މުވައްޒަދަށް ޖުމްލަ 184،827 ރުފިޔާ ދައްކަންޖެހޭކަމަށް 2021 ވަނަ އަހަރުގައި ޓްރައިބިއުނަލުން ނިންމިއެވެ. އަދި 30 ދުވަހުގެ ތެރޭގައި އެއްފަހަރާ އެ ފައިސާ ދައްކައި 5 ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އަންގަން ހެވީ ލޯޑްސްގެ މައްޗަށް ޓްރައިބިއުނަލުން 27 ސެޕްޓެންބަރު 2021 ގައި އަމުރުކުރިއެވެ.

މި މައްސަލާގައި ހިމެނޭ މުވައްޒަފު "ދިޔަރެސް"އަށް މައުލޫމާތު ދިން ގޮތުގައި މިހާތަނަށް މޫސާމަނިކުގެ ކުންފުނިން އޭނާއަށް ދިނީ 70،000 ރުފިޔާއެވެ. އަދިވެސް ބާކީވާ 114،825 ރުފިޔާ އެ ކުންފުނިން އޭނާއަށް ނުދެއެވެ.

މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ އިތުރަށް ޤައުމީ އެއާލައިން މޯލްޑިވިއަންއިން ކުރެޑިޓަށް މޫސަގެ ރިސޯޓަށް ނަގާފައިވާ ޓިކެޓުތަކަށް އަނބުރާ ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ އޭނާ އޮތީ ނުދައްކަވައެވެ. އަދި ރިސޯޓު ކުއްޔާއި ޓެކުހުގެ ގޮތުގައިވެސް އެތައް މިލިއަން ފައިސާއެއް މޫސަ ނުދައްކަވައެވެ.

ނަމަވެސް މޫސާމަނިކާއި ރައީސް އިބްރާހީމާ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ސަބަބުން މޫސަގެ މިފަދަ އެއްވެސް މައްސަލައެއްގައި އޭނާއާމެދު އެއްވެސް ފިޔަވަޅެއް ނޭޅެއެވެ. ދައުލަތަށް ދައްކަންޖެހިފައިވާ ފައިސާ ނުދެއްކި ނަމަވެސް އެފައިސާ މޫސަގެ ކުންފުނިތަކުން ހޯދުމަށް ދައުލަތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ.

މި ލިއުމާއި ގުޅޭ