Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބައި އިލެކްޝަން

ބައި-އިލެކްޝަނުގެ ބޮޑު ދުވަސް، ހިންގާލާ ޓީމަށް މިވީ ކިހިނެއް؟

މިއަދަކީ މިފަހުން ރާއްޖޭގައި އެންމެ ގިނަ ބައި-އިލެކްޝަން އެއް ދުވަހެއްގައި ބޭއްވުނު އެއް ދުވަހެވެ. މިއަދަށް 11 ރަށެއްގެ ބައި-އިލެކްޝަނުގެ ވޯޓުލުން ތާވަލުކުރިއެވެ. އެއިން 8 ރަށެއްގެ އިންތިޚާބު ބާއްވައި މިހާރު ނަތީޖާތައްވަނީ އެނގި ސާފުވެފައެވެ. ނަތީޖާއިން އުފެދޭ ބޮޑު ސުވާލަކީ ހިންގާލަން ނިކުމެ، ސިޔާސީ އެހެން ހުރިހާ ޕާޓީއަކަށް ގޮންޖަހައިގެން މަސައްކަތްކުރާ އެމްޑީޕީއަށް މި އިންތިޚާބުތަކުގައި އެ ޕާޓީން ދައްކައިލަން ވައުދުވި ފަންވަރާއި ބުންވަރު ކޮބައިތޯއެވެ؟

ނަތީޖާތަކުން ފެންނަ މަންޒަރަކީ ކޮބާ؟

މިއަދަށް 11 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ތާވަލުކުރި ނަމަވެސް، ބާއްވާފައިވަނީ 8 ރަށުގެ އިންތިޚާބެވެ. ސަބަބަކީ ހެއްޔެވެ؟ މި އިންތިޚާބުގައި ބައިއިލެކްޝަން ބާއްވަން އިއުލާނުކުރި ރަށްތަކުގެ ތެރެއިން 3 ރަށަށް އެމްޑީޕީން ކެނޑިޑޭޓުން ނުނެރުވުމެވެ. ރާއްޖޭގައި އެންމެ މެންބަރު ގިނަ ޕާޓީއަށް، އަދި އެންމެ މަޤުބޫލުކަމަށް ދައުވާކުރައްވާ ސިޔާސީ ލީޑަރުގެ ޒައާމަތުގައި ހިނގަމުން އަންނަ އަދި އެންމެ ކުޅަދާން ސިޔާސީ ހިންގުންތެރިޔާކަމަށް ބަޔަކު ސިފަކުރާ ބޭފުޅާގެ ޗެއާޕާސަންކަމުގައި އެމްޑީޕީއަށް 3 ރަށަށް ކެނޑިޑޭޓުން ނުނެރެވުނެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބޭރަށް އެރުވިވަޑައިގެން ހުންނެވި ޒަމާނުގައި އެމަނިކުފާނުގެ އަރިހުގައި މިހާރުވެސް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ޗެއާޕާސަންކަމުގައި 2017 ވަނަ އަހަރު އެމްޑީޕީއަށް ހުރިހާ ރަށެއްގެ ހުރިހާ ގޮނޑިއަކަށް ކެނޑިޑޭޓުން ނެރެވުނެވެ. އެއިރު ބޭއްވި ހުރިހާ ބައި-އިލެކްޝަންތަކުގައިވެސް އެ ޕާޓީން ވާދަކުރިއެވެ. ވެރިކަމުގައި އޮތަތީ މިއަދު ބޭނުންކުރާ ގިނަ ވަސީލަތްތަކާއި ތަންމިނަށް ހުޅުވާފައި އޮންނަ ބޮޑު ބަޖެޓެއްވެސް އެއިރަކު ގައިމު ނެތެވެ.

"ހިންގާލާ" ޓީމަށް ކެނޑިޑޭޓުން ނުނެރެވުމުގެ ސަބަބުން ރ.މީދޫއާއި ށ.މަގޫދޫއާއި ގއ.ދެއްވަދޫގެ ގޮނޑިތައް އިދިކޮޅު ޕީޕީއެމަށް ކާމިޔާބުވީ އެއްވެސް މިންވަރެއްގެ ވާދަވެރިކަމެއް ނެތި، އޮޓޮމެޓިކުންނެވެ. ހިންގާލި ހިންގާލީނުން ރިޔާސީ އިންތިޚާބަށް ކުޑަ ވަގުތުކޮޅަކަށްވެފައިވަނިކޮށް 3 ގޮނޑި މިފަދައިން އަތުން ބީވުމަކީ ހިންގައިލާ ޓީމަށް ލިބުނު ކާމިޔާބެއްކަން ނުވަތަ ނޫންކަން ވަޒަންކުރައްވާނީ އެމްޑީޕީގެ އާންމު މެންބަރުންނާއި، ދިވެހިންނެވެ.

ވާދަކޮށްގެންވެސް ބޮޑު ބައްޔެއް

ސަރުކާރުގެ ހުރިހާ ވަސީލަތަކާއެކު ރަށްތަކުގައި އެމްޑީޕީގެ ސަރުކާރުން އެކި ގޮތްގޮތުން އުފެއްދި ގުނައި އަދަދުނުކުރެވޭހައި ގިނަ ވަޒީފާތައްވެސް ހިމެނޭހެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން އަތުރާފައިވާ ހުރިހާ ކުޅިއެއް ހުރެމެ، މިއަދުގެ ވާދަވެރި ބައި-އިލެކްޝަންތައްވެސް އެމްޑީޕީއަށް ހިންގައިލެވުނު މަންޒަރެއް ނުފެނުނެވެ. ލީޑަރު ނެތުމުގެ ފަޅުކަމާއި، މާލިމީގެ މަގުދެއްކެވުމުން މަހުރޫމުވުމުގެ ޔަތީމުކަން އިހުސާސްކުރާ ޕީޕީއެމުން ނިކުމެވެ. 5-2 ގެ ނަތީޖާއަކުން ކުރި ހޯދީއެވެ. ދެ ޕާޓީއަށްވެސް ކާމިޔާބުނުވެ މިނިވަން ކެނޑިޑޭޓަކަށް އެއް ގޮނޑި ދޫވީއެވެ.

އެގޮތުން ގއ.މާމެންދޫއާއި ރ.ފިނޭއާއި، މ.ވޭވަށާއި ކ.ދިއްފުއްޓާއި، ގދ.ހޯނޑެއްދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިތައް ޕީޕީއެމުން ކާމިޔާބުކުރީއެވެ. އެމްޑީޕީއާއި އެ ޕާޓީއަށް ބައިއަތު ހިފައި އެ ޕާޓީގެ ލީޑަރުގެ ފައިންޕުޅަށް ޖިޒީ ބަރުތީލަކުރާ ކުދި ދެ ޕާޓީއާވެސް ވާދަކޮށެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހުގައި ވިދާޅުވީ ބައި-އިލެކްޝަންތައް ކާމިޔާބުކުރުމަކީވެސް އެ ޕާޓީގެ އަމާޒެއް ކަމުގައެވެ.

އެމްޑީޕީ ހިންގަވައިލައްވާނެކަމަށް ވިދާޅުވެ އެ ޕާޓީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރެއްވި ދުވަސްވަރުވެސް ފައްޔާޒު ވިދާޅުވީ ބައި-އިލެކްޝަންތަކަށް އެމްޑީޕީއަށް ކެނޑިޑޭޓުން ނުނެރެވި ކެމްޕެއިންނުކުރެވި އިންތިޚާބުތަކުން ނާކާމިޔާބުވާ މައްސަލަ ހައްލުވެ އެ ޕާޓީއަށް ބައި-އިލެކްޝަންތައް ބޮޑު ތަނުން ކާމިޔާބުކުރެވޭ މިންވަރަށް ޕާޓީ ހިންގަވާނެ ކަމަށެވެ. އެމިންވަރަށް ހިންގެވުނުކަން ނުވަތަ ނޫންކަން ވަޒަންކުރައްވައި ގޮތެއް ނިންމަވާނީ ޕާޓީގެ އާންމު މެންބަރުންނެވެ.

މަންޒަރުން ފެންނަނީ ކޮން ކަހަލަ ހަގީގަތެއް؟

މި އިންތިޚާބުތަކުގައި ޕީޕީއެމަށް ޖުމްލަ 1314 ވޯޓު ލިބުނެވެ. އެމްޑީޕީއަށް ލިބުނީ 1180 ވޯޓެވެ. އަމިއްލަ ކެނޑިޑޭޓުންނަށް ލިބުނު ވޯޓާއެކު ޕީޕީއެމާ ދެކޮޅަށް އެޅި ހުރިހާ ވޯޓެއް އެއްކޮށްލުމުންވެސް ހަމަވަނީ 1275 ވޯޓެވެ.

ދެ ކަމެއް ސާފެވެ. މި 8 ރަށުގައި އަދާލަތާއި، އެމްޑީއޭ އަދި ޖޭޕީއާއި އެމްއާރުއެމުގެ މެންބަރުން ތިބިނަމަ އެބަޔަކު ވޯޓުލީހީ އެމްޑީޕީއަށެވެ. ހިތްހަމަނުޖެހި ވާހަކަތަކެއް ދެއްކިޔަސް ހައްތަހާވެސް މިއީ އެމްޑީޕީ ސަރުކާރުގެ ކޯލިޝަން ޕާޓީތަކެވެ. އަމުދުން އަދާލަތާއި އެމްޑީއޭއަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށްވެސް އެމްޑީޕީއަށް ބައިއަތު ހިފައިގެން ތިބި އެ ޕާޓީގެ ލީޑަރުގެ ފަސްބާގައި މިހާރުވެސް އެލިގަނެގެން ތިބި ޕާޓީތަކެވެ. އެހެންވީމާ އެ ދެ ޕާޓީގެ ހުރިހާ ވޯޓެއް އެމްޑީޕީން ނެރޭ ކެނޑިޑޭޓުންނަށް ލިބޭނެއެވެ.

ނަމަވެސް ވޯޓުގެ ފަރަގު ބޮޑެވެ. މިވީ ކިހިނެއްކަން އެންމެ ސާފުކޮށް މި އިންތިޚާބުތަކުގެ ކުރިން ވިދާޅުވެދެއްވީ އުގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)އެވެ. ހުރިހާ ރަށަކަށް ކަޅުދަބަހަކާއެކު އާސަންދައާއި އެންސްޕާ ހިފައިގެން ބޮޑު ޅިޔަނެއް ފޮނުއްވާފައި ނުބެހެއްޓެވުނީއެވެ. ދެވަނަކަމަކަށް ސަރުކާރަށް މާ ބޮޑަށް އަމިއްލަ ޒާތަށް އިތުބާރުކުރެވެނީއެވެ. ތިމާމެން މިތިބީ މޮޅުވެގެންކަމަށް ހިތަށް އަރަނީއެވެ.

ތިންވަނަކަމަކީ އަދިވެސް ސިޔާސީ މަސްރަހުގެ މަންޒަރު ސާފުނުވި ނަމަވެސް އަދިވެސް އެމްޑީޕީއަށް ގޮންޖަހައި ވާދަކުރުމުގެ ޤާބިލުކަން ހުރި ހަމައެކަނި ޕާޓީއަކީ ޕީޕީއެމްކަން މި އިންތިޚާބުތަކުން ސާފުވެއެވެ. ހުރިހާ ދާއިރާއަކަށް ކެނޑިޑޭޓުން ނެރެ، އިންތިޚާބުގައި ވާދަކޮށް ކާމިޔާބުކުރީއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމު ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާސީ އިންތިޚާބަށް 2 މަހަށްވެފައިވަނިކޮށް 8 ބައި-އިލެކްޝަނުގެ ތެރެއިން 5 ބައި-އިލެކްޝަން ޕީޕީއެމަށް ކާމިޔާބުވުމުން ރައްޔިތުން ތިބިގޮތް ވަރަށް ސާފެވެ.

މިނަތީޖާއާއެކު އަދިވެސް އެމްޑީޕީގެ މެންބަރުން އުފައްދަންޖެހޭ ސުވާލަކީ ހިންގައިލަން އެ މެންބަރުން އިންތިޚާބުކުރި ލީޑާޝިޕަށް ހަމަ ހިންގައިލެވޭތޯއެވެ؟

މި ލިއުމާއި ގުޅޭ