Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

އެމެރިކާގެ ހަނގުރާމަ ތަކުގެ ސިއްރު ވާހަކަތައް ލީކްކުރި ވިސްލްބްލޯވަރު 92 އަހަރުގައި މަރުވެއްޖެ

އެމެރިކާގެ ހަނގުރާމަ ތަކުގެ ސިއްރު ވާހަކަތައް ލީކްކުރި ޕެންޓަގަން ޕޭޕަރސްގެ ވިސްލްބްލޯވަރު ޑޭނިއަލް އެލްސްބަރގް އުމުރުން 92 އަހަރުގައި މަރުވެއްޖެއެވެ.
ވިއެޓްނާމްގައި އެމެރިކާ އިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރުގެ އޮޅުވާލުންތައް ހާމަކޮށް، ނިއުކްލިއާ ހަތިޔާރާ ފާޅުގައި ދެކޮޅު ހަދަމުން ދިޔަ ވިސްލްބްލޯކުރާ ޑެނިއަލް އެލްސްބާގް އުމުރުން 92 އަހަރުގައި މަރުވީ ޕެންކްރިއޭޓިކް ކެންސަރު ބަލީގައެވެ.
އެލްސްބާގް މަރުވީ މިދިޔަ ހުކުރު ދުވަހު ކަމަށް އެންމެ ފުރަތަމަ ރިޕޯޓްކުރީ އޭނާގެ އާއިލާގެ ބަޔާނަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުންނެވެ.
އެލްސްބަރގް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ “ޕެންޓަގަން ޕޭޕަރސް” ގެ ނަމުން މަޝްހޫރު ސިއްރު ލިޔެކިޔުންތަކެއް އާންމުންގެ ސަމާލުކަމަށް ގެނައުމަށް ކުރި މަސައްކަތުން ނަމަވެސް، ވިސްލްބްލޯ ކުރާ މީހުންނަށް ރައްކާތެރިކަމާއި ނިއުކްލިއަރ ހަތިޔާރުގެ ނުރައްކާތެރިކަން ފަދަ ގިނަ މައްސަލަތަކެއްގައި އެކްޓިވިޒަމްގައި ހީވާގިކަމާއެކު ހަރަކާތްތެރިވި މީހެއްގެ ގޮތުގައެވެ.
ޕެންޓަގަން ޕޭޕަރސް ލީކްވި އިރު، އެމެރިކާއިން ވިއެޓްނާމް ހަނގުރާމަ ވަރުގަދަ ކުރުމުގެ އާކިޓެކްޓެއް އަދި އޭރު ކުރީގެ ރައީސް ރިޗަޑް ނިކްސަންގެ ގައުމީ ސަލާމަތާ ބެހޭ ލަފާދެއްވި ހެންރީ ކިސިންޖަރ ވަނީ އެލްސްބަރގް އަކީ “އެމެރިކާގެ އެންމެ ނުރައްކާތެރި މީހާ ކަމަށާއި ކޮންމެ އަގެއް ދައްކައިގެން ވިޔަސް ހުއްޓުވަން ޖެހޭ މީހާ” ކަމަށް ވިދާޅުވެފައެވެ.
އެލްސްބަރގް ވަނީ ވިއެޓްނާމްގައި އެމެރިކާއިން ހިނގި ހަނގުރާމައާ މެދު މާޔޫސްވެ، ހަނގުރާމައާ ބެހޭ ގޮތުން ސަރުކާރުން ދޮގުހެދުންތައް ތަފްސީލުކޮށްފައިވާ އެތައް ހާސް ޞަފްޙާއެއްގެ ލިޔެކިޔުންތައް މީޑިއާއަށް ލީކު ކުރުމުގެ ކުރިން ޕެންޓަގަން އާއި ޕޮލިސީ ތިންކް ޓެންކެއް ކަމަށްވާ ރެންޑް ކޯޕަރޭޝަންގެ ގައުމީ ސަލާމަތުގެ މައްސަލަތަކުގައި އަސްކަރީ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.
އޭގެ ނަތީޖާއަކަށްވީ ޚިޔާލު ފާޅުކުރުމުގެ ޙައްޤު ފުޅާވެ މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ފުރުޞަތު ފަހިވެގެން ދިޔުމެވެ. އެ ކަރުދާސްތައް ޝާއިއުކުރިތާ ދެ ހަފްތާ ވެސް ނުވަނީސް ކޯޓުން ނިންމީ އެލްސްބާގް ލީކުކުރި ތަކެތި ޝާއިއު ކުރުމުގެ ހައްގު ނޫސްވެރިންނަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން އެކަންވީ ގައުމީ ސަލާމަތް ފަދަ މައްސަލަތަކުގައި ސަރުކާރުގެ ދޮގު ވާހަކަތައް ފަޅާއަރުވަން ކުރާ މަސައްކަތަށް ލިބުނު ވަރަށް މުހިންމު ކާމިޔާބަކަށެވެ.
އެމެރިކާ ސަރުކާރުން އޭނާގެ މައްޗަށް ޖެނުއަރީ 1973 ގައި ޖާސޫސީ ގާނޫނުގެ ދަށުން ވައްކަމާއި ރޭވުމުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ މައްޗަށް 115 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށް ބެލެވުނެވެ. ނަމަވެސް އެ އަހަރުގެ މެއި މަހު އެ ދައުވާ ބާތިލްކޮށްފައި ވަނީ ސަރުކާރުން އެދައުވާގައި ހެދި ގޯސް އަމަލުތަކާއި ގަވާއިދާ ހިލާފަށް ހެކި އެއްކުރުމުގެ ސަބަބުންނެވެ.
އަލްޖަޒީރާއަށް 2014 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި އެލްސްބަރގް ވަނީ ސަރުކާރުގެ ލިޔެކިޔުންތައް ފުޅާދާއިރާއެއްގައި ގިންތިކުރުމާއި އެމެރިކާގެ ގައުމީ ސަލާމަތުގެ ވަސީލަތްތަކުގައި "ސިއްރުވެރިކަމުގެ ސަގާފަތް" އުފެދިފައިވާ ނުރައްކާތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ.
އެލްސްބަރގް އަކީ ވެސް ނިއުކްލިއާ ހަތިޔާރާ ވަރުގަދަ ދެކޮޅުވެރިއެކެވެ. އެކަމުގެ ސަބަބުން ދިހަވަރަކަށް ފަހަރު އޭނާ ހައްޔަރު ކުރިއެވެ.
2017 ވަނަ އަހަރުގެ އެލްސްބާގް ނެރުނު ފޮތް "ދަ ޑޫމްސްޑޭ މެޝިން: ކޮންފެޝަންސް އޮފް އަ ނިއުކްލިއާ ވާރ ޕްލޭނަރ" ގައި ނިއުކްލިއާ ހަތިޔާރުގެ ނުރައްކާތަކާއި އެމެރިކާގެ ގައުމީ ސަލާމަތުގައި އެ ހަތިޔާރުގެ ދައުރު ތަފްސީލުކޮށްފައިވެ އެވެ. އެއީ 1958 އާއި 1971 އާ ދެމެދު ނިއުކްލިއާ މައްސަލަތަކުގައި މަސައްކަތް ކުރެއްވި އަސްކަރީ ތަހުލީލުވެރިއެއްގެ ގޮތުގައި އޭނާގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތެކެވެ.
އެފޮތް އޭނާ ޚާއްޞަކުރެއްވީ، “އިންސާނީ މުސްތަޤްބަލަކަށްޓަކައި ހަނގުރާމަކުރާ މީހުންނަށް” ކަމަށް އަލްޖަޒީރާއަށް ކުރިންދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.
މި ލިއުމާއި ގުޅޭ