ގައުމީ ސަލާމަތަށް ބެލުމެއްނެތި އެކި ގައުމުތަކުގެ އެމްބަސީ ރާއްޖޭގައި އެޅުމަށް ސަރުކާރުން ހުއްދަ ދޭތީ އިދިކޮޅު މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ފާޑުވިދާޅުވެއްޖެ އެވެ.
ސަލީމް ފާޑުވިދާޅުވީ ގައުމީ ސަލާމަތަށް ރިއާޔަތްކޮށް އޮސްޓްރޭލިއާގެ ވެރިރަށް ކެންބެރާގައި ރަޝިއާގެ އާ އެމްބަސީއެއް އެޅުމަށް އެ ޤައުމަށް ކުއްޔަށް ދޫކުރި ބިމުގެ ހުއްދަ ބާތިލް ކުރަން ޕާލަމެންޓަށް ހުށަހަޅަން ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމީ ސަލާމަތަށް ރިއާޔަތް ކުރުމަށްފަހު ނޫނީ އެމްބަސީތައް އެޅުމަށް ހުއްދަ ދިނުމަކީ ގައުމުތަކުން އަމަލުކުރާ ގޮތް ކަަމަށާއި ނަމަވެސް ރާއްޖޭގައި އޮންނަނީ އެ އުސޫލު ނޫން ކަމަށެވެ.
"މިއީ ދުނިޔޭގައި ކަން ހިނގާ ގޮތް. ރާއްޖޭގައި މައްސަލައެއް ނެތް ރައީސް އޮފީސް ތެރެއިންވެސް ބިން ދޭކަށް،" ސަލީމް ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ގޮތް ނޭނގޭ އެއްބަސްވުންތަކެއް ހަދައި، އިންޑިއާއިން ބޭނުންވާހާ ގޮތަކަށް ދިވެހި ސަރުކާރުން ކަންތައް ކުރަމުންދާ ކަމަށް އިދިކޮޅުން ތަކުރާރުކޮށް އަންނަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ހަތިޔާރާއެކު މިހާރުވެސް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އިދިކޮޅުން ބުނެ އެވެ.
އަދި އެ ގައުމާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިދާނެ ކަމަށް އިދިކޮޅުން ބުނެ އެވެ.
އިދިކޮޅުގެ ތުހުމަތުތައް ސަރުކާރުން ދޮގުކުރި ނަމަވެސް އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ސަރުކާރުން ހާމާކުރަން ދެކޮޅު ހަދަ އެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރަން ޑިފެންސް މިނިސްޓްރީން މިހާރު ގެންދަނީ ކޯޓުގައި ވެސް ވަކާލާތު ކުރަމުންނެވެ.