މިއާމީ (ޖޫން 14) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކިވެވަޑައިގެންނެވި އިރު ގާނޫނާ ހިލާފަށް ގައުމީ ސަލާމަތާ ބެހޭ ލިޔުންތައް ބަހައްޓައި، އެ ލިޔުންތައް ހޯދަން މަސައްކަތް ކުރި އޮފިޝަލުންނަށް ދޮގު ހެއްދެވި ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލި ފެޑެރަލް ޖިނާއީ ދައުވާއަށް އިންކާރު ކުރައްވައިފި އެވެ.
އެމެރިކާގެ މެޖިސްޓްރޭޓް ގާޒީ ޖޮނަތަން ގުޑްމަންގެ ކުރިމަތީގައި މަޔާމީގެ ފެޑެރަލް ކޯޓެއްގައި ޓްރަމްޕް ހުށަހެޅުއްވި މި ހުށަހެޅުއްވުމުގައި، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބު އަލުން ކާމިޔާބު ކުރެއްވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ކުރިއަށް އޮތް މަސްތަކުގައި ގާނޫނީ ހަނގުރާމައެއް ހިނގައިދާނެ ކަމަށް ބެލެވެ އެވެ. ތަޖުރިބާކާރުން ބުނަނީ މި މައްސަލައިގެ އަޑުއެހެންތައް ބާއްވަން އަހަރެއް ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމެއް ކަމަށެވެ.
ނޫ ކުލައިގެ ކޯޓަކާއި ރަތް ކުލައިގެ ޓައީއެއް ތުރުކުރައްވައިގެން ހުންނެވި ޓްރަމްޕް ފުންނޭވާއެއް ދޫކޮށްލައްވައި ފަހަތަށް ގޮނޑީގައި ލެނގިލެއްވި ނަމަވެސް 47 މިނެޓުގެ އަޑުއެހުމުގައި އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.
މި މައްސަލާގައި ދައުވާ އުފުލާފައިވާ ޓްރަމްޕްގެ އެހީތެރިޔާ ވޯލްޓް ނައުޓާ ވެސް ޓްރަމްޕާއެކު ކޯޓަށް ހާޒިރުވި ނަމަވެސް އޭނާގެ ލޯކަލް ވަކީލަކު ނެތުމުން އޭނާގެ މައްސަލަ ކުރިއަކަށް ނުގެންދެ އެވެ. ނަމަވެސް އޭނާ އަށް ކޯޓުން ވަނީ ހެކިންނާ ވާހަކަ ނުދެއްކުމަށް އަމުރުކޮށްފަ އެވެ.
ކޯޓްގައި ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަކުރެއްވުމަށް ފަހުން މެންދުރު ފަހު 3:55 ހާއިރު، އޭނާގެ މޮޓޯކޭޑް ކޯޓުން ނިކުތްއިރު ސަޕޯޓަރުން ވަނީ ކޯޓުން ބޭރުގައި ތިބެ "ވީ ލަވް ޓްރަމްޕް" އޭ ގޮވާ އަޑު އުފުލައިފަ އެވެ. ޓްރަމްޕް އެމީހުންނާ ސަލާމްކުރައްވާ ހިތްވަރު ދެއްވާ ހެއްދެވިއެވެ.
މިއީ ފާއިތުވި މަސްތަކުގައި ޓްރަމްޕް ކޯޓަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. މިދިޔަ އޭޕްރީލް މަހު ނިއުޔޯކްގައި އޭނާ ވަނީ ޕޯން ތަރިއަކަށް ސިއްރުން ފައިސާ ދެއްވިކަމުގެ ތުހުމަތުގައިވެސް ކޯޓަށް ހާޒިރު ކޮށްފައެވެ. އެދައުވާއަށްވެސް ޓްރަމްޕްވަނީ އިންކާރު ކުރައްވާފަ އެވެ.
ޓްރަމްޕްގެ މައްޗަށް ބައިޑެންގެ ސަރުކާރުގައި މިފަދަ ދައުވާތަކެއް ކުރަމުންދާއިރު، 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕްވެސް ވަނީ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވިއިރު ޕްރައިވެޓް އީމެއިލް ބޭނުންކުރެއްވި ކަމަށް ބުނެ ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަން ޖަލަށް ލުމަށް ގޮވާލައްވާފައެވެ. އެފްބީއައިގެ އޭރުގެ ޑިރެކްޓަރު ޖޭމްސް ކޯމީ ހިލަރީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ނަމަވެސް ޖިނާއީ ދައުވާކުރަން ލަފާ ދެއްވާފައެއް ނުވެ އެވެ.