ދިވެހިރާއްޖޭގައި ޤައިމްވެގެންތިބޭ އިންޑިއާ ސިފައިންގެ މައުލޫމާތު ސިއްރުކުރި މައްސަލައިގެ ހައިކޯޓު އަޑު އެހުމުގައި ފަނޑިޔާރުންގެ ބެންޗުން ދައުލަތަށް ގިނަ ސުވާލުތަކެއް އަމާޒުކޮށްފިއެވެ.
ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އެ ސިފައިންނަށް ސަރުކާރުން ކުރާ ހަރަދު ހޯދުމަށް 2020 ވަނަ އަހަރު "ދިޔަރެސް" ގެ ނޫސްވެރިޔާ އަހުމަދު އަޒާން، ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން އެ މައުލޫމާތު ނުދިނުމާއި ގުޅިގެން އަޒާން ވަނީ އެ މައްސަލަ އިންފފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައެވެ.
މިކަމާ ގުޅިގެން ފަނޑިޔާ ޝަފީއު ވަނީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން، ހަމައެކަނި ސިފައިންގެ ލަފާދޭ މަޖިލީހުގެ ބަހަށް ބިނާކޮށް މައުލޫމާތު ސިއްރުކުރަން ނިންމޭނެތޯ ސުވާލުކުރައްވާފައެވެ.
މިހާރު ތި ވިދާޅުވި ގޮތުން އެ ކޮމިޓީން ނިންމީމަ ނިމުނީ، އިތުރު އިހުތިޔާރެއް ނެތް ކަމަށް ތި ވިދާޅުވަނީފަނޑިޔާރު ޝަފީއު
އެ ކޮމިޓީން ވަނީ ބައްދަލުވުމުގަ ހޯދަން އެދުނު މައުލޫމާތަކީ ޤާނޫނުގައި ބުނާ އިސްތިސްނާ ހާލަތަށް ފެތޭ މައުލޫމާތު ކަމުގައި ބުނެފައި ކަމަށް ދައުލަތުން އޭގެ ޖަވާބުގައި ބުންޏެވެ. މީގެ އިތުރުން ޝަފީއު ވަނި ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ކޮން މަޤްސަދެއްގައިކަން ހާމަކުރުމަކީ ކުރެވޭނެ ކަމެއްތޯ ނުވަތަ ނޫންތޯ އައްސަވާފައެވެ.
އެކަމާގުޅިގެން އައިކޮމް އިން ބުނެފައިވަނީ ހޯދަން އެދިފައިވަނީ ހަމައެކަނި ރާއްޖެއާއި ގުޅޭ މައުލޫމާތެއް ނޫންކަމަށާއި އިންޑިއާ ސިފައިން ބައިތިއްބަން ހެދި އެއްބަސްވުމުގައި އެ މައުލޫމާތު ހާމަނުކުރެވޭނެކަމަށް ބުނެފައިވާނަމަ އެކަން ނުކުރެވޭނެ ކަމަށެވެ.
އައި ސިފައިންގެ ލަފާދޭ މަޖިލީހުން ދެއްކި ވާހަކަ ކަށަވަރު ކުރުމުގެ އިހުތިޔާރާއި ބާރު އިންފޮމޭޝަން ކޮމިޝަނަރަށް ލިބިގެންވޭތޯ ސުވާލުކުރެއްވިއެވެ. މިގޮތުން އެ އެއްބަސްވުމުގައި އެ މަޖިލީހުން ބުނި މާއްދާއޮތްތޯ އާއި ކަށަވަރު ކުރުމުގެ ބާރު އޮތްތޯ އެއްސެވިއެވެ.
މީގެ އިތުރުން ފަނޑިޔާރު ހުޒައިފާވަނީ އެ އެއްބަސްވުން ހޯދަން އައިކޮމްއިން އެދިފައިވޭތޯ އައްސަވާފައެވެ. އައިކޮމް އިން ވަނީ އެގޮތަށް އެދިފައިނުވާކަމަށް ބުނެފައެވެ. އަދި އެއްބަސްވުމުގައި އެފަދަ މާއްދާއެއް އޮތްތޯ ކަށަވަރު ނުކުރާކަމަށްވެސް އައިކޮމްއިން ބުނެފައިވެއެވެ.
ފަނޑިޔާރުން ކުރެއްވި ސުވާލުތަކާއި ގުޅިގެން ވާހަކަ ދެއްކުމަށް އަޒާންއަށް ދިނަ ފުރުސަތުގައި އަޒާންވެސް ވަނީ ބައެއްކަންކަން ފާހަގަކޮށްފައެވެ. މިގޮތުން އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަނުކުރީ، ސިފައިންގެ ލަފާދޭ މަޖިލީހުން އެ މައުލޫމާތަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން އިސްތިސްނާ މައުލޫމާތުކަމުގައި ބުނެފައިވާއިރު، އެ ޤާނޫނުގެ ދަށުން، އިސްތިސްނާ ކުރެވޭނެ ހާލަތްތައް ހުރިކަމުގައިވީނަމަވެސް، މައުލޫމާތެއް ހާމަކުރުމަކީ އެންމެ މަސްލަހަތު ރަނގަޅުގޮތް ކަމުގައި ވަނީނަމަ މައުލޫމާތު ހާމަކުރަން ޖެހޭނެކަން ޤާނޫނޫގައި އޮންނަކަން އަޒާން ފާހަގަކުރިއެވެ.
މީގެއިތުރުން ސިފައިންގެ ލަފާދޭ މަޖިލީހުގެ ބަހަށް ގޮތް ނިންމިއިރު، އެ މަޖިލީހުން ދެއްކި ވާހަކަތައް ކަށަވަރުކުރަން، ޤާނޫނުން އިންފޮމޭޝަން ކޮމޝަނަރަށް ލިބިދޭ ބާރުތައް ބޭނުންކޮށްގެން ބަލާ ފާސްކުރުމާއި، ވަކި މައުލޫމާތެއް ގެންނަން އެންގުންފަދަ ކަންކަން ކުރެވެން ހުރިއިރު އެކަންކަން ނުކުރާކަން ފާހަގަކުރިއެވެ.
މިއަދުގެ އަޑު އެހުން ނިންމާލީ ދެން އަންނަ އަޑު އެހުމުގައި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަކީ އެންމެ މަސްލަހަތު ރަނގަޅުގޮތް ކަމަށް ދެކޭ ސަބަބާއި، އެހެން ޤައުމުތަކުގައި މިފަދަ ކަންކަން ހިނގާފައި ހުރިނަމަ އެކަމުގެ ތަފްސީލު ކިޔައިދިނުމަށް ތައްޔާރުވެގެން އައުމަށް އެދިފައެވެ.