Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާގެ އަސްކަރިއްޔާ

"އިންޑިއާ ސިފައިންގެ އަދަދު ހާމަވެއްޖެނަމަ ކާޑުގެ ބާވަތްތައް ލިބުމުގައި ދަތިވެދާނެ"

ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަވެއްޖެނަމަ ދިވެހިރާއްޖެއަށް ކާޑުގެ ބާވަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފިއެވެ.

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އެ ސިފައިންނަށް ސަރުކާރުން ކުރާ ހަރަދު ހޯދުމަށް 2020 ވަނަ އަހަރު "ދިޔަރެސް" ގެ ނޫސްވެރިޔާ އަހުމަދު އަޒާން، ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން އެ މައުލޫމާތު ނުދިނުމާއި ގުޅިގެން އަޒާން ވަނީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައެވެ.

އަދި އެ އޮފީހުން އެ މައްސަލަ ބެލުމަށްފަހު ވަނީ ޑިފެންސް މިނިސްޓްރީން ނިންމީ ރަނގަޅަށް ކަމުގައި ނިންމާފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މި ނިންމުން އަޒާން މިހާރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، މިއަދު ކުރިއަށް ދިޔަ އެ މައްސަލައިގެ އަޑު އެހުމުގައި އޮތީ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބުދާރީވުމެވެ. މި މައްސަލައަށް މިހާރު ޑިފެންސް މިނިސްޓްރީ ތަދައްޚުލްވެފައިވާއިރު މައްސަލާގައި ބަންޑާރަނައިބުގެ އޮފީހުން އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަކީލުން ބައިވެރިވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ލިޔުމުން ހުށަހަޅާފައިވާ ޖަވާބުގައި ބުނެފައިވާގޮތުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ އަދަދު ހާމަވުމަކީ ޤައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެކެވެ.

މިގޮތުން ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވެފައި އަސާސީ ކަންކަމަށް ބޭނުންވާ ތަކެތި އެތެރެކުރުމަށްވެސް އެހެން ޤައުމުތަކަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު އެ މައުލޫމާތު ހާމަވެއްޖެނަމަ ކާޑުގެ ބާވަތްތައް ފަދަ އަސާސީތަކެތި ލިބުމުގައި ދަތިވުމާއި، އިންޑިއާއިން ފޯރުކޮށްދޭ އިންސާނިއްޔަތުކަމުގެ އެހީތަކަށްވެސް ހުއްޓުމެއް އަތުވެދާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އިންޑިއާ ސިފައިންގެ އަދަދު އެނގިއްޖެނަމަ، އެހެން ޤައުމުތަކުންވެސް އެ އަދަދަށް ސިފައިން ބައިތިއްބަން އުޅެފާނެކަމަށް އެ ޖަވާބުގައި ބުނެފައިވެއެވެ. އަދި ރާއްޖެއަށް ހަމަލާދޭ ފަރާތަކުންވެސް އެންމެ ފުރަތަމަ ބަލާނީ ސިފައިންގެ އަދަދު ކަމަށްވެފައި، އެ އަދަދު ހާމަކުރުމަކީ "ޤައުމު ހަލާކުގެ ތެރެއަށްވައްޓާލުން ކަމުގައި މެނުވީ ނުވާނެ" ކަމަށް ބުނެފައިވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މި ޖަވާބު ތައްޔާރުކުރެއްވިއިރު ކޮމިޝަނަރަކަށް ހުންނެވީ ކުރީގެ ކޮމިޝަނަރު ހުސެއިން ފިޔާޒެވެ.

މިއަދުގެ އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ މި ވާހަކަތަކަށް ބާރުދީ ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުން ވެސް ވަނީ ވާހަކަދައްކަވާފައެވެ. އަދި އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކުރަން ނުޖެހޭނެކަމަށް ނިންމަވައި ދެއްވުމަށް އެދިފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި އަޒާންގެ ފަރާތުން ވަނީ ދައުލަތުގެ ޖަވާބުތަކަށް ރައްދު ދީފައެވެ. މިގޮތުން، އަޒާން ފާހަގަކުރި ކަންކަން:

  • - އިންޑިއާ ސިފައިންގެ އަދަދު ހާމަވެއްޖެނަމަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެފައިވާއިރު، އެކަން އެހެން ވާނެ ގޮތެއް ބުނެދެވިފައިނުވޭ
  • - އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރަން ނިންމީ އެ މައުލޫމާތު ހާމަކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ މައުލޫމާތެއްކަން ކޮމިޝަނަރު "ވިސްނުމުން" ވެސް އެނގޭކަމަށް ބުނެފައިވާއިރު، މިއީ އެއްވެސް ޤާނޫނީ އަސާސެއް އެކުލެވޭ ވާހަކައެއް ނޫން.
  • - އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ އެ އަދަދަށް އެހެން ޤައުމުތަކުންވެސް ރާއްޖޭގައި ސިފައިން ބައިތިއްބަން ބޭނުންވެދާނެ ކަމަށް ބުނެފައިވާއިރު، އެ އަދަދު އެނގުނަސް އެހެން ޤައުމަކުން ރާއްޖޭގައި ސިފައިން ބައިތިއްބަން ޖެހޭ ސަބަބެއް ނެތް
  • -މިހާރުވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން ދުނިޔޭގެ އެހެން ޤައުމުތަކަށް އެނގޭ. އެގޮތަށް އެދެން ބޭނުން ނަމަ މިހާރުވެސް އެދެވިދާނެ.
  • -އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަކުރުމަކީ ޤައުމީ ސަލާމަތާ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ކަމަށް ބުނެފައިވާއިރު ރާއްޖޭގެ އަމަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ ދިވެހި ސިފައިންނާ. އެހެން ކަމުން އިންޑިއާ ސިފައިންގެ އަދަދު އެނގުމަކުން ރާއްޖޭގެ ސަލާމަތަކަށް އަސަރެއް ނުކުރާނެ

މީގެ އިތުރުންވެސް މިއަދު ކޯޓުގައި އަޒާންވަނީ އިންޑިއާ ސިފައިންނާއި ގުޅޭ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. މިގޮތުން ރާއްޖޭގައި ތިބީ އިންޑިއާގެ ހަނގުރާމަވެރި ސިފައިން ނޫންކަމަށާއި އެއީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ތިބި ބައެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވެފައިވާއިރު، އެފަދަ ކަމެއް ކުރަން ތިބި ބައެއްގެ އަދަދު އެނގުން ޤައުމީ ސަލާމަތާއި ގުޅެނީ ކިހިނެއްތޯ އަޒާން ސުވާލު ކުރެއްވިއެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ދެން އަންނަ އަޑުއެހުމެއްގައި ސާފުކުރަން ހުރިކަންކަން ސާފުކުރެއްވުމަށްފަހު ލަސްނުކޮށް މައްސަލައިގެ ގޮތެއް ނިންމާނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ އެކިހިސާބުތަކުގައި އިންޑިއާ ސިފައިން ޤާއިމްވެގެން ތިބިއިރު އެ ސިފައިންގެ އަދަދު ސަރުކާރުން ވަނީ ސިއްރުކޮށްފައެވެ.

މި ލިއުމާއި ގުޅޭ