Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

އަދީބު ހެކިބަސްދެމުން ދޮގުހެދިކަން ކޯޓަށް އަންގާނަން: ބޮންޑެ

ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމުގައި، ހެކިބަސް ދެއްވަމުން ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު އިތުރުފުޅުހެއްދެވިކަން ކޯޓަށް އަންގަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެ އޮތް އަޑުއެހުމުގައި އަދީބު ވިދާޅުވެފައިވަނީ ފުއްގިރި ކުއްޔަށް ނެގި ކުންފުނީގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ބޮންޑެ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ބޮންޑެ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހައިސިއްޔަތެއް އަދި ބޭނުމެއްވެސް އަދީބު ވިދާޅުވެފައިނުވެއެވެ.

އަދީބުގެ ވާހަކަފުޅު ދޮގުކުރައްވައި ބޮންޑެ ވިދާޅުވެފައިވަނީ، ފުއްގިރި މުއާމަލާތުގައި އޭނާ މަސައްކަތްކުރެއްވީ ކުންފުނިން ގެންނަން އުޅުނު ބްރޭންޑުކަމަށްވާ ރިޒްކާލްޓަން-ރިޒާވްގެ މަންދޫބެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެކަން އަންގަވައި ޓުއަރިޒަމް މިނިސްޓްރީއަށް ފޮނުއްވާފައިވާ ބައެއް ލިޔެކިޔުން ބޮންޑެ "ދިޔަރެސް"އާ ހިއްސާކުރެއްވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ އެއިން އެއްވެސް މުއާމަލާތެއްގައި އަދީބާ ބައްދަލުކުރައްވާފައިނުވާނެ ކަމަށެވެ. ކުންފުނީގެ މަންދޫބެއްގެ ހައިސިއްޔަތުން މުއާމަލާތްކުރެއްވީ މުޅިންވެސް ލިޔެކިޔުމުން ކަމަށާއި، އެ ލިޔެކިޔުން ޓުއަރިޒަމް މިނިސްޓްރީގައި މިހާރުވެސް ހުންނާނެކަމަށް ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ އިތުރަށް ވިދާޅުވީ އަދީބާ އޭނާ ބައްދަލުކުރެއްވިކަމަށް ކޯޓުގައި ހެކިބަސް ދެއްވަމުން ވިދާޅުވި ވިދާޅުވުމަކީ ކަނޑައެޅިގެން އިތުރުފުޅެއްކަމަށާއި، ޝަރީޢަތުގައި އަދީބު އިތުރުފުޅެއް ހެެއްދެވިކަން ކޯޓުގެ ސަމާލުކަމަށް ގެންނަވާނެ ކަމުގައިވެސް ބޮންޑެ ވިދާޅުވިއެވެ.

"އަދީބާ އެއްވެސް އިރެއްގައި މުއާމަލާތްނުކުރަން. ޝަރީޢަތުގައި އޭނާ ދޮގުހެދީ. އެހެންވީމާ އެކަން ސިޓީއަކުން ކޯޓަށް އަންގާނަން،" ބޮންޑެ ވިދާޅުވިއެވެ.

އިއްޔެ ފުއްގިރި މައްސަލާގައި ބޭއްވި އަޑުއެހުން 12 ގަޑިއިރެއްހައި ވަގުތަށް ދިގުދެމިގެންދިޔައިރު އެ އަޑުއެހުމުގައި ނަގާފައިވަނީ އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔަތާއި އަދީބުގެ ހެކިބަސް އެކަންޏެވެ.

މި ލިއުމާއި ގުޅޭ