ދިވެހިރާއްޖޭގެ ފަހުގެ ތާރީޚެއްގެ ހިނގާދިޔަ އެންމެ ބޮޑު ސްކީމް ކަމުގައި ތުހުމަތުކުރެވޭ، ކިންގްސް ހޯލްޑިންގ ނަމަކަށް ކިޔާ ކުންފުނީގެ "އޮންލައިން ޓްރޭޑިންގ ވިޔަފާރި" ގެ ވާހަކަތަކަކީ އެތަކެއް ދިވެހިންނާ ގުޅިފައިވާ އަދި އަޅުގަނޑު ކުރިން ދެންނެވި އިދާރާތަކާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ވާހަކައެކެވެ. ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން ހިންގި އޮންލައިން ޓްރޭޑް މުޢާމަލާތާ ގުޅޭ ގިނަ ކަންކަމެއް މިވޭތުވެ ދިޔަ ދުވަސްތަކުގައި ހާމަވެފައިވެއެވެ. ތަޙްޤީޤީ އިދާރާތަކުން އެ މުޢާމަލަތް ހިނގާފައިވާގޮތް ބަލައި ތަޙްޤީޤު ކުރާކަމުގެ މަޢުލޫމާތުވެސް ޚަބަރުފަތުރާ ވަޞީލަތްތަކުގައި ހާމަކޮށްފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ގެ ބޭންކް އެކައުންޓުތައް ހިފެހެއްޓި މައްސަލާގައި ބޭންކް އޮފް މޯލްޑިވްސް އިން ގޯސް ހަދާފައިވާ ކަމަށް ބުނެ ސިވިލް ކޯޓުން ނިންމާފައިވާ މައްސަލައިގެ ޙުކުމް އަޅުގަނޑުވެސް ކިއީމެވެ. މިއުޅެނީ ޙުކުމަށް ފާޑުކިޔާކަށް ނޫނެވެ. ޙުކުމުން އަޅުގަނޑަށް ފާހަގަ ކޮށްލެވުނު ދެތިން ކަމެއްގެ ވާހަކަ ދަންނަވާލާށެވެ. ކިންގްސް ކެޕިޓަލް ހޯލްޑިންސް އާ އެއްކޮޅަށް ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި، ބަޔާންކޮށްފައިވާ ހައިރާން ކުރުވަނީ ވާހަކައެއް ހާމަކޮށްލާށެވެ. ބޭންކް އޮފް މޯލްޑިވްސްއަކީ، އެމްއެމްއޭ ގެ ޤަވާޢިދުތަކާއެއްގޮތަށް އޮޕަރޭޓު ކުރާ ބޭންކެއް ކަމުން، ބޭންކުން ކުރާކަން ކުރަންޖެހެނީ ކަމާބެހޭ ޤާނޫނީ އޮނިގަނޑުގެ ތެރެއިންނެވެ. ބޭންކުން ބުނާ ގޮތުގައި ކިންގްސް ގެ އެކައުންޓުތައް ހިފެހެއްޓީ އެމްއެމްއޭ އިން އަންގައިގެންނެވެ. ޙުކުމް ކިޔާލުމުންވެސް އެކަން އެނގެއެވެ. ނަމަވެސް، ޙުކުމުގައިވާ ގޮތުން، މި ދެންނެވި އެންގުން އަންގަންޖެހެނީ އެމްއެމްއޭގެ ވަކި ޔުނިޓަކުންނެވެ. އެއީ އެމްއެމްއޭގެ ދަށުން އޮންނަ އެހެން ނަމަވެސް މުސްތަގިއްލު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓެވެ. އެކަމަކު، މި ދެންނެވި ލިޔުން ބޭންކަށް ފޮނުވާފައިވަނީ ސީދާ އެމްއެމްއޭ އިންނެވެ. އެސަބަބަށްޓަކައި ސިވިލް ކޯޓުގައި ބޭންކުން އަމަލުކުރި ގޮތް ގޯސްވެ، ކިންގްސް ހޯލްޑިންގްސް މޮޅުވީއެވެ. ބޭންކުން އެކުންފުނީގެ އެކައުންޓުތައް ހިފެހެއްޓީ ޤާނޫނާ ޚިލާފަށް ކަމަށް ކޯޓުން ކަނޑައެޅީއެވެ.
ބީއެމްއެލް އިން އެކި އެކައުންޓުތައް އެކި ކަންކަމާ ގުޅިގެން ހިފަހައްޓައެވެ. އަޅުގަނޑު ދެކޭ ގޮތުގައި އެ ބޭންކުން އެގޮތަށް އަމަލުކުރަނީ ގާނުނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވަރަށް އަވަހަށްވެސް އެކައުންޓް ހިފަހައްޓާ ފަހަރު އާދެއެވެ. ކިންގްސްގެ މައްސަލާގައި އެކައުންޓް ހިފެހެއްޓުން ލަސްކަމަށް އަޅުގަނޑު ދެކެމެވެ. ނަމަވެސް ބީއެމްއެލް އިން މިކަން ހުއްޓުވުމަށް ބޭންކުން މުހިންމު ދައުރެއް އަދާކުރިކަންވެސް ފާހަގަކުރަމެވެ.
ދެން އޮތީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވާހަކައެވެ. ކިންގްސް އިން ހިންގި މުޢާމަލަތަކީ، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީއާބެހޭ ޤާނޫނުގެ ދަށުން އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި ރަޖިސްޓްރީކޮށް، އެ ޤާނޫނުގެ ދަށުން ލައިސަންސް ނަގައިގެން ނޫނީ ނުކުރެވޭނެ ވިޔަފާރިއެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމަކަށްވިޔަސް، އެކަން އޮތީ އެ އޮތީރިޓީއަށް ކަނޑަނޭޅިއެވެ. ނުވަތަ އެކަމާބެހޭ އުޞޫލުތަކެއް ހަދައިފައި ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކިންގްސް ގެ މަޅީގައި ޖެހުނު ބައެއް ޢާންމު ފަރާތްތަކުން، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ޝަކުވާ ހުށަހެޅިއެވެ. އެކަމަކު ޝަކުވާ ބެލިފައި ނުވަނީ، ސީއެމްޑީއޭގެ ޤަވާޢިދުތަކުގެ ތެރެއިން ބަލާއިރު، ކިންގްސް އިން ހިންގި މުޢާމަލާތުގައި ބައިވެރި މީހުންގެ ޢަދަދު 50 އިން ދަށްވީމައެވެ. ޝަކުވާ ހުށަހެޅީ 47 މީހުންނެވެ. މައްސަލައެއް ބެލުމަށް 50 މީހުންގެ ޝަކުވާ ބޭނުންވެއެވެ. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓްރީ ނުކޮށް ހިންގާ އިންވެސްޓްމަންޓް ސްކީމެއްގައި ބައިވެރިވެގެން ގެއްލުން ލިބިފައިވާ ނަމަ އެކަމުގެ ޝަކުވާ ހުށަހަޅަން ސީއެމްޑީއޭއިން ހުޅުވާލީ މިދިޔަ މާރިޗު މަހުގެ މެދު ތެރޭގައެވެ. ބީއެމްއެލްއާ ދެކޮޅަށް ހުކުމް ކުރިތާ ދެމަހަށްވުރެ ގިނަ ދުވަސްފަހުންނެވެ. ސުވާލަކީ އެމްްއެމްއޭ އާއި ސީއެމްޑީ ފަދަ މާލީ އިދާރާތަކުން މިފަދަ ކަންކަމުގައި އަމަލުކުރަން ފަސްޖެހެނީ ކީއްވެގެންތޯއެވެ. ނުވަތަ ފިޔަވަޅު އެޅުމުގައި ފަހަތު ފަޔަށް ބުރަ ވަނީ ކީއްވެތޯއެވެ.؟ ކޮންމެއަކަސް އެ ދެ އިދާރާއަށްވެސް މިކަން ހުއްޓުވުމުގެ ނުވަތަ ހުއްޓުވަން މަސައްކަތްކުރުމަށް ފިޔަވަޅުތަކެއް އެޅުނު ނަމަ އާންމުންގެ އަތުން ގެއްލުނު އަދަދު މިހާ މަތި ނުވީސްކަމެވެ.
ދިވެހިރާއްޖޭގެ މާލީ ނިޒާމުގެ ތަރުތީބު ކުރެވިފައިވާ ގޮތަށް ނަޒަރު ހިންގާލާއިރު، އެކަންކަން ތަރުތީބު ކުރެވިފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި އެ އެތޯރިޓީގެ ދަށުން، ޤާނުނުގެ ބޭނުމަށްޓަކައި އުފައްދާފައިވާ އެކިއެކި އިދާރާތަކާއި ޔުނިޓްތަކާއެކު، ސީއެމްޑީއޭ އާއި ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކުގެ ދައުރެއްވެސް އޭގައި ހިމެނޭ ގޮތެއްގެމަތިންނެވެ. މިއިން ކޮންމެ އިދާރާއަކަށްވެސް ޤާނޫން މަތިކޮށްފައިވާ ވާޖިބުތަކަކާއި މަސްއޫލިއްޔަތުތަކެއް ޤާނޫނުގައި ބަޔާންކުރެވިފައިވާކަން، އެއީ؛ މާލީކަންކަމުގައި ދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އޮޅިފައިވާ އޮންނާނެ ކަމެއް ނޫނެވެ. އެފަރާތްތަކަށް އެކަންކަން ނިކަން ރަނގަޅަށް އެނގޭނެއެވެ. ފަހަރެއްގައި އާދައިގެ ރައްޔިތަކަށް ނިޒާމު ހިނގާ ގޮތުގެ ތަފްޞީލުތައް ނޭނގިދާނެއެވެ. ނަމަވެސް، ވިޔަފާރި އާއި ފައިސާގެ މުޢާމަލާތްތައް ހިންގަނީ ކަނޑައެޅިފައިވާ ޤާނޫނުތަކުން، ލާޒިމުކުރާ އުޞޫލުތަކާއި ހަމަތަކާއި އެއްގޮތަށްކަން ނޭނގޭ ރައްޔިތަކު ނުހުންނާނެއެވެ.
މިފަދަ ބޮޑު ޖަރީމާއެއް ދައަލުތުގެ ފާރަވެރި ލޯތަކަށް ސިއްރުން ނިޒާމުގެ ތެރޭގައި ތިބެގެން، ނިޒާމުގެ ބޭނުން ހިފައިގެން، އެކަމެއް ކޮށްފިއެވެ. އެކަންކުރި ފަރާތުން ބުނަނީ، ކުށެއް ނުކުރާ ކަމަށެވެ. ދައުލަތުގެ ޤާނޫނީ ނިޒާމުގެ ތެރެއިން މަނާކޮށްފައި ނުވާ ކަމެއް ކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.
ނަމަވެސް، އުފެދޭ ސުވާލަކީ، ހަމަ ހަގީގަތުގައިވެސް، ކިންގްސް ހޯލްޑިންގ އިން ހިންގި މުޢާމަލާތަކީ ޤާނޫނު ހުއްދަ ކުރާ މުޢާމަލާތެއް ބާވައެވެ. މިކަމުގެ ބަހުސަކަށް ދާކަށް ނެތީމެވެ. އެހެންނަމަވެސް، ވިޔަފާރި އަދި މާލީ މުޢާމަލާތްތަކަކީ، އަމިއްލަ ފަރުދަކު، އޭނާ ހިތު ހުރިހާ ގޮތަކަށް، އެފަރުދަކަށް އެންމެ މަޞްލަޙަތު ބޮޑު ކަމަށް ބެލެވޭ ގޮތެއް ބަލައި ހޯދައިގެން އެގޮތަކަށް ކުރެވިގެންވާނެ ކަންކަމެއް ނޫނެވެ. ޒަމާނާ އެއްގޮތަށް ވިޔަފާރީގެ މާލީކަންކަމަށް ކިތަންމެ ބަދަލުތަކެއް އައި ކަމުގައިވިޔަސް، އަދި މާލީ އާ މުޢާމަލާތައް ޒަމާނީ ޓެކްނޮލޮޖީއާއި އިންޓެނެޓާއި އަދި އެހެނިހެން ވަޞީލަތްތަކުގެ ޒަރީޢާއިން ތައާރަފު ވިޔަސް، އަދި އެކަންކަމާބެހޭ ގޮތުން ޤާނޫނުގައި ވަކި ގޮތެއް ކަނޑައެޅިފައި ނެތަސް، ދައުލަތުގެ ޢާންމު މަޞްލަޙަތާއި ދައުލަތު މާލީ ސެކިއުރިޓީ އޮންނަންވާނީ ހިމާޔަތްކުރެވިފައެވެ. މާނައަކީ، ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރާފަރާތްތަކާއި ނިޒާމުގެ ވަލު ދޮރާށިން ވަދެ ނިޒާމު ގަޑުބަޑު ކޮށްލަން ވިސްނާފަރާތްތަކާމެދު އަވަސް އަދި ހަރުކަށި ފިޔަވަޅު އެޅެންވާނެއެވެ. ޤާނޫނުގައި މިވެނި ކަމެއް މަނާ ނުކުރައޭ ނުވަތަ ކޮށްފައިނުވެއޭ ބުނެ، އަތްއުރާލައިގެން ތިބުމުގެ ޖާގައެއް އޮތްކަމަށް އަޅުގަނޑު ނުދެކެމެވެ.
މި މައްސަލަ މިހާރު އޮތީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. މައްސަލަ ނިމޭނެ ގޮތެއް ދަންނަވަން ނޭނގުނަސް، ޤާނޫނީ ގޮތުން ބޭންކަށްވެސް އަދި ކިންގްސް އަށްވެސް ދެއްކޭނެ ވާހަކަ ހުންނާނެއެވެ. ނަމަވެސް، އަޅުގަނޑުގެ ކަންބޮޑުވުން ގުޅިފައިވަނީ ދައުލަތުގެ އިދާރާތަކުން، ވަކިން ޚާއްޞަ ގޮތެއްގައި ދައުލަތުގެ އެންމެ އިސް މާލީ މުއައްސަސާއިން ނޭނގި ނަމަވެސް ގޯހެއް ހަދާފައިއޮތުމެވެ. ޤާނޫނޫގައި ވަކި އިޖްރާއާތެއް ކަނޑައެޅިފައި އޮތްކަމެއްގައި، ނުވަތަ ވަކި ގޮތަކަށް ކުރަން ބުނެފައިވާ ކަމެއް، އެހެން ގޮތަކަށް ކޮށްފައިވަނީ ކީއްވެގެންތޯ، މި ސުވާލެވެ. އަދި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރަންޖެހޭ ކަމެއް ނުކޮށް އޮތީ ކީއްވެތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ. ސީއެމްޑީއޭގެ ފަރާތުން އާންމުންގެ ސަމާލުކަމަށް ކަންކަން ގެންނަންވީ ސިވިލްކޯޓުގެ ހުކުމަށް ފަހުގައިތޯއެވެ. ފަހަރެއްގައި ހައިކޯޓުގެ މަރުހަލާގައި މި ސުވާލުތަކަށް އެދެވޭ ޖަވާބެއް ލިބުން އެކަށީގެންވެއެވެ. ނަމަވެސް، މި ދަނޑިވަޅުގައި އޮތީ ކަންބޮޑުވުންތަކެއްގެ ވާހަކައެވެ.