ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރޭ މެންޗެސްޓަރ ސިޓީ އާއި އިންޓަ މިލާން ބައްދަލު ކުރި މެޗް ކާމިޔާބުކޮށް މެންޗެސްޓާ ސިޓީއިން ފުރަތަމަ ފަހަރަށް އެމުބާރާތް ކާމިޔާބުކޮށްފިއެވެ.
ރޭ ތުރުކީގެ އިސްތަންބޫލުގައި ކުޅުނު ފައިނަލް މެޗް ސިޓީއިން ކާމިޔާބުކޮށްފައި ވަނީ 0-1ގެ ނަތީޖާއަކުންނެވެ. މިކާމިޔާބީޔާއެކު އެއް ސީޒަނެއްގައި ތިން ތަށި ހޯދި ޓީމެއްގެ ގޮތުގައި ސިޓީން ވަނީ ތާރީހުގެ ތެރެއަށް ވަދެފައެވެ.
ރޭގެ މެޗް ފަށައިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ސަޕޯޓަރުން ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެކެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފް ނިންމާލަން ޖެހުނީ ދެޓީމުން ކުރެ ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
އެހެން ނަމަވެސް ދެވަނަ ހާފު ފަށައިގެން މެޗުގެ 68 ވަނަ މިނެޓުގައި ސިޓީން ވަނީ ރޭގެ މެޗްގައި ފެނިގެން ދިޔަ ހަމަ އެކަނި ގޯލް ކާމިޔާބުކޮށްފައެވެ. މި ގޯލަކީ އިންޓަރގެ ޕެނަލްޓީ އޭރިޔާ ރޮނގު މަތިން ސީދާ ގޯލަށް ފޮނުވާލައިގެން ރޮޑްރީ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މި ލަނޑާއެކު އިންޓަރ ވަނީ އެޓީީމުގެ ކުޅުން ރަނގަޅުކޮށް ނުރައްކާތެރި ހަމަލާތަކެއް ސިޓީގެ ގޯލަށް ފޮނޮވާލާފައެވެ.
މި މޮޅާއެކު 1999 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ހެދި ރެކޯޑު އޭގެ 24 އަހަރު ފަހުން ސިޓީއިން މިވަނީ މުގުރާލާފައެވެ.
އެގޮތުން މެންޗެސްޓާ ސިޓީ ވެގެން ގޮސްފައި މިވަނީ އެފްއޭ ކަޕާއި، ޕްރިމިޔަރ ލީގުގެ އިތުރުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ މި ރެކޯޑު ހެދި ދެވަނަ އިނގިރޭސި ކުލަބަށެވެ.