ހުވަދު އަތޮޅު އުތުރު ބުރީގެ ވެރިކަންކުރާ ވިލިނގިލީގެ ޕީޕީއެމް ޖަގަހައިގައި އިންޑިއާ އައުޓް ބޮޑު ބެނާއެއް މިއަދު ހަވީރު ނަގައިފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށާއި، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާއިން ވަންނަމުންދާ ދިއުން ހުއްޓައިލުމަށް ގޮވައިލާ މީސްމީޑިއާގައި ފެށި "އިންޑިއާ އައުޓް" ހަރަކާތް، އިދިކޮޅު ޕީޕީއެމްގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ އިސްނެންގެވުމާއެކު މުޅި ރާއްޖެއަށް ފެތުރިފައިވެއެވެ.
ނަމަވެސް ފާއިތުވި އަހަރުގެ އޭޕްރީލު މަހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ރިޔާސީ ޤަރާރެއް ނެރުއްވައި، "އިންޑިއާ އައުޓް" ހަރަކާތަކީ ޣައިރު ޤާނޫނީ ހަރަކާތެއްކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވުމަށް ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އަމުރުކުރައްވާފައެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި އެ ދުވަސްވަރު އިދިކޮޅު ފަރާތްތަކުން ނަގާފައިހުރި އިންޑިއާ އައުޓް ބެނާތައް ފުލުހުން ފޮނުވައިގެންވަނީ ނަގާފައެވެ. ކޯޓު އަމުރެއްގެ ދަށުން ރައީސް ޔާމީނުގެ ގެކޮޅުގައި ނަގާފައި ހުރި އިންޑިއާ އައުޓް ބެނާވެސް ފުލުހުން ނަގާފައިވެއެވެ.
ރައީސް އިބްރާހީމު ނެރުއްވި ރިޔާސީ ޤަރާރަކީ ޤާނޫނު އަސާސީއާ ޚިލާފަށް ޤާނޫނަކުން ބާރު ލިބުމެއް ނެތި ޚިޔާލު ފާޅުކުރުމުގެ ޙައްޤު ހަނިކުރާ ޤަރާރެއްކަމަށް ބުނެ އެ ޤަރާރު ބާތިލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލަ ކުރިއަށް ނުގޮސް އޮތީ މަޑުޖެހިފައެވެ.
ރިޔާސީ އިންތިޚާބު ކުޑަތަންވެފައިވަނިކޮށް އަނެއްކާވެސް ބައެއް ރަށްރަށުގައި "އިންޑިއާ އައުޓް" ހަރަކާތް ފަށައި، އެ ހަރަކާތުގެ ފޯރި މަޑުމަޑުން ގަދަވަމުން އަންނަކަމަށް "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވެއެވެ.