ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް އެއްފަހަރާ ހުށަހަޅާފައިވާތީ، މަޖިލިސް މަރުތަޅުއެޅިފައިވާކަމަށް މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ ދެއްކެވި ވާހަަކަފުޅަށް ރައްދުދެއްވައި، މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު އުޅުއްވަނީ އިތުބާރުނެތްކަމުގެ މައްސަލަތައް ފާސްވާނެކަމުގެ ޔަގީންކަން އޮތުމުން ވޯޓު ނެގިޔަނުދެއްވަންކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އިއްޔެ އީވާ ވިދާޅުވެފައިވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމު، މަޖިލީހުގެ ރިޔާސަތުގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅިފައިވަނިކޮށް އެމަނިކުފާނަށް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ވިދާޅުފައިވާކަމަށެވެ. އެފަދައިން ވިދާޅުވުމާއެކު މަޖިލީހުގެ ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްނުގެންގޮސް އިތުރު މަސައްކަތެއް މަޖިލީހުގައި ކުރިއަށްނުގެންދެވޭނެ ކަމުގައި އަސްލަމް ވިދާޅުވެފައިވާކަން އީވާ ފާހަގަކުރެއްވިއެވެ.
އިތުރަށް އީވާ ވިދާޅުވެފައިވަނީ ސަރުކާރަށް އޮތް މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ސަރުކާރުން މަޖިލިސް މަރުތަޅުއަޅުވާފައިވާކަމަށެވެ.
އީވާގެ ވާހަކަފުޅަށް އިޝާރާތްކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައި ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވަނިކޮށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސަށް ނުހުންނެވޭނެކަމަށް އަޣުލަބިއްޔަތު ލީޑަރު ވިދާޅުނުވާކަމަށާއި، އެފަދައިން ވިދާޅުވެސް ނުވެވޭނެ ކަމަށެވެ.
އަދި ރޮޒައިނާ ވިދާޅުވީ މަޖިލީހަށް އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާއިރު، އެ މައްސަލައިގެ ނޯޓިސް ދިނުމަށްފަހު ފާއިތުވާ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި މަޖިލީހުގެ ރިޔާސަތު ރައީސް ނަޝީދަށް ބެލެހެއްޓެވޭނެ ކަމަށެވެ. އެ މުއްދަތަށްފަހު ފުރަތަމަ އޮންނާނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލަ ކަމަށެވެ.
މިއީ މަރުތަޅު އެޅުވުމެއް ނޫންކަަމަށާއި ނަމަވެސް ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން އަދި އެމަނިކުފާނުގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅު މަޖިލީހުގެ ނައިބުރައީސްކަމުން ވަކިކުރެވި އެ ބޭފުޅުންގެ މަޤާމުތައް ގެއްލޭނެކަން ކަށަވަރުވެވަޑައިގަންނަވާތީ އެ ވޯޓު ނަންގަވަން ނަޝީދު ބޭނުންފުޅުނުވަނީ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މަޖިލީހުގެ ޤަވާއިދު ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއްގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ ނައިބުރައީސަށް ކަމަށެވެ. އަދި މަޖިލީހުގެ ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއްގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ރައީސަށް ކަމަށެވެ.
އެހެންކަމުން އީވާގެ ވޯޓު ނެގުމަށްފަހު ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ ވޯޓު ނަގާނަމަ މަޖިލީހުގެ ނައިބުރައީސްކަމަށް އޭގެ ކުރިން ބޭފުޅަކު އައްޔަންކުރަންޖެހޭނެއެވެ. އެމްޑީޕީގެ ލީޑާޝިޕުންވަނީ މަޖިލީހުގެ ނައިބުރައީސްކަން ރޮޒައިނާއަށް ދިނުމަށް ނިންމާފައިކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވެއެވެ.