ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓި މަޖިލިސް ޑެޑްލޮކަށް ޥެސް ގޮސްދާނެކަމަށާއި ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަދި އެމްޑީޕީ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއަށް އެކަން ނޭނގުމަކީ ގަބުކަމާއި ގަމާރުކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އޮތީ މަސައްކަތްތައް ހުއްޓި މަޖިލިސް ޑެޑްލޮކަށް ދާ ގޮތަކަށް ނޫން ކަމަށާއި މަޖިލިސް އަދިވެސް ކުރިޔަށް ގެންދެވޭނެ ކަމަށް އަސްލަމް ވިދާޅުވުމާއި ގުޅިގެންނެވެ،
ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑެޑްލޮކް އަކީވެސް ހުންނަ އެއްޗެއްކަމަށާއި އެޔާހަމައަށް ނުގެންދިޔުމަށް ބޯބަހައްޓައިގެން ޕާލަމެންޓްތަކުން މަސައްކަތް ކުރަން ޖެހޭކަމަށެވެ.
އެކަން ފާހަގަކުރައްވާ ވައްޑެ ވިދާޅުވީ މަޖިލީހުގައި 20 އަހަރު އުޅުއްވި އަސްލަމް އަށާއި މަޖިލީހުގައި 25 އަހަރު އުޅުއްވި ރައީސް އިބްރާހިމަށް އެވަރު ސާފުނުވުމަކީ ގަބުކަމާ ގަމާރުކަމުގެ އިންތިހާކަމަށެވެ.
މަޖިލީހުގެ ގަވައިދު އޮތީ މަސައްކަތްތައް ހުއްޓި މަޖިލިސް ޑެޑްލޮކަށް ދާ ގޮތަކަށް ނޫން ކަމަށް އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަރުކާރުން އެއްފަހަރާ ހުށަހެޅީ މަޖިލިސް ޑެޑްލޮކަކަށް ގެންގޮސް އެ ބާރު ހުއްޓުވާލާފައި ބޭއްވުމަށް ކަމަށް އީވާ ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.
އެހެންވެ އީވާ ވިދާޅުވީ އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން އެއްފަހަރާ އެމްޑީޕީން މަޖިލިހަށް ވެއްދީ ރިޔާސީ އިންތިހާބަށް ތިން މަހަށް ވެފައިވާތީ ސަރުކާރަށް ފާރަވެރިވާން އޮތް މަޖިލިސް ހުއްޓުވާފައި ބޭއްވުމަށްކަމަށެވެ.