Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުކުރު ޚުތުބާ

"އިހްލާސްތެރި ތައުބާއަކުން ﷲގެ ހަޟްރަތަށް ކުރިމަތިލުމުން ހިތަށް ހިތްހަމަޖެހުން ވައްދަވާނެ"

މާތް ﷲ ގެ ހަޟްރަތަށް ތެދުވެރި އަޒުމަކާއި އިހްލާސްތެރި ތައުބާއަކާއެކު ކުރިމަތިލާ މީހެއްގެ ހިތަށް އެކަލާނގެ ހިތްހަމަޖެހުން ވައްދަވާނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުލޫއަކަށް ކަނޑައަޅާފައިވަނީ "ތައުބާގެ އަހައްމިއްޔަތާއި އޭގެ ދައުރު"އެވެ.

ޚުތުބާގައިވަނީ މާތް ﷲ އަށް ތަގްވާވެރިވެ ތައުބާވުމަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން ތައުބާވާ މީހާގެ ފާފަތައް ފުއްސަވައި ދެއްވައި ނަރަކައިން މުއްތިކުރައްވާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ އިންސާނާއަކީ އޭނާގެ އިއްޔެއަށްވުރެ އޭނާގެ މިއަދު ހެޔޮ ދުވަހަކަށް ހެދުމަށް ގަދަ އަޅާ މަސައްކަތް ކުރާ މީހެއްކަމަށާއި އޭނާއަކީ އޭނާގެ މިއަދަށްވުރެ އޭނާގެ މާދަމާގެ ހެޔޮކަން އިތުރުކުރުމަށް ދަހިވެތިވާ މީހެއްކަމަށެވެ.

އަދި އޭނާގެ އިއްޔެއަށް ބަލައި އޭނާއަށް ކުރެވިފައިވާ އަމަލުތައް ހިސާބުކޮށް އެ އަމަލުތައް އިސްލާހުކުރުމަށް މަސައްކަތް ފަށާކަމަށާއި އޭނާއަށް ކުރެވިފައިވާ ކުށްތަކަށް މާފުދެެއްވާތޯ އެދި ﷲ ގެ ހަޟްރަތަށް އެނބުރި ދާކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނެފައިވަނީ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާގޮތުގައި ތެދުވެރި މުއުމިނަކީ އޭނާއަށް ކުރެވޭ ކުށްތަކުގެ މަތީގައި ދެމިހުންނާނެ މީހެއް ނޫންކަމަށާއި އޭނާއަކީ މާތް ﷲ އަންގަވާފައިވާ ފަދައިން އެކަލާނގެ ހަޟްރަތަށް އަވަހަށް އެނބުރި ގޮސް އިސްތިޣްފާރުކޮށް މާފުކުރެއްވުމަށް އެދި ދަންނަވާ މީހެއްކަމަށެވެ.
އަދި ތިން ކަމަކަށްޓަކައި ކޮންމެ މީހެއްގެ މައްޗަށްވެސް ތައުބާވުން ވާޖިބުވެގެންވާކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

އެ ތިން ކަމަކީ:

  • - މާތް ﷲގެ އުޤޫބާތުން ރައްކާތެރި ވުމަށް ތައުބާވުން
  • - އޭނާގެ އަމަލުތައް މާތް ﷲ ގަބޫލުކުރައްވަވާ އަމަލުތަކަކަށް ހެދުމަށްޓަކައި ތައުބާވުން
  • - ޞާލިހް އަމަލުތައް ކުރުމުގެ ހެޔޮ ތައުފީގު ލިބިގެންވާ މީހަކަށް ވުމަށްޓަކައި ތައުބާވުން
ޚުތުބާގައި ބުނެފައިވަނީ މީހެއްގެ ހިތުގައި ﷲ އަށް ބިރުވެރިވުން އަށަގެންފައިވާނަމަ އޭނާ އެކަލާނގެ މަނާކުރައްވާފައިވާ ކަމަކަށް އަރައެއް ނުގަންނާނެކަމަށާއި މާތް ﷲ ގެ މަގާމުގެ މަތިވެރިކަން އިސްސާސްކުރެވޭ މީހާ އޭނާގެ ކުށްތަކަށް ތައުބާ ވާން ލަހެއް ނުކުރާނެކަމަށެވެ.
އެގޮތުން ތައުބާވުން ލަސްކުރުމަކީ ޝައިތާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ޝައިތާނާ އޭނާއަށް ވަސްވާސްދީ، ކުރިމަތީގައި އަދި ވަގުތު އެބަ އޮތްކަމާއި ހާސްވެ ކަންބޮޑުވާން ނުވާކަމަށް ބުނާކަމަށެވެ. އަދި ބައެއް ފަހަރު ޝައިތާނާ އޭނާއަށް ވަސްވާސްދީ މާޔޫސްކޮށްލާކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އަހަރެމެން އިންސާނުން ﷲގެ ރަހްމަތުން އުންމީދު ކަނޑާލައިގެން ނުވާނެކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އަހަރެމެންގެ މައްޗަށް އޮތީ ފާފައެއް ކުރެވޭއިރަށް މާތް ﷲ ގެ މަގަށް އެނބުރި ރުޖޫއަވެ ތައުބާވުންކަމަށެވެ. އަދި އެފަދައިން އަމަލުކޮށްފިނަމަ އެކަލާނގެ ތައުވާ ގަބޫލުކުރައްވާ ފާފަ ފުއްސަވައި ދެއްވާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވަނީ މާތް ﷲ ވަނީ އަޅުތަކުންނަށް ތައުބާގެ ދޮރު ހުޅުވައި ދެއްވާފައިވާކަމަށާއި ދުވާލުގެ ވަގުތުތަކުގައި ފާފަތަކަށް އަރައިގަންނަ މީހުންނަށް ތައުބާގެ ދޮރު ރޭގަނޑުގެ ވަގުތުގައި ހުޅުވައިދެއްވާއިރު ރޭގަނޑުގެ ވަގުތުގައި ކުށްފާފަތަކަށް އަރައިގަންނަ މީހުންނަށް ތައުބާގެ ދޮރު ދުވާލުގެ ވަގުތުގައި ހުޅުވައި ދެއްވާކަމަށެވެ.
ޚުތުބާގައިވަނީ މާތް ﷲ ގެ ހަޟްރަތަށް ތެދުވެރި އަޒުމަކާއި އިހްލާސްތެރި ތައުބާއަކާއެކު ކުރިމަތިލުމަށް ނަސޭހަތްތެރިވެފައެވެ. އޭރުން ތިބާގެ ހިތަށް ﷲ ހިތްހަމަޖެހުން ވައްދަވާނެކަމަށާއި ތިބާގެ ކުރިމަތީގައި އުންމީދުގެ ދޮރުރައް ﷲ ހުޅުވައިދެއްވާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޅުތުބާގައި ބުނެފައިވާގޮތުން އެފަދައިން އަމަލުކޮށްފި ނަމަ ތިބާގެ ނަފްސައް އަލުން އިތުބާރު ލިބި ތިބާއަށް ސީދާވެގެންވާ މިސްރާބު ހިފޭނެއެވެ. އަދި ތިބާއަށް އަމާންކަމާއެކު މި ދުނިޔޭގައި ދަތުރުކޮށް އުހްރަވީ މަންޒިލަށް ދެވޭނެކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ