ރިޔާޒް - ގަލްކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ މެމްބަރުންނާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރިޔާޒުގައި ބޭއްވި ބައްދަލުވުމަށް ފަހު އެ ސަރަހައްދުގައި ސިޔާސީ އަދި އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމާ ގުޅޭ ގޮތުން ޖޮއިންޓް ސްޓޭޓްމަންޓެއް ނެރެފަ އެވެ.
ސަރަޙައްދީ އެއްބައިވަންތަކަމާއި، އިންޓަރކަނެކްޓިވިޓީ ކުރިއަރުވައި، ސަރަޙައްދީ ހަމަޖެހުމާއި ކުރިއެރުމަށް މަގުފަހިކުރުމަށް ޓަކައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މުހިންމުކަމާއި މެދު ކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ނެވިގޭޝަނަލް ރައިޓްސް އާއި ފްރީޑަމްއާ ބެހޭ ގޮތުން މަޝްވަރާކޮށް، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ވަނީ އަލިއަޅުވާލާފައެވެ.
ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން މިނިސްޓަރުން ތަކުރާރުކުރައްވައި، ރިޔާދުގައި މިއަދު ބޭއްވި ވަޒީރުންގެ ގްލޯބަލް ކޯލިޝަނުން މަރުހަބާ ވިދާޅުވިއެވެ.
ސައުދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން ވިދާޅުވީ ދާއިޝްއާ ކުރިމަތިލުމަށް އެފްރިކާގެ ކަންކަމާ ގުޅޭ ފޯކަސް ގްރޫޕުގެ ރިޔާސަތު ބަލަހައްޓާނީ ސައުދީން ކަމަށެވެ.
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޚުރްސާސަން ޖަމާއަތާ ދެކޮޅަށް ފޯކަސް ގްރޫޕެއް އުފައްދައި އެ ސަރަހައްދުގައި ޓެރަރިސްޓް ޖަމާއަތް ފެތުރުން މަދުކުރުމަށް ބިން ފަރްހާން ވަނީ ހިތްވަރު ދެއްވާފައެވެ.
ސެކްރެޓަރީ ބްލިންކެން ވަނީ މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އެމެރިކާއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވައި، ދުނިޔޭގެ އިޤްތިޞާދާއި ބައިނަލްއަޤްވާމީ ވިޔަފާރީގައި މި ސަރަޙައްދުގެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.
ޖީސީސީ ކައުންސިލާއި އެމެރިކާ އިން ވަނީ މި ސަރަހައްދުގެ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، ޖީސީސީގެ ޝިޕިން ލޭންތަކާއި ބައިނަލްއަގުވާމީ ވިޔަފާރި އަދި ތެޔޮ އިންސްޓޯލްމަންޓަށް ނުރައްކާވެދާނެ ފަދަ ކަނޑުމަތީގައި ގާނޫނާ ހިލާފަށް ހިންގާ އަމަލުތައް ހުއްޓުވުމަށް ވައުދުވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
އަދި ނިއުކްލިއާ ހަތިޔާރު ނުފެތުރުމާ ބެހޭ މުއާހަދާއަށް ދެ ފަރާތުން ތާއީދުކުރާކަން ކަށަވަރުކޮށްދީ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީއަށް އީރާނުން ފުރިހަމަ އަށް އެއްބާރުލުން ދިނުމަށް ގޮވާލާ ގޮވާލުން އާކުރެއްވި އެވެ.
ޔަމަނާ ބެހޭ ގޮތުން ކޮމިޓީން ވަނީ ސައުދީ އަރަބިއްޔާ އާއި އޮމާން އަދި އދ.ގެ މަސައްކަތަށް ތައުރީފްކޮށްފަ އެވެ.
އަދި ޔަމަނުގެ ސިޔާސީ މަރުހަލާއެއްގެ ސަބަބުން ހަމަނުޖެހުންތައް ދެމެހެއްޓެނިވި ގޮތެއްގައި ނިމުމަކަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
އިސްރާއީލާއި ފަލަސްތީނުގެ މައްސަލައާ ގުޅޭ ގޮތުން ކޮމިޓީން ވަނީ ދެ ދައުލަތުގެ ހައްލާއި 1967 ވަނަ އަހަރުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެދުއިރުމަތީގައި ދާއިމީ ސުލްހައިގެ ހާލަތަކަށް ދިއުމަށް އިޝާރާތްކޮށް، މި ހާލަތުގައި އުރުދުންގެ ދައުރަށް އަލިއަޅުވާލާފަ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުން 2015 ވަނަ އަހަރު ނެރުއްވި ގަރާރު 2254 އާ އެއްގޮތްވާ ގޮތުގެ މަތިން ސޫރިޔާގެ މައްސަލައަށް ސިޔާސީ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ކޮމިޓީން ދެއްވާފައިވާއިރު، މި މައްސަލަ ޙައްލުކުރުމަށް ޢަރަބިން ކުރަމުންދާ މަސައްކަތްތަކަށް ވަޒީރުން ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
ވަޒީރުން ވަނީ އިރާގުގެ ގުދުރަތީ ވަސީލަތްތަކުގެ ފައިދާ އިރާގުގެ ރައްޔިތުންނަށް ހޯދައިދިނުމަށް ޓަކައި އިގްތިސާދީ އިޞްލާޙުތައް ގެނައުމާއި، ހަމަނުޖެހުންތަކާއި ދާއިޝް ހަމަނުޖެހުންތަކުން މުޖުތަމަޢުތަކަށް އަރައިގަނެވޭނެ ގޮތްތައް ހަމަޖެއްސުމާއި، ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، އިރާގު ސަރުކާރުގެ ކައުންޓަރ ޓެރަރިޒަމްގެ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ބެހޭގޮތުން ވަޒީރުން ވަނީ އދ.ގެ ޗާޓަރު ހިމެނޭ ގޮތަށް ސިޔާދަތާއި ބައިނަލްއަގްވާމީ ގާނޫނުގެ އުސޫލަށް އިހުތިރާމް ކުރުމުގެ މުހިންމުކަމާއި އެއްވެސް ދައުލަތެއްގެ ސަރަހައްދީ އެއްބައިވަންތަކަމަށް ނުވަތަ ސިޔާސީ މިނިވަންކަމަށް ނުރައްކަލެއް ނުވަތަ ބާރުގެ ބޭނުންނުކުރުމުގެ ވާޖިބުކަން ކަށަވަރުކޮށްދެއްވާފައެވެ.
އަދި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ރެފިއުޖީންނާއި ގެދޮރު ގެއްލިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ބާރު އަޅާފައެވެ.
ޖީސީސީ-ޔޫއެސް އިންޓަގްރޭޓެޑް އެއާ އެންޑް މިސައިލް ޑިފެންސް އެންޑް މެރިޓައިމް ސެކިއުރިޓީ ވޯކިން ގްރޫޕްތަކުގެ އިތުރު ބުރެއް މި އަހަރުގެ ފަހުކޮޅު ބާއްވަން ވަނީ އެއްބަސްވެފަ އެވެ.