ސޫދާނުގެ ސިފައިންނާއި ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ވެރިރަށް ޚާރްޠޫމްގެ ޔަތީމު ޚާނާއެއްގައި ތާށިވެފައި ތިބި އެތައް ސަތޭކަ ކުދިންނެއް ސޫދާނުގެ އިންސާނީ އެހީތެރިކަމުގެ އިދާރާތަކުން ބުނެފި އެވެ.
އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑްކްރޮސް އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މައިގޯމާ ޔަތީމު ކުދިންގެ ގެއިން 70 ބެލެހެއްޓުންތެރިންނާ އެކު 280 އަށް ވުރެ ގިނަ ކުދިން ރައްކާތެރި ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"ފާއިތުވި ހަ ހަފްތާ ތެރޭގައި ހަމަނުޖެހުން ހިނގާ ސަރަހައްދެއްގައި އެމީހުންނަށް ދަތިތަކެއް ކުރިމަތިވެ، އެކަށީގެންވާ ސިއްހީ ފަރުވާއިން މަހުރޫމްވެފައި،" ސޫދާނުގައި ހުންނަ އައިސީއާރުސީގެ ވަފުދުގެ އިސްވެރިޔާ ޖީން ކްރިސްޓޮފް ސަންޑޯޒް ވިދާޅުވި އެވެ.
އުމުރުން އެއް މަހާއި 15 އަހަރާ ދެމެދުގެ މި ކުދިން ޚާރްޠޫމާ ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއެއް ކަމަށްވާ ވާދު މެދާނީއަށް ބަދަލުކޮށްފައިވަނީ ޔަތީމުޚާނާއަށް ބޮޑެތި ގެއްލުންތަކެއް ލިބުމުންނެވެ.
އދ. އެ އިދާރާއިން ބުނީ އެކުދިން ނިސްބަތްވާ އާއިލާތައް ދެނެގަތުމުގެ މަސައްކަތް ވެސް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
"ގަބޫލުކުރަން ދަތި ވަރުގެ ނާޒުކު މި ކުދިން ރައްކާތެރި ތަނަކަށް ގެންދިއުމަކީ ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ވަރަށް ބޮޑު ރިސްކީ ކަމެއް،" އެގައުމުގައި ހުންނަ ޔުނިސެފްގެ މަންދޫބު މަންދީޕް އޯ'ބްރައިއަން ވިދާޅުވި އެވެ.
ދައުލަތުގެ މައި ޔަތީމުޚާނާއިން އޭޕްރީލް މަހުގެ މެދުތެރޭގައި އެގައުމުގެ ސިފައިންނާއި ޕެރަމިލިޓަރީތަކާ ދެމެދު ހަނގުރާމައެއް ފެށި ފަހުން 71 ކުދިން މަރުވެފައިވާ ކަމަށް ވޮލަންޓިއަރ ޖަމިއްޔާއެއް ކަމަށްވާ ހަދްރީން އިން ބުނެއެވެ.
ލޯކަލް މެޑިކްސް އިން ބުނީ އިންސާނީ ދަތިކަން އިތުރަށް ގޯސްވަމުން ދިޔަ ވަރަކަށް ކާނާ ގިނައިން ނުލިބުމާއި ޑީހައިޑްރޭޝަންގެ ސަބަބުން މަރުތައް އިތުރުވާނެ ކަމަށެވެ.
ޔުނިސެފުން ބުނާ ގޮތުގައި މުޅި ސޫދާނުގައި 13.6 މިލިއަނަށް ވުރެ ގިނަ ކުދިންނަށް ނުރައްކާތެރިކަން ކުރިމަތިވެފައިވާއިރު، އެމީހުންނަކީ ފުރާނަ ސަލާމަތް ކުރުމުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކުދިންނެވެ. އެ އިދާރާއިން ވަނީ އިންސާނީ ދަތިކަން ހައްލުކުރުމަށް 838 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ބުނެފަ އެވެ.
އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޚާރްޠޫމާއި އަދި އެސީޓީއާއި އިންވެގެން އޮންނަ ސިޓީތަކުގައި ހިނގި ވަރުގަދަ ހަމަނުޖެހުންތަކާއި ބޮން ގޮއްވުމުން އެތައް ސަތޭކަ އާންމުންނެއް މަރުވެ 5،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ.
އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަނުން ބުނީ މިހާރު އެއް މިލިއަނަށް ވުރެ ގިނަ މީހުން ސޫދާނުން ފިލަން މަޖުބޫރުވެފައިވާ ކަމަށެވެ.