ސަރުކާރުން މަޖިލިސް މަރުތަޅު އަޅުވައިގެން އުޅެނީ އިންތިޚާބަށް ތިން މަހަށް ވެފައި އޮއްވައި ސަރުކާރުން ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަންކަމަށް މަޖިލީހުގެ ނައިބުރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިފަދައިން ވިދާޅުވީ މަޖިލީހުގެ ނައިބުރައީސްކަމުން އޭނާ ވަކިކުރުމަށާއި، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޤާމުން ދުރުކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ. އީވާ ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބުރައީސް ވަކިކުރުމުގެ މައްސަލަތައް ހުށަހަޅާފައި އޮއްވައި މަޖިލިސް ކުރިއަށްގެންދަން މަޖިލީހުގެ ޤަވާއިދު ތަންނުދޭކަމަށެވެ.
އެގޮތުން އީވާ ފާހަގަކުރެއްވީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދަވާއިރު އެ ޖަލްސާގެ ރިޔާސަތުގައި އިންނެވޭނީ މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން އޭނާއަށް އެކަނިކަމަށާއި، އަދި މަޖިލީހުގެ ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދާއިރު އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވޭނީ މަޖިލީހުގެ ރައީސަށް އެކަނި ކަމަށެވެ.
އިތުރަށް އީވާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހިންގާ ޖަލްސާ ފިޔަވައި އިތުރު ޖަލްސާތަކުގެ ރިޔާސަތު އެމަނިކުފާނު ބެލެހެއްޓެވުމަށް މަޖިލީހުގެ ޤަވާއިދުގެ އެއްވެސް މާއްދާއަކުން ހުރަސްނާޅާ ކަމަށެވެ.
ނަމަވެސް ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ބޭނުންފުޅުވަނީ ނަޝީދަށް މަޖިލީހުގެ ރިޔާސަތުގައި ދެން ނީނދެވޭނެކަމަށް ދެއްކުން ކަމަށްވެސް އީވާ ވިދާޅުވިއެވެ. "މެޖޯރިޓީ ލީޑަރު ބޭނުންފުޅުވާކަމެއް މެޖޯރިޓީ ލީޑަރަށް ކުރެއްވޭނެކަން އެނގޭ. އެއީ އޭނާގެ އަތްޕުޅުގައި އަދަދު އޮތީމައި،" އީވާ ވިދާޅުވިއެވެ.
ޤަވާއިދު އެފަދައިން އޮއްވައިވެސް މަޖިލީހުގެ ރައީސަށް ޖަލްސާތަކުގެ ރިޔާސަތުގައި ދެން ނީންދެވޭނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވީ މަޖިލިސް މަރުތަޅުއެޅުވުން ކަށަވަރުކުރެއްވުމުގެ ބޭނުމުގައި ކަމަށް އީވާ ޤަބޫލުކުރައްވައެވެ.
ރިޔާސީ އިންތިޚާބަށް 3 މަސްވެފައިވާއިރު ސަރުކާރު ޖަވާބުދާރީކުރުވުމުގެ އެންމެ މަތީ ޒިންމާ އޮތް މުއައްސަސާ ނުވަތަ ދައުލަތުގެ ބާރު ސަރުކާރާއި މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ޕާޓީން މަރުތަޅު އެޅުވުމުގެ މަޤުޞަދެއްކަމަށް އީވާ ވިދާޅުވީ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަން ބޭނުންވާ ސަރުކާރަކަށް އެއަށްވުރެ ބޮޑަށް ބޭނުންވާނެ ކަމެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރަނީ ސަރުކާރު ހިންގާ ޕާޓީއަށް އަޣުލަބިއްޔަތު އޮވެ ގަސްތުގައޭ، ރިޔާސީ އިންތިޚާބަށް 3 މަހަށްވެފައި އޮއްވައި، ގަސްތުގައި ވިސްނާފައި އެނގި ހުރެގެންނޭ ޕާލަމަންޓު ޑެޑްލޮކަކަށް އެ ގެންދިޔައީ،" އީވާ ވިދާޅުވިއެވެ.
ސަރުކާރާއި މަޖިލީހުގައި އެމްޑީޕީގެ އިސްވެރިންނަކީ ބަރުލަމާނީ ތަޖުރިބާ ބޮޑު ބޭފުޅުންކަމަށާއި އެ ބޭފުޅުން އެއް ވަގުތެއްގައި މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ހުށަހަޅުއްވާފައި، ޤަވާއިދު އެނގިވަޑައިގެން މަޖިލިސް ޑެޑްލޮކަކަށް ގެންދެވީ އެނގިވަޑައިގެން ތިއްބަވައި، މަޖިލީހުން ސަރުކާރު ޖަވާބުދާރީނުކުރެވޭނެކަން ކަށަވަރުކުރެއްވުމަށް ކަމަށްވެސް އީވާ ވިދާޅުވިއެވެ.