ބާސްތީ (ޔޫޕީ) - އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ބަސްތީގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ތިން ފިރިހެނަކު ރޭޕްކުރުމުން މަރުވެއްޖެ އެވެ.
ގައުރު ސަރަހައްދުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހު އެ އަންހެން ކުއްޖާ ތަރުކާރީ ގަންނަން ގޮސް އުޅެނިކޮށެވެ. މޮނޫ ސަހަނީ، ރާޖަން ނިޝާދު އަދި ކުންދަން ސިންގް ނަމަކަށް ކިޔާ ތިން މީހަކު އޭނާ އެކަހެރި ތަނަކަށް ގެންގޮސް، ރޭޕް ކުރުމަށްފަހު ފިލީ ކަމަށް ފުލުހުން ބުންޏެވެ.
އަންހެން ކުއްޖާ ގެއަށް ނައުމުން އާއިލާގެ މީހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް ފެނުނީ އޭނާގެ ގެ ކައިރީގައި ހޭނެތިފައި ވެއްޓިފައި އޮއްވަ އެވެ.
ފުލުހުން ބުނީ އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާކަމަށެވ
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ގޯޕާލް ކްރިޝްނާ ޗައުދަރީ ވިދާޅުވީ ތުހުމަތު ކުރެވޭ އެކަކު ކަމަށްވާ މޯނޫ ސަހަނީ އަށް އެ އަންހެން ކުއްޖާ އެނގޭ ކަމަށާއި އޭނާ އަކީ އަންހެން ކުއްޖާ ގޮވައިގެން ދިޔަ މީހެއް ކަމަށާއި ރޭޕްގައި އޭނާއާ އެކު އިތުރު ދެ މީހަކު ވެސް ބައިވެރިވި ކަމަށެވެ.
ފުލުހުން ބުނީ މިހާރުވަނީ އެ ތިން މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރޭޕްކޮށް މަރާލި ކަމުގެ ތުހުމަތުގައި އެ ތިން މީހުންގެ މައްޗަށް ވަނީ ދައުވާ ހުށަހަޅާފަ އެވެ.
މީގެ ކުރިން ވެސް އެ ސަރަހައްދުގެ ރައްޔިތުން ވަނީ ބީޖޭޕީގެ މެމްބަރުން އެ މީހުން ހިމާޔަތްކޮށްފައިވާ ކަމަށް ބުނެ އެ މީހުން ހައްޔަރު ކުރުމަށް ގޮވާލައި މުޒާހަރާކޮށްފަ އެވެ.
އިދިކޮޅު ލީޑަރު އަކިލޭޝް ޔާދަވް ވެސް މި މައްސަލަ އުފައްދަވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރޭޕްކުރާ މީހުންނާ ދެކޮޅަށް ރައްޔިތުން ރޮމުން ދިޔަ ނަމަވެސް އެ މީހުން ހިމާޔަތް ކުރުމަށް ވެރިކަން ކުރާ ޕާޓީ ބީޖޭޕީ ގެ ސަރުކާރު ބީރުވެފައިވާ ކަމަށެވެ.
އިންޑިއާގައި ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ރޭޕްކުރުމާއި މީހުން މެރުން ރެކޯޑް ކުރެވިފައިވާ އެއް ޤައުމެވެ.