އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އެކި ދަތުރުތަކަށް 3.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި، އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ދަތުރުތަކަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް"އިން ހުށަހެޅުމުން އެ މިނިސްޓްރީންވަނީ ދަތުރުތަކަށް ހިނގާފައިވާ ޚަރަދުގެ ތަފުސީލު ހާމަކޮށްފައެވެ.
ޚަރަދުތަކަށް ހިނގާފައިވާ ޚަރަދުގެ ތަފުސީލު ހާމަކުރި ނަމަވެސް އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ ނަންތަކާއި، އެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ތަފުސީލު އެ ވުޒާރާއިން ހާމަނުކުރެއެވެ. އޭގެ ބަދަލުގައި އެ މައުލޫމާތު ހާމަކުރަން އެންމެ އެކަށީގެންވަނީ ރައީސް އޮފީސްކަމަށް ބުނެ އެ މައުލޫމާތު ހާމަކުރުން އެ އިދާރާއަށް އިސްލާމިކް މިނިސްޓްރީންވަނީ ތަހުވީލުކޮށްފައެވެ.
މިނިސްޓްރީން ހާމަކުރި ހިސާބުތަކަށް ބަލާއިރު އެ ވުޒާރާގެ ސިޔާސީ މުވައްޒަފުންވަނީ ފާއިތުވި ހަތަރު އަހަރާއި މި އަހަރުގެ ފުރަތަމަ ތިން މަހުގައި ޖުމްލަ 17 ދަތުރެއް ރާއްޖެއިން ބޭރަށް އެކި ޤައުމުތަކަށް ކުރައްވާފައެވެ.
އެގޮތުން އެ ބޭފުޅުން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގެ ޓިކެޓަށް އެކަނި 1.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެ ދަތުރުތަކުގައި ތިއްބެވުމާއި ފަރިއްކޮޅަށް 2 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަން މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. އަދި ދަތުރުތަކުގެ ޕޮކެޓްމަނީއަށް 93،908 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އޭގެ އިތުރަށް އިންސިޑެންޝަލް ޚަރަދުތަކުގެ ގޮތުގައި ޖުމްލަ 292،980 ރުފިޔާ ޚަރަދުވެފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.
މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން އެންމެ ގިނައިން ވަޑައިގެންފައިވަނީ ސައުދީ ޢަރަބިއްޔާއާއި ތުރުކީގެ އިތުރުން ޔޫއޭއީއަށެވެ. މިނިސްޓަރު ޑރ.އަޙްމަދު ޒާހިރުގެ އިތުރަށް އެންމެ ގިނައިން ދަތުރުކުރެއްވި ބޭފުޅަކީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝައިޚް މުޙައްމަދު އަނީލެވެ.