މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން މޭއި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓު ދަރަނީ 4.3 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
އެއީ ކޮންމެ ދުވާލަކަށް ބަލާނަމަ 30 މިލިއަން ރުފިޔާއެވެ. އެ މުއްދަތުގައި ސަރުކާރަށް އާމްދަނީގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ލިބުނު އިރު 17.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ބަޖެޓު ޑެފިސިޓަކީ 3.2 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން މިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ބަޖެޓު ޑެފިސިޓު 1 ބިލިއަން ރުފިޔާއިން ވަނީ އިތުރުވެފައެވެ.
ބަޖެޓު ދަރަނި ރެކޯޑު މިންވަރަކަށް އުފުލުނިއިރު ސަރުކާރުން ވަނީ ބަޖެޓު ދަރަނި ކުޑަކުރުމަށް ކަމަށް ބުނެ މިއަހަރު ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކޮށްފައެވެ. ޓެކުސް ބޮޑުކުރުމުން އާމްދަނީ އިތުރުވި ނަމަވެސް ޚަރަދުކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަލުއިކަމާއެކު ނޭޅިއްޖެނަމަ ބަޖެޓު ޑެފިސިޓު އިތުރުވެ، ދައުލަތުގެ މާލީ މުސްތަޤުބަލުގެ ޔަގީންކަން ކަށަވަރުނުވާނެކަމަށް ވޯލްޑް ބޭންކާއި އައިއެމްއެފުން ބުނެފައިވެއެވެ.
އެގޮތުން އާސަންދައިގެ ޚަރަދުތައް ކުޑަކުރުމަށް އާސަންދައިގެ ނިޒާމަށް ގެންނަ އިސްލާހުތަކަކާއި، ސަބްސިޑީގެ އުސޫލަށް ގެންނަ އިސްލާހުތަކެއް ބަޖެޓުގައި ހިމެނިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ސަރުކާރުން ތަންފީޒުނުކުރެއެވެ. އޭގެ ބަދަލުގައި ސަރުކާރުން ދަނީ އެތައް ހާސް ސިޔާސީ ވަޒީފާއެއް އުފައްދައި، އެކި ގޮތްގޮތަށް ހިންގުމުގެ ހަރަދު އިތުރު ކުރަމުންނެވެ.