ދިވެހި ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރި ބޭނުން ކުރެވޭ ފައިސާގެ އަދަދު 148 މިލިއަން ޑޮލަރަށް ވެއްޓިއްޖެއެވެ.
ގާތްގަނޑަކަށް 45 ދުވަހުގެ އިމްޕޯޓަށް ބޭނުން ކުރެވޭހާ މަދު ފައިސާކޮޅެއް މިހާރު ރިޒާވްގައި ހުރި އިރު މިއީ މިއަހަރު ފެށުނުފަހުން ރިޒާވް އެންމެ ދަށަށް ދިޔަފަހަރެވެ. މޭއި މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވްގައި 148 މިލިއަން ޑޮލަރު ހުރިއިރު ޖުމްލަ ރިޒާވަކީ 748 މިލިއަން ޑޮލަރެވެ.
ބޭނުން ކުރެވޭ ރިޒާވް އެންމެފަހުން މިހާބޮޑަށް ދަށަށް ގޮސްފައިވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޮކްޓޯބަރު ނިމުނު އިރު ރިޒާވްގައި ބޭނުން ކުރެވޭގޮތަށް ހުރީ 105 މިލިއަން ޑޮލަރެވެ. އެހެންވެ ސަރުކާރުން ވަނީ ނޮވެމްބަރު މަސްތެރޭ އިންޑިއާގެ މަރުކަޒީ ބޭންކުން ލޯނެއް ނަގާފައެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ސްޓޭޓް ބޭންކަށް ބޮންޑެއް ވިއްކައިގެން ވެސް ފައިސާ ހޯދިއެވެ.
އެހެންވެ ނޮވެމްބަރު މަސް ނިމުނުއިރު ރިޒާވް ވަނީ 219 މިލިއަން ޑޮލަރަށް އަރާފައެވެ. އަދި ރާޢްޖޭގެ ފަތުރުވެރިކަމުގެ ޕީކް މަސް ކަމަށްވާ ޑިސެމްބަރު މަސް ނިމުނު އިރު ބޭނުން ކުރެވޭ ރިޒާވްގައި 267 މިލިއަން ޑޮލަރު ހުއްޓެވެ. އެހެން ނަމަވެސް ދެން އެއަށްފަހު ކޮންމެ މަހަކުވެސް ރިޒާވްގެ މިންވަރު ދިޔައީ ދަށަށެވެ.
އޭޕްރިލް މަހާއި އަޅާބަލާއިރު މޭއި މަހުގެ ރިޒާވް މިވަނީ 3 މިލިއަން ޑޮލަރުން މަދުވެފައެވެ. ފާއިތުވި އަހަރުގެ މޭއި މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވްގައި 369 މިލިއަން ޑޮލަރު ހުއްޓެވެ. އެހެން ކަމުން ފާއިތުވި އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު މިއަހަރު ރިޒާވުން 221 މިލިއަން ޑޮލަރު މަދެވެ.
ދައުލަތުގެ ރިޒާވް ބިރުވެރި މިންވަރަކަށް ދަށަށް ދިޔަނަމަވެސް ސަރުކާރުން ބުނާ ގޮތުން ރާއްޖޭގެ އިޤްތިސާދީ ހާލަތު ވަރަށް ރަނގަޅެވެ. އަދި ސަރުކާރުން ދަނީ އެކިއެކި ކަންކަމަށް ބޮޑެތި ހަރަދުތައް ކުރަމުންނެވެ. އެ ކަންކަމަށް ފައިސާ ހަމަޖައްސަނީ ފައިސާ ޗާޕުކޮށްގެންނެވެ. ސަރުކާރުން ހުއްޓުމެއްނެތި ފައިސާ ޗާޕުކުރަމުންދާތީ، ފައިސާގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެމްއެމްއޭގެ ރިޒާވުގައި ހުންނަ ޑޮލަރު ބޭނުން ކުރަންޖެހެއެވެ. ރިޒާވް ދަށަށް ދަށްދާ ސަބަބުތަކުގެ ތެރޭގައި އެކަން ހިމެނެއެވެ.