ސިޔާސީ މުވައްޒަފުންގެ ތެރެއިން ވަކި ގިންތިއެއްގެ މުވައްޒަފުންގެ ނަންތަކަކީ ޒާތީ މައުލޫމާތުކަމަށްވާތީ އެ މައުލޫމާތަކީ އެ ބޭފުޅުންގެ އިޒުނައާ ނުލައި ހާމަނުކުރެވޭނެ ޒާތީ މައުލޫމާތުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ޚާރިޖީވުޒާރާގައި މަސައްކަތްކުރައްވާ ސިޔާސީ މުވައްޒަފުންގެ ނަންތަކާއި، އެބޭފުޅުންގެ މުސާރަ ހޯދުމަށް "ދިޔަރެސް"އިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޚާރިޖީ ވުޒާރާގައި އެދުމުން، ފޮރިން މިނިސްޓްރީންވަނީ އެ ހުށަހެޅުން ރައީސް އޮފީހަށް ފޮނުވާފައެވެ. ނަމަވެސް ރައީސް އޮފީހުން އެ މައްސަލާގައި ދިން ޖަވާބުގައި ޚާރިޖީވުޒާރާއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދާއި އެ ބޭފުޅުންގެ ވަނަވަރުވަނީ ސިއްރުކޮށްފައެވެ.
މި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި "ދިޔަރެސް"އިން އިލްތިމާސްކުރުމުން އިއްޔެ އެ ކޮމިޝަނުގައި އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވެއެވެ. އެ އަޑުއެހުމުގައި ރައީސް އޮފީހުގެ ޤާނޫނީ ވަކީލު ވިދާޅުވެފައިވަނީ އޭނާ ޤަބޫލުކުރައްވާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ ނަންތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަކުރަންނުޖެހޭ މައުލޫމާތެވެ. އެ މައުލޫމާތު ހާމަކުރަންނުޖެހެނީ އެއީ ޒާތީ މައުލޫމާތުކަމަށްވާތީ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ ފައިސާއިން މުސާރަ ލިބޭ ސިޔާސީ މުވައްޒަފުންގެ ނަންތަކާއި އެ ފަރާތްތަކަށް ލިބޭ މައުލޫމާތަކީ ޒާތީ މައުލޫމާތުކަމުގައި ޤަބޫލުނުކުރެވޭކަމަށާއި، ހަމަ މި މައުލޫމާތު ހޯދުމަށް އެދުމުން ސަރުކާރުގެ އެކި ވުޒާރާތަކުގައި މަސައްކަތްކުރައްވާ ސިޔާސީ މުވައްޒަފުންގެ ނަންތަކާއި މުސާރަތައް ހާމަކުރާކަން "ދިޔަރެސް"އިން ފާހަގަކުރިއެވެ. އެގޮތުން ފޮރިން މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ނޫން އެހެން ވުޒާރާތަކުން އެ މައުލޫމާތުތައް ހާމަކޮށްފައިވާކަން "ދިޔަރެސް"އިން ފާހަގަކުރިއެވެ.
ރައީސް އޮފީހުގެ ޖަވާބުގައި ޚާރިޖީވުޒާރާއަށް އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދާއި އެ ބޭފުޅުން އައްޔަންކޮށްފައިވާ ތާރީޚާއި ޒިންމާތައްވެސް ހާމަނުކުރި ސަބަބެއްކަމަށް ބުނެފައިވަނީ އެ މައުލޫމާތަކީ ޒާތީ މައުލޫމާތުކަމުގައި އެ އިދާރާއަށް ޤަބޫލުކުރެވުމެވެ. އިއްޔެގެ އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދުވަނީ މި މައުލޫމާތުތަކަކީ ޒާތީ މައުލޫމާތުކަމުގައި ވާނެތޯ ރައީސް އޮފީހާ ސުވާލުކުރައްވާފައެވެ.
"އަޅުގަނޑުމެންނަށް ދޫކުރެވެން ހުރި މައުލޫމާތު ދޫކޮށްފައިވާކަމަށް. އޭގެ އިތުރަށް ނަމާއި ދެންހުރި މައުލޫމާތަކީ ޒާތީ މައުލޫމާތުކަމުގައި ދަންނަވާފައިވާނެ،" ރައީސް އޮފީހުގެ ވަކީލު ވިދާޅުވިއެވެ. އޭނާ އިތުރަށް އަދަދުތަކަކީ ދޭންޖެހޭ މައުލޫމާތުކަމަށް ޤަބޫލުކުރައްވާކަމަށާއި، ނަމަވެސް އެ މައުލޫމާތު ދިނުމަށް އިތުރު ވަގުތު ނަގާނެކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އެއާއެކު އާހިދުވަނީ ސިޔާސީ މުވައްޒަފުންގެ ނަންތައް ހާމަކުރަންޖެހޭނެ ނޫންތޯއާއި އެ މައުލޫމާތު އެނގުމަކީ އާންމުންގެ މަސްލަހަތު އޮންނާނެ ކަމެއް ނޫންތޯވެސް ސުވާލުކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް އޮފީހުގެ ވަކީލު ވިދާޅުވީ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ސިޔާސީ ބޭފުޅުންގެ މައުލޫމާތަކީ ހާމަކުރާ މައުލޫމާތު ކަމަށެވެ. އެފަދައިން ސިޔާސީ މުވައްޒަފުންގެ ތެރެއިން ސަރުކާރުގެ ސިޔާސަތު އެކަށައަޅާ ފަންތީގެ މުވައްޒަފުންގެ މައުލޫމާތަކީ ހާމަކުރާ މައުލޫމާތު ކަމަށެވެ.
ނަމަވެސް އެ ފަންތިއަށްވުރެ ދަށް ފަންތީގެ ސިޔާސީ މުވައްޒަފުންގެ ނަންތަކަކީ ސިއްރެއްކަމުގައި ރައީސް އޮފީހުގެ ވަކީލު ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެފަދައިން ސިޔާސީ މުވައްޒަފުން ދެ ގިންތިއަކަށް ބަހައިލާ އެއްބައެއްގެ ނަންތައް ހާމަކުރަންނުޖެހޭނެކަމަށް ރައީސް އޮފީހުން ޤަބޫލުކުރަނީ ކޮން ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްކަން ސާފުކޮށްދިނުމަށް "ދިޔަރެސް"އިން އެދުމުން، އެ ސުވާލަށް ރައީސް އޮފީހުން ޖަވާބެއް ދެވިފައިނުވެއެވެ. ތަކުރާރުކޮށް ރައީސް އޮފީހުން ބުނަމުންދިޔައީ ވަކި ވަރަކަށްވުރެ ދަށް ސިޔާސީ މުވައްޒަފުންގެ ނަންތަކަކީ ޒާތީ މައުލޫމާތެއް ކަމުގައެވެ.
ސިޔާސީ ބައެއް މުވައްޒަފުންގެ ނަންތައް ޒާތީ މައުލޫމާތަށް ނުވެފައި އަނެއް ބައެއްގެ ނަންތަކަކީ ހާމަކުރަންނުޖެހޭ ޒާތީ މައުލޫމާތުކަމަށް ރައީސް އޮފީހުގެ ވަކީލު ޤަބޫލުކުރައްވާ ސަބަބު ވިދާޅުވެނުދެއްވި ނަމަވެސް ތަކުރާރުކޮށް އެ މައުލޫމާތު ހާމަކުރަންނުޖެހޭނެކަމުގައި އޭނާ ވިދާޅުވިއެވެ. އެ މައްސަލާގައި އިތުރު އަޑުއެހުމެއް ބާއްވަވަން ނިންމަވައި، އެ އަޑުއެހުމުގައި އެ މައުލޫމާތު ހާމަކުރުމާމެދު ގޮތެއް ނިންމަވާނެކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިއެވެ.