އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުންނާ ދިމާނުކުރައްވާކަމަށާއި އެ ބޭފުޅުންނާ ސަމާސާކޮށް ވާހަކަދެއްކެވީކަމަށް ދައުލަތުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ތަރުޖަމާން ޕަބްލިކް ޕްރޮސެކިއުޓާ އަޙްމަދު ޝަފީޢު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް މިހާރުންވަނީ، މިއަދު ހައިކޯޓުގައި އޮތް ވ.އާރަށުގެ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން އަސުރު ނަމާދު ބަންގިއަށް ޝަރީޢަތް މެދުކަނޑައިލި ވަގުތު، ރައީސް ޔާމީނު ދައުލަތުގެ ވަކީލުންނާ ދިމާކޮށްލެއްވިކަމަށް ބުނެ ޚަބަރެއް ޝާއިއުކޮށްފައެވެ.
އެ ޚަބަރުގައި ރައީސް ޔާމީނު ވަކީލުންނަށް ބިރުދައްކަވައި އިންޒާރުދެއްވުމުގެ މޭރުމަކުން ވާހަކަދެއްކެވިކަމަށް ދޭހަވާ މޭރުމަކުން ޚަބަރު ގެނެސްފައިވަނީ ނަން ނުޖެހުން ޝަރުތުކޮށް އެ ނޫހަށް މައުލޫމާތު ދިން ޕީޖީގެ އޮފިޝަލަކާ ހަވާލާދީއެވެ.
މިކަމާ ގުޅިގެން އެ މައްސަލާގައި ހައިކޯޓުގައި ވަކާލާތުކުރައްވާ ދައުލަތުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝަފީޢަށް "ދިޔަރެސް"އިން ގުޅައި ސުވާލުކުރުމުން ވިދާޅުވީ ރައީސް ޔާމީނު ވަކީލުންނާ ދިމާނުކުރައްވާ ކަމަށެވެ.
ނަމަވެސް އަޑުއެހުން މެދުކަނޑައިލުމުން ރައީސް ޔާމީނު ދައުލަތުގެ ވަކީލުންނާ ވާހަކަފުޅުދެއްކެވި ކަމަށެވެ. އަދި އެމަނިކުފާނު ވަކީލުންނާ ސަމާސާކުރައްވައި މަޖާކުރެއްވިކަމަށްވެސް ޝަފީޢު ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ތަސައްވުރުވީ ސަމާސާކުރައްވައި މަޖާކުރެއްވުން. އެއްވެސް ގޮތަކަށް ދިމާކުރައްވައި ބިރުދެއްކެވުމެއް ނޫން،" ޝަފީޢު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލުންނާ ސަމާސާކުރައްވައި ރައީސް ޔާމީނު ވާހަކަދެއްކެވުމުން އެއީ ވަކީލުންނާ ދިމާކުރެއްވުންކަމަށް ދޭހަވާ ގޮތަށް މީޑިއާއިން ރިޕޯޓުކުރީ ކޮން އޮފިޝަލަކާ ހަވާލާދީކަން ކަށަވަރެއް ނުވެއެވެ.