Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީންގެ ޝަރީޢަތް

ފަޅުރަށްތައް ކުއްޔަށް ދިނުމަކީ ރައީސްގެ ރަސްމީ ހައިސިއްޔަތުގެ ތެރެއިން ކަމެއް ނޫން: ދިފާއީ ވަކީލުން

ފަތުރުވެރިކަމުގެ ބޭނުމަށް ފަޅުރަށްތައް ކުއްޔަށް ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތުގެ ތެރެއިން ހިމެނޭނެ ކަމެއް ނޫންކަމަށް ވ.އާރަށް ކުއްޔަށް ދިނުމާ ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީނާއި ވ.އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފު ނައީމުގެ މައްޗަށް އިއްވި ހުކުމްތަކުގެ އިސްތިއުނާފުގެ ޝަރީޢަތުގައި ޔޫސުފް ނައީމުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
މިއަދު ހައިކޯޓުގައި އޮތް އެ މައްސަލައިގެ އަޑުއެހުމުގައި ޔޫސުފު ނައީމުގެ ވަކީލު ހަމްޒާ ލަތީފު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުން އެ މައްސަލާގައި ޔޫސުފް ނައީމުގެ މައްޗަށް ދައުވާކުރި ޤާނޫނުގެ މާއްދާގައި ރަސްމީ ހައިސިއްޔަތުގެ ވާހަކަ ހިމެނިފައިވާއިރު، ރައީސް ޔާމީނު މެދުވެރިކޮށް ކުރެއްވިކަމެއްކަމަށް ދައުލަތުން ތުހުމަތުކުރާ ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތުގެ ތެރޭގައި ހިމެނޭނެ ކަމެއް ނޫން ކަމަށެވެ.
"ދައުވާކުރި މާއްދާ ސާބިތުވުމަށްޓަކައި ސާބިތުކުރަންޖެހޭ އެއް ރުކުނަކީ، ރަސްމީ ހައިސިއްޔަތު. ރަސްމީ ހައިސިއްޔަތަކީ ސާބިތުވާންޖެހޭނެ ކަމެއް ކަމަށް،" ހަމްޒާ ވިދާޅުވިއެވެ. ހަމްޒާ ވިދާޅުވި ގޮތުގައި އެ މާއްދާއަކީ ރަސްމީ ހައިސިއްޔަތުން މީހަކު ކުރަންޖެހޭ ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމާ ގުޅިގެން ކުރާ ދައުވާއެއް ކަމަށެވެ.
ހަމައެހެންމެ ރިޝްވަތު ދޭ ފަރާތަށްވެސް އޭނާ ރިޝްވަތު ދިން ފަރާތަކީ އެ ނިންމުމެއް ނިންމުމުގައި ނުފޫޒު ފޯރުވުމުގެ ޤާބިލުކަން ހުރި މީހެއްކަން އެނގެންޖެހޭނެ ކަމަށް ނުވަތަ އެފަދަ ނުފޫޒެއް ފޯރުވުމުގެ ޤާބިލުކަން ހުރި ފަރާތެއްކަމަށް ޤަބޫލުކުރެވޭނެ ފަދަ ހާލަތެއް އޮތްކަމުގައި ވާންވާނެ ކަމަށެވެ.
އިތުރަށް ހަމްޒާ ފާހަގަކުރެއްވީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނުލް ޢުޤޫބާތު ޑުރާފްޓުކުރެއްވުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ޕްރޮފެސާ ޕޯލް ރޮބިންސަންގެ ރަސްމީ ކޮމެންޓަރީގައިވެސް އެ މާއްދާއަކީ ދައުލަތުގެ މުވައްޒަފަކު ކުރާ ކޮންމެ ކަމަކާ ގުޅިގެން ދައުވާކުރެވިދާނެ މާއްދާއެއް ނޫންކަން ފާހަގަކުރައްވާފައިވާ ކަމެވެ.
ރޮބިންސަންގެ ކޮމެންޓަރީގައިވެސް އެ މާއްދާއިން ދައުވާކުރާނަމަ އެ ދައުވާ ރައްދުވާ އަމަލަކީ އެ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތުގެ ތެރެއިން ކުޅަ އަމަލަކާ ގުޅިގެން އުފުލާ ދައުވާއަކަށް ވާންވާނެކަން ފާހަގަކުރައްވާފައިވާކަމުގައި ހަމްޒާ ވިދާޅުވިއެވެ.
މި ޤާނޫނީ އަސާސްތައް ފާހަގަކުރެއްވުމަށްފަހު، ހަމްޒާ ވިދާޅުވީ މި މައްސަލާގައި ހިމެނޭ ވާގިއާތައް ކަމުގައިވާ ރިސޯޓު ހެދުމަށް ވ.އާރަށް ކުއްޔަށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތުގެ ތެރެއަށް ވަންނަ ކަމެއް ނޫން ކަމަށެވެ. އެގޮތުން ފަތުރުވެރިކަމާ ބެހޭ ޤާނޫނުގައި ބުނެފައިވާ ގޮތުން ރިސޯޓު ހެދުމަށް ރަށްތައް ދޫކުރުމަކީ ޓުއަރިޒަމް މިނިސްޓްރީގެ ޒިންމާއެއްކަން ހަމްޒާ ފާހަގަކުރެއްވިއެވެ.
އަދި ވ.އާރަށުގެ މުއާމަލާތުގައި ރިސޯޓު ހެދުމަށް އެ ރަށް ކުއްޔަށް ދޫކުރީ އެމްއެމްޕީއާރުސީންކަން ފާހަގަކުރައްވައި ހަމްޒާ ވިދާޅުވީ އެމްއެމްޕީއާރުސީއަކީ އެ ކުންފުންޏެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކުންފުނިތަކާ ބެހޭ ޤާނޫނު ހިނގާ ކުންފުންޏެއް ކަމަށެވެ. އެ ކުންފުނީގެ ބޯޑެއް އޮންނަކަމަށާއި، އެ ބޯޑުން ރަށްތައް ކުއްޔަށް ދިނުމުގެ މުއާމަލާތް ހިންގުމުގެ ބާރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ދީފައިވާ ކަމަށެވެ.
ހަމައެހެންމެ ރިސޯޓު ހެދުމަށް ފަޅުރަށް ކުއްޔަށް ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތުގެ ތެރޭގައި ހިމެނޭނެކަމެއް ކަމުގައި ޔޫސުފް ނައީމަށްވެސް ތަސައްވުރުވެފައި ނެތްކަން އެ މުއާމަލާތުގެ އެއްވެސް މަރުހަލާއެއްގައި ރައީސް އޮފީހަށް އޭނާ ސިޓީއެއް ފޮނުއްވާފައި ނެތްކަން ސާފުވާކަމަށެވެ.
މި ލިއުމާއި ގުޅޭ