Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ރޮޒައިނާ އާދަމް

އީވާގެ ބަދަލުގައި މަޖިލީހުގެ ނައިބުރައީސަކަށް ރޮޒައިނާ

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވަކިކުރުމަށްފަހު އޭނާގެ ބަދަލުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެ މަޤާމަށް ހަމަޖެއްސުމަށް އެމްޑީޕީގެ ލީޑާޝިޕުން ނިންމައިފިއެވެ.

އެމްޑީޕީން ވަކިވެވަޑައިގެން އެހެން ބައެއް މަޖިލިސް މެންބަރުންނާއެކު އައު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާކަން އީވާ އިއުލާނުކުރެއްވުމާއެކު، މަޖިލީހުގެ ނައިބުރައީސްކަމުން އޭނާ ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ފާސްކޮށް، 50 މެންބަރުންގެ ސޮޔާއެކު މަޖިލީހަށްވަނީ ހުށަހަޅާފައެވެ.

މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރުމުން މަޖިލީހުގެ ނައިބުރައީސްކަމުގެ މަޤާމަށް ވަޑައިގަތުމުގެ ޝައުޤުގައި ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެންބަރުން އުޅުއްވިކަމަށް އަޑުއެރިއެވެ. އޭގެ ތެރޭގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ހިމެނިވަޑައިގަންނަވައެވެ.

ރޮޒައިނާއާއި ޝަރީފަކީ މަޖިލީހާއި މަޖިލީހުގެ ބޭރުންވެސް ސަރުކާރަށް އެންމެ ބޮޑަށް ސަނާ ވިދާޅުވެ ރައީސް އިބްރާހީމަށް އެންމެ ބޮޑަށް ތާރީފުކުރައްވާ މެންބަރުންނެވެ. ނަމަވެސް ރޮޒައިނާއާއި އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒަކީ ރައީސް އިބްރާހީމާ ވަރަށް އަރިސް ދެ ބޭފުޅުންނެވެ.

އެގޮތުން ޖަނަވަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމުގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރެއްވީވެސް ނާޝިޒެވެ. ރޮޒައިނާއަކީ ރައީސް އިބްރާހީމަށް ތާރީފުކުރައްވައި އެމަނިކުފާނުގެ ވާދަވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.

ރޮޒައިނާ މަޖިލީހުގެ ނައިބުރައީސްކަމަށް ގެންނަން އެމްޑީޕީގެ ލީޑާޝިޕުގެ ބޭފުޅުން ބޭނުންފުޅުވި ނަމަވެސް މިހާތަނަށް އެކަމުގައި ޕާލިމަންޓަރީ ގުރޫޕުން ވަކި ގޮތެއް ނުނިންމައެވެ. ބެލެވޭ ގޮތުގައި އީވާ މަޤާމުން ވަކިކުރުމުގެ ކުރިން ޕީޖީން ގޮތެއް ނިންމައި އިއުލާނުކުރާނެއެވެ.

މި ލިއުމާއި ގުޅޭ