Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ސަލީމް (އޭދަފުށީ)

ސަރުކާރުގެ މެންބަރުންނަށް ސަލީމު ވިދާޅުވެދެއްވީ ކާބޯތަކެތީގެ އަގުތައް ބޮޑުވާ ސަބަބު

ރާއްޖޭގައި މުދަލާއި ޚިދުމަތުގެ އަގުތައް އުފުލިގެން އުޅޭ ސަބަބު މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނަށް މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު (ރެޑުވޭވް) ސާފުކޮށްދެއްވައިފިއެވެ.

މުދަލާއި ޚިދުމަތުގެ އަގުތައް މަތިވާތީ އަގުތައް ކޮންޓުރޯލުކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުން ސަލީމު ވިދާޅުވީ ރާއްޖޭގައި މުދަލުގެ އަގުބޮޑުވެގެން އުޅެނީ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤުވާމީ ބާޒާރުގައި ތަކެތީގެ އަގުބޮޑުވެގެން ނޫން ކަމަށެވެ.

"ހަގީގަތުގައި ތަކެތީގެ އަގު ބޮޑުވާންޖެހުނީކީ ދުނިޔޭގައި ރާއްޖެއަށް އެތެރެކުރާ ތަކެތީގެ އަގުތައް މާބޮޑަށް މައްޗަށް ގޮސްގެނެއް ނޫން. އަޅުގަނޑު މިއީ ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓުކުރާ އެކަކު ޚާއްޞަކޮށް ކާބޯތަކެތި. ދުނިޔޭގެ މިރާއްޖެއަށް އިމްޕޯޓުކުރާ ތަކެތީގެ އަގު މައްޗަށް ނުދޭ،" ސަލީމު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިފައިވާކަމަށް ވިދާޅުވެ މަޖިލީހުގެ އެމްޑީޕީ މެންބަރުން ދައްކަވާ ވާހަކަފުޅަށް ރައްދުދެއްވައި ސަލީމު ވިދާޅުވީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލިގެން އުޅެނީ ޔޫރަޕުގައި ކަމަށެވެ. ސަބަބަކީ ޔޫރަޕުގައި ހަނގުރާމައެއް ފެށިފައި އޮތުމާއި ތެލާއި ގޭސް ގަތުމަށް ޔޫރަޕުން ރަޝިޔާއަށް ބަރޯސާވާންޖެހުން ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެފަދަ ހާލަތެއް ނެތްކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ތަކެތީގެ އަގު އުފުލުމަށް މެދުވެރިވާ ސަބަބުތައްކަމަށް އެމްޑީޕީގެ މެންބަރުން ފާހަގަކުރައްވާ ސަބަބުތަކަށް ރައްދުދެއްވުމަށްފަހު ސަލީމުވަނީ ރާއްޖޭގައި ތަކެތީގެ އަގު ބޮޑުވާ ހަގީގީ ސަބަބުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

"ރާއްޖޭގައި މީގެ [ތަކެތީގެ އަގު ބޮޑުވުމުގައި] އެންމެ ބޮޑޫ މައްސަލައަކަށް ދިމާވީ ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ދިއުން. މިހާރު 15.42 އެމްއެމްއޭގެ ރޭޓަކީ ނަމަވެސް ސަތާރަ ބައިގައި އާންމުކޮށް ޑޮލަރުގެ ރޭޓު މިހާރު މިއޮތީ ހިފަހެއްޓިފައި،" ސަލީމު ވިދާޅުވިއެވެ.

އަދި ސަލީމު ވިދާޅުވީ ޑޮލަރުގެ އަގު އުފުލުމަށް މެދުވެރިވާ ސަބަބަކީ ދައުލަތް ހިންގުމަށް ފައިސާ ޗާޕުކުރުން ކަމަށެވެ. ކޮވިޑުގެ ތެރޭގައި ފައިސާ ޗާޕުކުރިއަސް މައްސަލައެއް ނެތްކަމަށާއި ނަމަވެސް ކޮންމެ އަހަރަކު ފައިސާ ޗާޕުކުރުމަކީ އިޤުތިޞާދު ރަނގަޅަށް ހިންގުންކަމަށްނުވާނެ ކަމުގައި ސަލީމު ވިދާޅުވިއެވެ.

ފައިސާ ޗާޕުކުރުމުގެ ސަބަބުން ޑޮލަރުގެ އަގު 10 އިންސައްތަ މައްޗަށް ގޮސް، އެ ނިސްބަތުން ތަކެތީގެ އަގު އުފުލިފައިވާކަން ފާހަގަކުރައްވަމުން ސަލީމު ވިދާޅުވީ މިހާރުވެސް ޑޮލަރު 15.42 ގެ ރޭޓުން ވިޔަފާރިވެރިންނަށް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިނަމަ ތަކެތީގެ އަގު 10 ޕަސެންޓު ދަށްވާނެ ކަމަށެވެ.

ތަކެތީގެ އަގު ބޮޑުވާ އަނެއް ސަބަބެއްކަމަށް ސަލީމު ވިދާޅުވީ ސަރުކާރުން ވިޔަފާރިވެރިން އަތުން ނަގާ އެކި ފީތައް ބޮޑުވުމެވެ. އެގޮތުން ކުނި ނަގާ ފީ ދެގުނައަށް ބޮޑުވެފައިވާކަމަށާއި، އަދި އެމްޕީއެލުން ނަގާ ފީތައްވެސް ބޮޑުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތިލަފުއްޓާއި ގުޅިފަޅުން ކުއްޔަށް ދޫކުރާ ބިންތަކުގެ އަގުވެސް ބޮޑުވެފައިވާކަމަށާއި، އެހުރިހާ އަގުތައް ތަކެތީގެ އަަގަށް އިތުރުވީ ކަމަށެވެ.

ތަކެތީގެ އަގުހެޔޮކުރުމަށް ސަރުކާރަށް ކުރެވިދާނެކަމަކާ ގުޅޭ ގޮތުންވެސް ސަލީމު ވާހަކަދެއްކެވިއެވެ. އެގޮތުން ސަލީމު ވިދާޅުވީ ރައްޔިތުންނާއި ވިޔަފާރިވެރިން އަތުން ނަގަމުންދާ ފައިސާތައް ނެގުން މަދުކޮށްފައި ސަރުކާރުގެ ޚަރަދު ކުޑަކުރަންވީ ކަމަށެވެ.

މި ލިއުމާއި ގުޅޭ