Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އާމިރު

އަގުތައް އުފުލުމުގެ ސަބަބުން ބޮޑުކުރާ މުސާރައިން ލިބޭ ހިތްހަމެޖެހުމެއް ނެތް: އާމިރު

ސަރުކާރުން ބައެއް ދާއިރާތަކުގެ މުސާރަތައް ބޮޑުކުރި ނަމަވެސް މުދަލާއި ޚިދުމަތުގެ އަގުތައް އުފުލުމުގެ ސަބަބުން ބޮޑުވާ މުސާރައިން ލިބޭ އެއްވެސް ހިތްހަމަޖެހުމެއް ނޯންނަކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ވިދާޅުވެއްޖެއެވެ.

މުދަލާއި ޚިދުމަތުގެ އަގުތައް ބޮޑުވުމާ ގުޅިގެން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް މުދަލާއި ޚިދުމަތުގެ އަގު ވަކި މިންވަރެއްގައި ހިފަހެއްޓުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވައިލާ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުން އާމިރު ވިދާޅުވީ، ކަމެއް ރަނގަޅުކުރަން އެދި މެންބަރަކު ޤަރާރެއް ހުށަހެޅުއްވުމުން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން އެކަމެއް މުޅިން އެހެން ގޮތަކަށް ބަދަލުކޮށްގެން ވާހަކަދައްކަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ކުއްލި މައްސަލައާއި ޤަރާރުތައް މަޖިލީހަށް ހުށަހެޅުމަކީ މަޖިލީހުގެ ކޮންމެ މެންބަރަކަށްވެސް އޮންނާނެ ހައްގެއް ކަމަށެވެ.

"ދެންހަމައެއާއެކު، ރައްޔިތުންގެ ކަންބޮޑުވުންތައް ހުރެގެން ހެޔޮނިޔަތުގައި އެކަން އިސްލާހުކޮށްދިނުން އެދި ސަރުކާރުގައި ދަންނަވާލާ ދަންނަވާލުމަކުން ބަޔަކު ކަންބޮޑުވެގެން ބަޔަކު އެހެން ގޮތަަކަށް ހަޅޭއްފަޅޭއް ޖަހަންޖެހޭކަމަށް ނުދެކެން،" އާމިރު ވިދާޅުވިއެވެ.

އާދަމް ޝަރީފު ހުށަހެޅުއްވި ޤަރާރާމެދު ވާހަކަދައްކަވަމުން އާމިރު ވިދާޅުވީ ސިޔާސީ މަޤުޞަދެއް ހާސިލުކުރުމަށް މުސާރަތައް ބޮޑުކުރާ ބޮޑުކުރުމަކުން ރައްޔިތުންނަށް އުފަލެއް ނުލިބޭ ކަމަށެވެ. މުސާރަ ބޮޑުކުރުމުން އުފަލެއް ނުލިބޭ ސަބަބެއްކަމަށް އޭނާ ވިދާޅުވީ މުސާރަތައް ބޮޑުކުރާ މިންވަރަށްވުރެ އެތައް ގުނައެއް ބޮޑަށް މުދަލާއި ޚިދުމަތުގެ އަގުތައް ބޮޑުވަމުން ދިއުމެވެ.

"އަޅުގަނޑުމެން އެކިއެކި ސިޔާސީ ބޭނުމަށް ކިތަންމެ ވަރަކަށް މުސާރަތައް ބޮޑުކުރިޔަސް، އެ ބޮޑުކުރާ މުސާރައަށްވުރެ އެތައް ގުނައެއް ތަކެތީގެ އަގުބޮޑުވެގެންދޭ، ޚިދުމަތުގެ އަގުބޮޑުވެގެންދޭ. އެހެންވީމާ އެ މުސާރަ ބޮޑުކުރާ ކުރުމަކުން ލިބޭ ހަގީގީ ހިތްހަމަޖެހުމެއް ނެތް،" އާމިރު ވިދާޅުވިއެވެ.

އަދި ހަގީގީ މާނައިގައި ރައްޔިތުންނަށްޓަކައި ހެޔޮ ވެރިކަމެއް ކުރުމަކީ މުދަލާއި ޚިދުމަތުގެ އަގުތައް އެއް ދުވަހަށްވުރެ އަނެއް ދުވަހު ހެޔޮވާނެ ނިޒާމެއްގެ ތެރެއިން ކަންކަން އިންތިޒާމުކުރުންކަމަށް އާމިރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ތަކެތީގެ އަގު ކުޑަވެގެންނޫނީ ރައްޔިތުންނަށް ރައްކާކުރެވޭ ފައިސާގެ މިންވަރު އިތުރުނުވާނެ ކަމަށެވެ.

ފާއިތުވި ރަމަޟާން މަހުން މިސާލު ދައްކަވަމުން އާމިރު ވިދާޅުވީ އޭނާއަކީ ފާއިތުވި ރަމަޟާންމަހުގެ ކޮންމެ ދުވަހެއްގައި ބާޒާރަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. "ނިމިދިޔަ ރަމަޟާންމަހަކީ ހަމަގައިމުވެސް ތަކެތީގެ އަގު ބޮޑުވެފައިވާ މިންވަރު ބާޒާރަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެނގޭނެ،" އާމިރު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުބޮޑުވާތީ ރާއްޖޭގައި މުދަލުގެ އަގު އުފުލެނީކަމަށް ވިދާޅުވެ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ދައްކަވާ ވާހަކަފުޅަށް ރައްދުދެއްވައި އާމިރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ބޮޑުވެގެން ރައްޔިތުންނަށް މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވާ ތަނެއް ދުވަހަކުވެސް ނުފެންނަ ކަމަށެވެ.

އާމިރުގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވީ ތަކެތީގެ އަގުބޮޑުވާތީ ޝަކުވާކުރުމުން ޖެހިގެން އަންނަ ދުވަހު މުސާރަތައް ބޮޑުކުރުމުން އަނެއްކާ ޖެހިގެން އަންނަ ދުވަހު އިތުރަށް ތަކެތީގެ އަގު އުފުލޭ ކަމަށެވެ. އެހެންކަމުން މުދަލާއި ޚިދުމަތުގެ އަގު ކުޑަވާނެ ނިޒާމަކަށް ސަރުކާރުން މަސައްކަތްކުރަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ