Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

ހީނަރުވެފައިވާ ގުޅުން ބަދަހިކުރެއްވުމަށް ބްލިންކެން މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައިފި

ސަޢުދީ ޢަރަބިއްޔާއާއި އެމެރިކާގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ސަޢުދީ ޢަރަބިއްޔާގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުމާމެދު މަޝްވަރާކުރައްވައިފިއެވެ.

ސައުދީ ޢަރަބިއްޔާގެ ނޫސް އެޖެންސީ އެސްޕީއޭއިން ބުނި ގޮތުގައި މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި، ތަފާތު އެކި ދާއިރާތަކުގައި އެއްބާރުލުން ދިނުމާއި، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ އެކި މައްސަލަތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ބްލިންކެން ސައުދީއަށް އަންގާރަދުވަހު ވަޑައިގެންނެވިއިރު، އީރާނާ އޮންނަ ގުޅުންތަކާއި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރަށް ތެލުގެ އަގު ފަދަ އެތައް މައްސަލައެއްގައި ދެ ޤައުމުގެ ވިސްނުން ތަފާތުވެ ދެބަސްވުން ބޮޑުވެ ގުޅުން ހީނަރުވެފައިވެއެވެ.

ބްލިންކެން ސައުދީގެ ވެރިރަށް ރިޔާޟަށް ވަޑައިގަތީ އެ ޤައުމުން ތެޔޮ އުފައްދާ މިންވަރު ވަރަށް ބޮޑަށް މަދުކުރަން ނިންމާފައިވާކަން ސަޢުދީ ޢަރަބިއްޔާއިން އިއުލާނުކުރިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ.

ސައުދީގައި އީރާނުގެ ސަފާރާއެއް ނެތި 7 އަހަރުވުމަށްފަހު، އީރާނުން ސައުދީގައި އެ ޤައުމުގެ ސަފާރާއެއް ހުޅުވާފައިވަނީވެސް ބްލިންކެން ސައުދީއަށް ވަޑައިގެންނެވި ދުވަހުއެވެ.

ބްލިންކެންގެ މި ޒިޔާރަތަކީ އެމެރިކާއާއި ހުޅަނގުގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވެފައިވާ އީރާނާއި ޒަމާނުއްސުރެ ހުޅަނގާ ގާތް ގުޅުމެއް ބާއްވާ ސައުދީގެ މެދުގައި ކެނޑިފައި އޮތް ޑިޕްލޮމެޓިކް ގުޅުން ދެ ޤައުމުން އިއާދަކުރިފަހުން އެމެރިކާގެ އިސްވެރިޔަކު ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.

އީރާނާއި ސައުދީގެ މެދުގައި ޗައިނާ މެދުވެރިވެގެން އެކުލަވައިލެވުނު އެއްބަސްވުމުގައި ދެ ޤައުމުން ސޮއިކުރުމުން އެމެރިކާއިންވަނީ މަރުހަބާ ކިޔާފައެވެ.

ބުދަދުވަހުގެ ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އިޤުތިޞާދީ ދާއިރާއާއި ސާފު ހަކަތައިގެ ދާއިރާއިން އެއްބާރުލުން ދިނުމާމެދު މަޝްވަރާކުރެވުނުކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ ބަދަހިވާނީ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ސައުދީން ހާސިލުކުރާ ކުރިއެރުމުގެ މައްޗަށްކަން ފޮރިން ސެކްރެޓަރީގެ ވާހަކަފުޅުގައި ފާހަގަކުރެއްވި،" ސްޓޭޓު ޑިޕާޓުމެންޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ސައުދީއަށް ވަޑައިގަތުމުގެ ކުރިން ބްލިންކެންވަނީ ސައުދީއާއި އިސްރާއީލުގެ މެދުގައި އޮތް ގުޅުން ރަނގަޅުކޮށް ޠަބީޢީ ހާލަތަށް އެ ގުޅުން ގެނައުމުގައި އެމެރިކާގެ ޙަޤީޤީ ސަލާމަތީ މަސްލަހަތު އެކުލެވިގެންވާކަމަށް ވިދާޅުވެފައެވެ.

ސައުދީއާއި އިސްރާއީލުގެ ގުޅުން ތަބީއީ ހާލަތަށް އިއާދަކުރުމަކީ ފަސޭހަކަމެއް ކަމުގައި އެމެރިކާއިން ޤަބޫލުނުކުރި ނަމަވެސް އެ ނަތީޖާއަށް ވާސިލުވުމަށް އެމެރިކާއިން އަބަދުވެސް މަސައްކަތްކުރާނެކަމަށް ބްލިންކެން ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ