ހަމަ ބުއްދި ގެއްލިފައިވާ ނުވަތަ ވިސްނުމުގެ ބާރު ނެތް މީހަކާއެކު ޖިންސީ ގުޅުން ހިންގުމުގެ ކުށުގައި މީހަކު 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޖިސްމާނީ ގޮތުން އަމިއްލައަށް ދިފާއުވުމުގެ ބާރެއް ނެތް މީހެއްގެ މައްޗަށް ވެރިވެގަނެ އޭނާއާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގައި ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ލ. ކަލައިދޫ، ޑޭޒީމާގެ، އަހުމަދު ޝާކިރުގެ މައްޗަށެވެ.
އަހުމަދު ޝާކިރު މިދައުވާއަށް އިންކާރުކޮށްފައިވީނަމަވެސް ކްރިމިނަލް ކޯޓުން ބުނީ ލިބިފައިވާ ހެކިތަކަށް ބުރަވެ އެކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި 15 އަހަރަށް ޖަލަށް ލުމަށް ނިންމާފައިވާ ކަމަށެވެ.
ޖިންސީ ކުށުގެ ގާނޫނު އޮންނަ ގޮތުން، މިފަދަ މައްސަލަތަކުގެ ތަފުސީލު ހާމަކުރުމަކީ މަނާކަމެކެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓެއް ހިމަނާފައެއް ނުވެއެވެ.